ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ އަހަރީ ކޭމްޕްގައި ލޯފަން ކުދިންގެ ޖަމްއިއްޔާގެ ޓީމް މ.ވޭވަށާއި, މުލަކަށް ދަތުރުކޮށްފިއެވެ.

ތިން މިނިޓެއްހާއިރޔގެ ދުރުމިނެއް އޮތް ދެރަށުގެ ތެރެއިން ފުރަތަމަ ޒިޔާރަތްކުރީ ވޭވަށަށެވެ. ތިންސަތޭކަ ފަސްދޮޅަހެއްހާ މީހުންގެ އާބާދީގެ އެރަށުގައި ތަޖުރިބާއާއި, މައުލޫމާތު ހިއްސާކުރުމުގެ އެއް ސެޝަން ކުރިއަށް ގެންދިޔައެވެ. އެސެޝަންގައި ރަށުގެ މުއައްސަސާތަކާއި, ބެލެނިވެރިންނާއި, ސްކޫލްގެ ބައެއް ދަރިވަރުންވެސް ބައިވެރިވިއެވެ.
ވޭވަށުން މުލަކަށް ދަތުރުކުރީ ވޭވަށު ކައުންސިލުން ދަތުރު ހަމަޖައްސައިދީގެންނެވެ. މުލަކުގައި ދެ ސެޝަން ކުރިއަށް ގެންދިޔައެވެ. ފުރަތަމަ ސެޝަނަކީ މައުލޫމާތާއި ތަޖުރިބާ ހިއްސާކޮށްގެން ހޭލުންތެރިކުރުމަށް ބެލެނިވެރިންނަށް އަމާޒުކުރި ސެޝަނެކެވެ. ދެވަނަ ސެޝަން އަމާޒުކުރީ ރަށުގެ މުއައްސަސާތަކުގައި ޚިދުމަތް ދެއްވާ ފަރާތްތަކަށެވެ. އެ ސެޝަންގައި މައުލޫމާތާއު ތަޖުރިބާ ހިއްސާ ކުރުމުގެ އިތުރުން, ބައިވެރިން އަމަލީ ގޮތުން މަޝްވަރާކޮށް ލޯފަން ޒުވާނުންނަށް މުޖުތަމައުގައި ހުރި ގޮންޖެހުންތަކާއި, އެގޮންޖެހުންތަކުގެ ހައްލު ހިއްސާކުރިއެވެ.

ދެރަށުންވެސް ކައުންސިލާއި, އެހެން މުއައްސަސާތަކާއި, ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމަކާއި, އެއްބާރުލުމެއް ދެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްދެވޭނެ މަގަށް, އެހީތެރިކަން ފޯރުކޮށްދެވޭނެ އަދި ބައިވެރިވުން އިތުރުކުރެވޭނެ މަގަށް ކަންކަން ބައްޓަން ކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.