ލޯފަން ކުދިންގެ ޖަމްއިއްޔާ “ބްލައިންޑް އެންޑް ވިޜުއަލީ އިމްޕަޔަރޑް ސޮސައިޓީ އޮފް މޯލްޑިވްސް” ގެ އަހަރީ ކޭމްޕް މިފަހަރު އަމާޒުކޮށްފައި ވަނީ މ.އަތޮޅަށެވެ. މ.އަތޮޅުގެ ހުރިހާ ރަށަކަށް ކުރާ ދަތުރުގެ ފުރަތަމަ މަންޒިލަކީ މ.މުއްޔެވެ. މުލީގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ގެންދިޔަ ފުރަތަމަ ސެޝަން ދެގަޑި ތިރީސް މިނިޓަށް ދެމިގެން ދިޔައެވެ.

ސެޝަންތައް އަމާޒުކޮށްފައިވަނީ ލޯފަން ކުދިންގެ އަމިއްލަ ތަޖުރިބާ ހިއްސާ ކުރުމާއި, ކުރިމަތިވާ ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލުކުރުމުގެ މަޝްވަރާތައް ކުރުމަށެވެ. އަދި މުއައްސަސާތަކުން ސަމާލުކަން ދިނުން އެދޭ ކަންކަމާއި, މުޖުތަމައުގައި ތިބި ތަފާތު ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ބައިވެރިކުރުމަށް ބާރު އެޅުމެވެ.
މުލި ކައުންސިލް މެމްބަރު ސޮބާހު ވިދާޅުވީ ސެޝަނުން އޭނާ ފެންކަޅި ކޮށްލައިފި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ލޯފަން ކުދިންގެ ޖަމްއިއްޔާގެ ފަރާތުން އެދޭ ކޮންމެ ކަމެއްގައި މުޅި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެޖަމްއިއްޔާގެ ހަރަކާތްތައް މުލީގައި ބާއްވަން އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މުލީގައި ޖަމްއިއްޔާގެ ސެޝަން ކުރިއަށް ގެންދިއުމުގައި ކައުންސިލްގެ ވަރަށްބޮޑު އެއްބާރުލުމެއް ދެއްވިއެވެ. އަދި މ.އަތޮޅުގައި މިކޭމްޕް ކުރިއަށް ގެންދިއުމަށް މ.އަތޮޅު ކައުންސިލްގެ އެއްބާރުލުންވެސް ބޮޑެވެ. ދަތުރުގެ ކޯޑިނޭޓަރ ހުސެއިން ޝަރީފް ވަނީ އެކަން ފާހަގަކުރައްވާފައެވެ. ހުސެއިން އެދެނީ އެ އެއްބާރުލުން އަތޮޅުގެ އެހެން ރަށްރަށުންވެސް ލިބުމެވެ.