އޭދަފުށްޓަކީ ރާއްޖޭގައި މަޝްހޫރު ރަށެކެވެ. އޭދަފުށި މަޝްހޫރު ވަނީ ކުޅިވަރުގެ ރަށެއްގެ ގޮތުގައެވެ. އޭދަފުށި ޚާއްޞަ ވަނީ ފުޓްބޯޅައިން ނެވެ. މިއީ ފުޓްބޯޅައިގަ އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. މިރަށަށް މިއަތޮޅުގެ ރަށްތައް ފިޔަވާ އެހެން ހިސާބުތަކުން މީހުން ޒިޔާރަތްކުރާ މައިގަނޑު ސަބަބަކީ ކުޅިވަރެވެ. ކުޅިވަރާއި ގުޅުންހުރި ބޭނުންތަކެވެ. މުބާރާތްތަކަށް އަން ފަރާތްތަކާއި, މުބާރާތްތަކުގައި ކުޅެން އަންނަ ޒުވާނުން ގިނައެވެ. މީގެއިތުރުންވެސް ކުޅިވަރު މުބާރާތްތަކާ ގުޅިގެން ގިނަ ބަޔަކު މިރަށަށް ޒިޔާރަތްކުރެއެވެ.

މިއީ ކުޅިވަރުގެ ބޭރުން ޚާއްޞަ ކަންތައްތަކެއް ހިމެނޭ ރަށެއް ނޫނެވެ. ޗުއްޓީއަކަށް އަންނަން ބަލާއިރު އެނޫން ޚާއްޞަ ސަބަބެއް ނެތެވެ. އެހެންނަމަވެސް ތަރައްޤީގައި އޭދަފުށި ވަނީ ކުރިއެރުންތައް ހޯދާފައެވެ. މައިގަނޑު ހުރިހާ ވަޞީލަތްތައް ވަނީ ޤާއިމްކޮށްފައެވެ. ގިނަ ޚިދުމަތްތަކެއް އޭދަފުށިން ލިބެއެވެ. ނަތީޖާއަކީ އަތޮޅުގެ ރަށްރަށުން ހަމަ ކޮންމެ ދުވަހަކުމެ ގިނަ ބަޔަކު ޒިޔާރަތްކުރުމެވެ. އޭދަފުށިން ބީއެމްއެލްގެ ޚިދުމަތް ލިބެއެވެ. އިސްލާމިކް ބޭންކްގެ ގޮފި ހުޅުވި ޚިދުމަތްދޭން ފަށައިފިއެވެ. މީރާއާއި, ޕޯރޓްސް ލިމިޓެދްގެ ގޮތްޕެއްވެސް މިރަށުގައި ވަނީ ޤާއިމްކޮށްފައެވެ.
އަތޮޅު ހޮސްޕިޓަލް މިރަށުގައި ހުރުމަކީ އަތޮޅުން އެންމެ ގިނަބަޔަކު އޭދަފުއްޓަށް ޒިޔާރަތްކުރާ ސަބަބެވެ. އަތޮޅު ހޮސްޕިޓަލުން ގިނަ ޚިދުމަތްތަކެއް ލިބެން ހުރެއެވެ. މާލެއިން ބޭރުން އެންމެ ރަނގަޅު ސިއްޚީ ޚިދުމަތް ލިބޭ އެއް ރަށަށް ބ.އަތޮޅު ހޮސްޕިޓަލް ވާނެއެވެ. ތައުލީމީ ގޮތުންވެސް އޭދަފުށްޓަކީ ފާހަގަކޮށްލެވޭ ރަށެކެވެ. ރަނގަޅު ނަތީޖާ މިރަށުގެ ދަރުވަރުން އަންނަނީ ހޯދަމުންނެވެ.
އުމްރާނީ ތަރައްޤީގައިވެސް އޭދަފުށިން ވަނީ ކުރިއެރުންތައް ހޯދާފައެވެ. ރަށުގެ މައިގަނޑު ބޮޑަތި މަގުތަކުގައި ވަނީ ތާރު އަޅާފައެވެ. އެހެންކަމުން އޭދަފުށި ފާހަގަކުރެވެނީ ތަރައްޤީވެފައިވާ, ރަށުގައި ތިބެގެން ޚިދުމަތްތައް ލިބެން އޮތް ދިރިއުޅެން ފަސޭހަ ރަށެއްގެ ގޮތުގައެވެ.

ރަށުގެ ޒުވާނުން މައިގަނޑު ގޮތެއްގައި މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯރޓްތަކުގެ ތެރެއިން ބައެއް ރިސޯރޓްތައް ހުރީ ބ.އަތޮޅުގައެވެ. އެންމެ ގިނަ ރިސޯރޓް އޮތް އެއް އަތޮޅަކީވެސް ބ.އަތޮޅެވެ. މިރަށާ ގާތުގައި ރިސޯރޓްތައް ހުރުމާވެސް އެކު ރަށުގެ %80 ޒުވާނުން މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އޭގެތެރެއިން %90 ޒުވާނުން މަސައްކަތް ކުރަނީ ބ.އަތޮޅުގެ ރިސޯރޓް ތަކުގައެވެ.
މިއީ މައިގަނޑު ގޮތެއްގައި އޭދަފުށިން ފާހަގަކުރެވުނު ކަންކަމެވެ. ގުދުރަތީ ގޮތުން ބަލާއިރު މިއީ ޒިޔާރަތްކޮށްލަން ރީތި ރަށެއް ނޫނެވެ. އެހެން ނަމަވެސް ވަޞީލަތްތައް ޤާއިމްވެފައި ހުރުމާއި, ކުޅިވަރުގައި އެންމެ އުހުގައި އޮތް އެއް ރަށަށް ވުމަކީ މިރަށަށް ޒިޔާރަތްކޮށްލަން ހުރި ސަބަބުތަކެވެ. 3400 އެއްހާ މީހުންގެ މިއާބާދީ ރަހުމަތްތެރި އާބާދީއެކެވެ.

މިރަށަށް ދަތުރުކުރަން ފަސޭހަ މަގުތަކެއް ހުއްޓަސް, އަގު ބޮޑުވުމަކީ ދަތުރުފަތުރަށް އޮތް ގޮންޖެހުމެކެވެ. ލޯންޗް ދަތުރުން ދެ ގަޑިއިރުގެ ދަތުރަށް ކޮޅަކަށް 600 ރުފިޔާ ނަގައެވެ. މޫސުން ރަނގަޅު ނަމަ މިދޭތެރޭގެ ދަތުރަށް ދެގަޑިއިރުވެސް ހޭދައެއް ނުވެއެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިސްބަތުން ބޮޑު އަގެކެވެ. ރަށުގައި ގެސްޓް ހައުސްއެއް ނެތެވެ. އެހެން ނަމަވެސް ރަށުގެ ގޭގެއިން ކުއްޔަށް ކޮޓަރި ލިބެއެވެ. ކެއިން ބުއިމަށް އެކި ފަންތީގެ ހޮޓާ ރެސްޓޯރަންޓްތައް އެބަހުއްޓެވެ. މިއީ އޭދަފުށިން ފާހަގަކުރެވުނު ކަންކަމެވެ. މިރަށަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތަކަށް އެހީއަކަށް ވާނެކަމަށް އުއްމީދުކުރަމެވެ.
