63 އަހަރުގެ އަބުދުލް މަންނާނުގެ ކުޑަ ވިޔަފާރިން ލިބޭ ބޮޑު ނަފާ!

702

އޭނާއަކީ ތުލުސް ދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާ މީހާއެވެ. އޭނާ އަކީ އެރަށުގެ ދެ ގެސްޓް ހައުސްއެއްގެ ސެކިއުރިޓީވެސް ބަލަހައްޓާ މީހާއެވެ. އޭނާއަކީ އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ސުވެނިއަރ ވިއްކާ ވިޔަފާރިވެރިޔާއެވެ. އޭނާ އަކީ އިސް ރަށްވެއްސެކެވެ. އެއީ ކ.ތުލުސްދޫ އަބުދުލް މަންނާނެވެ.

މަންނާނު އޭނާގެ ގާޑިޔަލުގައި ވިޔަފާރިކުރަނީ

އެކި ދަންފަޅިތަކުގައި ސެކިއުރިޓީ ބަލަހައްޓަމުން އޭނާ ކުރާ ވިޔަފާރިއަކީ ފަތުރުވެރިންނަށް ބޭނުންވާ ހަދިޔާގެ ބާވަތްތައް ވިއްކުމެވެ. އެމަސައްކަތް އޭނާ ކުރަނީ ރަށުގެ ދެ ގެސްޓް ހައުސްއެއްގެ ސެކިއުރިޓީ ބަލަހައްޓަމުން, އެކަމަށް ހޭދަކުރާ ވަގުތުގެ ތެރޭގައެވެ. އޭނާ އެކަމަށް ޚާއްޞަކޮށްފައިވާ ގާޑިޔާ ނުވަތަ ފިހާރަ ހުންނަނީ ދެ ގެސްޓް ހައުސްގެ މެދުގައި ފަތުރުވެރިންނަށް ޚާއްޞަ ބީޗް ސަރަހައްދުގައެވެ.

އަބުދުލް މަންނާނުގެ މަސައްކަތުގެ ފެށުމަކީ މޭޒެއް ބަހައްޓައިގެން ފަތުރުވެރިންނަށް ކުރުނބާ ވިއްކުމެވެ. ވިޔަފާރި އެހެން ހަރުފަތަކަށް ގެންދިޔައީ ގެސްޓްހައުސްތަކުގެ ވެރިންގެވެސް އެދުމުގެ މަތިން, އެމީހުންގެވެސް އެއްބާރުލުމާއެކު ތަޅުލެވޭ ގާޑިޔަލެއް ހަދައިގެންނެވެ. މިގޮތަށް ވިޔަފާރި ކުރާތާ އަދިވީ ދޮޅު އަހަރެވެ.

މިހާރު މަންނާނުގެ ވިޔަފާރި ގާޑިޔަލުން ތަފާތު ގިނަ ބާވަތްތައް ލިބެއެވެ. އެކަމަކު އެއީ މުޅިންވެސް ރާއްޖެއިން ބޭރުން އެތެރެކުރާ ބާވަތްތަކެވެ. ގިނައީ އިންޑިޔާއިން އެތެރެކުރާ ބާވަތްތަކެވެ. އެގާޑިޔަލުގައި ވިއްކަންހުރި ބޮއްޔަކީވެސް އެތެރެކޮށްފައިވާ ބޮއްޔެވެ. މިއީ ހަގީގަތުގައި ޤައުމީ ފެންވަރެއްގައި ހައްލެއް ހޯދަން ޖެހޭ ކަމެކެވެ. ދިވެހި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހަދިޔާގެ ގޮތުގައި ދިވެހި އުފެއްދުންތައް ވިއްކޭނެ, ލިބޭނެ ފަހި ގޮތްތައް ހަމަޖެހެން އެބަޖެހެއެވެ.

ރޭގަނޑު ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށްފަހު މަންނާނު ފަތުރުވެރިންނާ ބައްދަލުކުރަނީ ހެނދުނު ދިހައެއް ޖަހާއިރުއެވެ. އެތަނުން އޭނާ ނުފެންނަ ވަގުތަކީ ނަމާދު ވަގުތެވެ. އެނޫން ވަގުތުތަކުގައި ވިޔަފާރީގައި ހަރަކާތްތެރިކަމާއެކު މަސައްކަތްކުރަނީ ނުހަނު ޝައުގާއެކުއެވެ. އިނގިރޭސި ބަހުން ފަތުރުވެރިންނާ ރަނގަޅަށް މުއާމަލާތްކުރެއެވެ. އެވިޔަފާރިން އެކަށީގެންވާ ނަފާ ލިބެއެވެ. ސީޒަން ތެރޭގައި ނަމަ އެވްރެޖްކޮށް ދުވާލަކަށް 600 ޑޮލަރެވެ. އޮފް ސީޒަންގައި އެންމެ ދަށްކޮށް ލިބޭ ދުވަސްތަކުގައި 50 ޑޮލަރެވެ.

ގާޑިޔާ ހެދިފަހުން ވިޔަފާރި ވަރަށް ރަނގަޅު. ނަމާދަށް ދާންވީމަ މިތަން ހުރިގޮތަށް ތަޅުލާފަ ދެވޭ, ކުރިން ޖެހޭނީ އެއްޗިހިތައް ނަގާ ކޮތަޅަކަށްލާފަ ދާން. ވިޔަފާރިވެސް ހަމަ ވަރަށް ރަނގަޅު.

އަބުދުލް މަންނާނު

މަންނާނުގެ ވިސްނުމަކީ ވިޔަފާރި އިތުރަށް ފުޅާކުރުމެވެ. އެކަމަށް ކައުންސިލްގެ ހުއްދަ ބޭނުންވާތީ އެހުއްދައަށް އޭނާ ވަނީ އެދިފައެވެ. ކުއްޔެއް ނަގާގޮތަށްވެސް އެފަދަ ހުއްދައެއް ލިބުމުން ވިޔަފާރި ކުޅާކުރަން މަންނާނު ހުރީ ތައްޔާރަށެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.