ބ.ކުޑަރިކިލު: ރަށް ކުޑަ, އާބާދީ މަދު, އެކަމަކު ތަރައްޤީގެ މަޝްރޫޢުތައް ގިނަ

779

އާބާދީއާ ހަމައިން ފަށާނަމަ މިއީ 670 އެއްހާ މީހުންގެ ކުޑަ އާބާދީއެއް އޮތް ކުޑަ ރަށެކެވެ. އިހަށް ދުވަހާ ހަމައަށް ލަފާފުރުން ދަތި, ވީރާނާވެފައިވާ ބަނދަރެއް އޮތް ރަށެކެވެ. ރަށުގެ އުމްރާނީ ތަރައްޤީއަށް މަސައްކަތްތަކެއް ކުރެވިފައި ނެތް ރަށެކެވެ. އެކަމަކު މިއަދު ހާލަތު ބަދަލުވެއްޖެއެވެ. ބަދަލުވަނީއެވެ.

ކުޑަރިކިލު ބަނދަރު ހަދާފައި

600 ފޫޓް 250 ފޫޓްގެ ބަނދަރެއް ހަދާ ނިންމާ, ލަފާފުރުމުގެ ދަތިތަކަށް ރަނގަޅު ހައްލެއް ހޯދައިދީފިއެވެ. އެއާއެކު ރަށްގިރުމުގެ މައްސަލައަށްވެސް ހޯދައިދިނީ ހައްލެވެ. ރަށުގެ ވަށައިގެން ބޮޑު ސަރަހައްދެއްގައި ބޮޑު ހިލައިގެ ތޮއްޓެއް ލައިފިއެވެ. ކުޅިވަރު ކުޅޭނެ ވަޞީލަތްތަކެއް ނެތް މިރަށުގައި ފުރަތަމަ ނިންމީ ފުޓްސަލް ދަނޑެކެވެ. ދައުރުގެ ކުރީކޮޅު ނިންމި އެދަނޑުގެ ޓާފް އަލުން ބަދަލުކުރުމުގެ މަސައްކަތްވެސް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. ޒަމާނީ އައުޓްޑޯ ވޮލީކޯޓެއް ނިންމީ ރޮސްޓްރަމްއާއި, ފާޚާނާވެސް ހިމެނޭ ގޮތަށެވެ. އައުޓްޑޯ ޖިމެއް ތަރައްޤީކޮށް ބޭނުންކުރަން ފަށައިފިއެވެ. ބޮޑު ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ހަވާލުކޮށްފިއެވެ.

ކުޑަރިކިލު ފުޓްސަލް ދަނޑު

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބުދުލްހަންނާން ވިދާޅުވީ އުމްރާނީގޮތުންވެސް އެހެން ގޮތްގޮތުންވެސް ވޭތުވެދިޔަ ސަރުކާރުތަކުން މިރަށަކަށް މާބޮޑު ކަންތައްތަކެއް ކޮށްދީފައެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ މިދައުރުގައި ވަރަށްގިނަ ކަންތައްތަކެއް ކޮށް ނިމިފައިވާކަމަށް ވިދާޅުވިއެވެ.

 ޚާއްޞަކޮށް ކުޑަރިކިލު ރައްޔިތުންނަށް އެންމެ ދަތި އުނދަގޫކަމެއް ތަހައްމަލުކުރަން ޖެހުނު ބަނދަރުގެ މަސައްކަތް މިވަނީ ރައްޔިތުން ބޭނުންވިގޮތަށް ކޮށް ނިންމާދެއްވާފަ. ހަމައެއާއެކު ރަށްގިރުން ހުއްޓުވުމަށްޓަކައި ރަށުގެ ބޮޑު ސަރަހައްދެއްގައި ބޮޑުހިލާގެ ތޮއްޓެއް ލެވި ނިމިފަ. ހަމައެއާއެކު ކުޅިވަރުގެ ދާއިރާއިން މިއިންޒަމާނެއްގައިވެސް ރަށަކަށް, ޚާއްޞަކޮށް ކުޑަރިކިލަށް ކޮށްނުދޭވަރުގެ ބޮޑު ޚިދުމަތްތަކެއް މިވަނީ ރައީސް ކޮށްދެއްވާފަ.

އަބުދުލް ނަންނާން އައްބާސް/ ކުޑަރިކިލު ކައުންސިލްގެ ރައީސް

އަސާސީ ޚިދުމަތްތައް ޤާއިމްކުރުމަށް ހިންގަވާ މަޝްރޫޢުތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. މިހާރު ކުރަމުންދާ މަސައްކަތްތަކުގައި ކުޑަރިކިލުގެ ގިނަ ބަޔަކު މަސައްކަތުގައި ޝާމިލްވެއެވެ. ނަތީޖާއަކީ އެމަޝްރޫޢުގެ ތެރެއިން ރަށަށް އާމްދަނީ ވަނުމެވެ. ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ދެ ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތްވެސ މިހާރު ވަނީ ފަށާފއެވެ. އެމަސައްކަތް 174 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. ރަށުގައު ހުރި އާސާރީ މިސްކިތް މަރާމާތުކޮށް, އިހުރު ހުރިގޮތަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތް ވަނީ ފަށަން ތައްޔާރުވެފައެވެ. އެކަމަށް ބޭނުންވާ ސާމާނު ރަށަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސަރުކާރުން ތަކެތި ދެއްވުމުން އެމަސައްކަތް ކޮށްދެއްވަނީ އިޖުތިމާއީ ޒިންމާގެ ދަށުން ރޯޔަލް އައިލެންޑް ރިސޯރޓުންނެވެ.

ކުޑަރިކިލު ޖިމް

މިރަށުގައި ފުލުހުންގެ ޚިދުމަތް ފެށުމަށްވެސް ވަނީ ތައްޔާރުވެފައެވެ. ކައުންސިލްގެ އިމާރާތެއް ކުއްޔަށް ނަގައިގެން ޚިދުމަތް ފަށަން އެއިމާރާތް ވަނީ ތައްޔާރުކޮށްފައެވެ. ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައެވެ.

ކުޑަރިކިލުން ފާހަގަކުރެވުނީ އާބާދީ މަދުކަމާއެކުވެސް ތަރައްޤީގެ ސަފުން ބާކީނުވެ, އެކި މަރުހަލާގައި މަޝްރޫޢުތައް ހިނގަމުންދާކަމެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.