ކުޑަފަރިން ފެންނަ ތަރައްޤީ, ތައުލީމީ ދާއިރާއަށްވެސް ބޮޑު ބަދަލެއް!

451

އެންމެ އަސާސީ އެއް ޚިދުމަތަކީ ފެނާއި ނަރުދަމާއެވެ. ނ.ކުޑަފަރީގެ ފެނާއި ނަރުދަމާގެ ޚިދުމަތް ނިމިއްޖެއެވެ. ކަރަންޓްގެ ޔަޤީންކަން ހޯދައިދީ ޚިދުމަތް ފުޅާކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން 400 ކިލޯވޯޓްގެ ޖަނަރޭޓަރެއް އިތުރުކޮށްފިއެވެ. ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކުޑަފަރި ފެންޕްލާންޓް

ތައުލީމީދާއިރާއަށް ގެންނަ ބަދަލުތަކުގެ ތެރެއިން ޖާގަ އިތުތުކުރުމަށް ކުރެވޭ މަސައްކަތް ބޮޑެވެ. މަލްޓިޕާޕަސް ހޯލާއި އަށް ކްލާސްރޫމްގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. ކުޑަފަރި ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ މިއީ އުމުރާނީ ގޮތުން އެރަށު ސްކޫލްގައި ކުރެވޭ އެންމެ ބޮޑު މަސައްކަތް ކަމަށެވެ. އަދި ތައުލީމީ ދާއިރާއަށް ޖުމްލަކޮށް ބޮޑަތި ކުރިއެރުންތަކެއް ގެންނަވައިފިކަން ފާހަގަކުރެއްވިއެވެ.

ތައުލީމީދާއިރާގެ މުސާރައިގެ ކުރިއެރުމާއި, މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ އެލަވަންސެއް ހަމަޖެއްސުމަކީވެސް މިދާއިރާގެ ބޭފުޅުން ފާހަގަކުރާކަމެއް. މިފަދަ ކުޑައާބާދިއަކަށް ދެ ސްޓްރީމަށް, ސައިންސާއި ބިޒްނަސް ސްޓްރީމަށް ކިޔަވައިދިނުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ އަޅުގަނޑު ވަރަށް ފާހަގަކުރާކަމެއް. އަދި ތިން އިހުތިޔާރީ މާއްދާ ނެގުމުގެ ފުރުޞަތުވެސް އެބައޮތް. ބޭނުންދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުޞަތު އެބައޮތް މިރަށުގައި އާބާދީ ކުޑަނަމަވެސް.

އަހުމަދު ހުސައިން/ ކުޑަފަރި ސްކޫލްގެ ޕްރިންސިޕަލް

ކުޅިވަރުގެ ދާއިރާއިން ބޮޑަތި ބަދަލުތަކެއް ގެނެސްފިއެވެ. ޓާފް އެޅި ބޮޑު ފުޓްބޯޅަ ދަނޑު ނިމިއްޖެއެވެ. ދަނޑުގެ ޗޭންޖިންގ ރޫމާއެކު ކްލަބް ހައުސްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެތަނުގައި ޗޭންޖިންގ ރޫމްގެ އިތުރުން ޖަމްއިއްޔާ އޮފީހާއި އިންޑޯ ޖިމް ހިމެނެއެވެ. އައުޓްޑޯ ޖިމްވެސް މުޅިން ނިމި ބޭނުންކުރެއެވެ.

މަލްޓިޕާޕަސް ހޯލާއި 8 ކްލާސްރޫމްގެ މަސައްކަތް ދަނީ ކުރަމުން

ކުޑަފަރީގައި ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމްކުރީވެސް މިދައުރުގެ ތެރޭގައެވެ. ކުރިއަށް އޮތް އެންމެބޮޑު މަޝްރޫއަކީ ޞިއްޙީމަރުކަޒުގެ އާއިމާރާތުގެ މަސައްކަތެވެ. އެކަމަށް ކަނޑައަޅާފައިވާ ބިން ސާފްކޮށް މަސައްކަތް އަމަލީ ގޮތުން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ރަށު ރައްޔިތުންގެ ކަންބޮޑުވުމެއްގެ ގޮތުގައި އޮތް ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ގިރާ ސަރަހައްދު ހިމާޔަތްކުރުންވެސް ވަނީ ހަވާލުކޮށްފައެވެ.

މިމަޝްރޫއުތަކާއެކު ކުޑަފަރިއަށްވެސް ބޮޑު ބަދަލެއް އަންނާނެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.