މާޅެންދޫގެ ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ އުމްރާނީ ތަރައްޤީ

642

މަގުމައްޗަށް ނިކުމެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ފެންނަނީ ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުންދާތަން

ފާތިމަތު ޝަހުދާ/ މާޅެންދު ރައްޔިތެއް

އޭނާ އެހެން ބުނަން ޖެހުނީ ސަބަބެއް ނެތިއެއްނޫނެވެ. ސަބަބުތައްވެސް ދެއްކިއެވެ. މާޅެންދޫގައި ފެނާއި ނަރުދަމާގެ ޤާއިމްކޮށް, އެޚިދުމަތް ރައްޔިތުންނަށް ލިބެމުންދާތާވެސް މަސްތަކެއް ވެއްޖެއެވެ. އަސާސީ އެންމެ މިހިއްމު ޚިދުމަތް ފުރިހަމަވީ އަދި ކިރިޔާއެވެ.

މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް އިންޖީނުގެ ބަދަލުކޮށް, ކަރަންޓްގެ މުޅި ނިޒާމް އަޕްގްރޭޑްކޮށްފިއެވެ. ކަރަންޓްގެ ޔަޤީންކަން ހޯދައިދިނީ 400 ކިލޯވޯޓްގެ އިތުރު ޖަނެރޭޓަރަކާއެކު ކޭބަލްތައްވެސް ބަދަލުކޮށްގެންނެވެ.

ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އާ ކައުންސިލް އިދާރާއެއް އަޅާ ނިންމައިފިއެވެ. ކުރިއަށް އޮގަސްޓް މަހު އެއިމާރާތަށް ބަދަލުވެވޭނެކަމަށް ކައުންސިލުން ޔަޤީންކުރެއެވެ.

ސިއްހީ ދާއިރާއިން ބަލާއިރު މަރުކަޒު ބޮޑުކުރުމަށް އާ އިމާރާތެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. އާއިމާރާތާއެކު ޚިދުމަތް ފުޅާވެގެންދާނީ ލެބޯޓްރީގެ ޚިދުމަތާއެކުއެވެ. އާ އެމްބިއުލެންސެއް މިހާރުވެސް ވަނީ ލިބިފައެވެ.

ސްކޫލް މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ކުރަމުންދަނީ 8 ކްލާސްރޫމްވެސް ހިމެނޭ ގޮތަށެވެ. ޖާގައިގެ ދަތިކަން މުޅިން ހައްލުވެގެންދާނެއެވެ. މި މަޝްރޫޢު ނިމޭއިރު ދަތިކަމެއް ނެތި އެއް ދަންފަޅިއަށް ކިޔަވައިދިނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ކުޅިވަރުގެ ދާއިރާއިން ބަލާއިރު ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކޮށް ބޮޑު މަރާމާތެއްކޮށް ނިންމައިފިއެވެ. އައުޓްޑޯ ޖިމްއެއް ތަރައްޤީކޮށް މިހާރުވެސް ބޭނުންކުރެއެވެ. ޒުވާނުންގެ އުއްމީދުތައް މިހާރު ގުޅިފައިވަނީ ޓާފްއެޅި ބޮޑު ފުޓްބޯޅަ ދަނޑާއެވެ. އެކަން ވަނީ ބަޖެޓްކޮށްފައެވެ.

މުޅިން އާ މެޖިސްޓްރޭޓް ކޯޓެއް އެޅުމުގެ މަސައްކަތްވެސް ވަނީ ފެށުމުގެ މަރުހަލާގައެވެ. މައުންސިލުން ކުރިއަށް ގެންދާ މަޝްރޫއެއްގެ ގޮތުގައި އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ.

ރަށުގައި ބަނދަރެއް އޮތަސް ލަފާފުރުމުގެ ދަތިކަން މާޅެންދުއަށް ވަނީ ކުރިމަތިވެފައެވެ. އިރުވައި މޫސުމުގައި ލަފާފުރަން މިހާރު އޮތް ބަނދަރަކީ ހައްލެއް ނޫނެވެ. އެކަން ހައްލުކުރަން އާ ބަނދަރެއް ހެދުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. އެމަޝްރޫޢު ނިމިގެން އަންނާނީ ރަސްގިރުމުގެ މައްސަލައަށްވެސް ހައްލު ހޯދައިދީގެންނެވެ. ބަނދަރު މަޝަރޫޢުގައި މިހާރު ކުރަމުންދަނީ އީއައިއޭގެ މަސައްކަތެވެ.

މާޅެންދޫގެ އާބާދީއަކީ ހާހެއްހާ މީހުންނެވެ. އެކަމަކު މަޝްރޫއުތައް ހުރީ ހާހެއްގެ އާބާދީއަކަށްވުރެ މާ މަތީގައެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.