އުމްރާނީ ތަރައްޤީ ފުރިހަމަވެ, ބަދަލުވެފައިވާ ކެނދިކުޅުދޫއަކަށް!

771

މިރަށުގެ ތަރައްޤީގެ ވާހަކަ ފަށާނީ އަސާސީ ޚިދުމަތްތަކުންނެވެ. ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ދަނީ ހިނގަމުންނެވެ. އެމަސައްކަތުގެ %90 ނިމިފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއްވިއެވެ. މިއީ އެންމެ އަސާސީ އެއް ޚިދުމަތެވެ.

ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ކުރަނީ

ރަށުގައި މިހާރު ފެންނަން ހުރި އެންމެ ޒަމާނީ ރީތި ފުރިހަމަ މިސްކިތަކީ މިދައުރުގެ ތެރޭގައި ބިންގާ އަޅާ ނިންމި މިސްކިތެކެވެ. 700 މީހުންގެ ޖާގައިގެ މިސްކިތުގެ މިހާރު ދަނީ ނަމާދުކުރަމުންނެވެ. މީގެއިތުރުން ރަށުގެ އެހެން މިސްކިތްތައްވެސް ވަނީ އޭސީކޮށްފައެވެ.

ކަރަންޓްގެ ޔަޤީންކަން ހޯދައިދިނުމަށް 800 ކިލޯވޯޓްގެ އާ ޖަނެރޭޓަރެއް އިތުރުކޮށް, ކޭބަލްތައް ވަނީ ބަދަލުކޮށްފައެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް އިންޖީނުގެ ބަދަލުކޮށް ޚިދުމަތް ދެމުން ދަނީ އާ އިންޖީނުގޭގައެވެ. ރަށުގެ މައި މަގުގައި ހުރީ ޒަމާނީ ރީރި ފެނަކަ އޮފީހުގެ އާއިމާރާތެވެ. އެއިމާރާތުގެ ކުރިމަތިން ހުރީ އޭޓީއެމް މެޝިނެވެ. އޭޓީއެމް މެޝިނާ ޖެހިގެން ހުރީ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަނެވެ. ފުލުހުންގެ ޚިދުމަތް ފެށީ މިދައުރުގެ ތެރޭގައެވެ.

ކެނދިކުޅުދޫ ފެނަކަ އޮފީހުގެ އާ އިމާރާތް

ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކްލާސްރޫމާއި, އޮފީސް އިމާރާތް ހިމެނޭ 3 ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސްކޫލް މަލްޓިޕާޕަސް ހޯލްގެ މަސައްކަތްވެސް ނިމުނީ މިދައުރުގެ ތެރޭގައެވެ.

ކުނިމެނޭޖްކުރުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމްކޮށް, އެކަމުގައި ރަނގަޅު ހައްލެއް ވަނީ ހޯދާފައެވެ. ކުޑަކުދިންގެ ޕާރކް މުޅިން ފުރިހަމަކޮށް ނިންމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކެނދިކުޅުދޫގައި މިހާރު އެއްގަމު ހުރިހާ އުޅަނދެއްގެ ލައިސަންސް ގެނެއެވެ. އޭގެ ލުއިފަސޭހަކަން އަތޮޅުގެ އެހެން ރަށްތަކަށްވެސް ދަނީ ކުރަމުންނެވެ. ކުޅިވަރުގެ ދާއިރާއިން ބަލާއިރު ޓާފް އެޅި ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާފައިވަނީ ރޭގަނޑުވެސް ބޭނުންކުރެވޭ ގޮތަށް ލައިޓް ޖަހައިގެންނެވެ. ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކޮށް މަރާމާތު ކުރުމާއި, އިންޑޯ ޖިމެއް ޤާއިމްކުރުމުގެ މަސައްކަތް އޮތީ ކުރިއަށެވެ. ޖިމަށް ބޭނުންވާ ސާމާނު ހުރީ ކެނދިކުޅުދޫގައެވެ.

ކެނދިކުޅުދޫ ޒަމާނީ މިސްކިތް

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރައުފް ވިދާޅުވީ ކެނދިކުޅުދޫގެ ތަރައްޤީއަށް އިޖުތިމާއީ ގޮތުންނާއި އުމުރާނީ ގޮތުން ބޭނުންވެފައިވާ ވަރަށްގިނަ ކަންކަން މިހާރު ފުރިހަމަވަމުން އަންނަ ކަމަށެވެ.

ތައުލީމީ ދާއިރާ, ސިއްހީ ދާއިރާ, އަދިވެސް ބަނދަރު, މަސްވެރިކަމަށް ކުރާ ޚަރަދު, ހުރިހާ ކަމެއްގައިވެސް ކެނދިކުޅުދޫގެ ތަރައްޤީއަށް އަޅުގަނޑުމެން ކާފަމެން އިރުންފެށިގެން އުއްމީދުކުރަމުން އައި ތަރައްޤީގެ ފެށުން ފެށި ކުރިއަށްދާކަން ފެންނަން އެބަހުރި. އެހަޤީޤަތް އަޅުގަނޑުމެން ޤަބޫލުކޮށް އަތޮޅުތެރޭގެ ތަރައްޤީގެ ބާނީ އިބްރާހީމް މުޙައްމަދު ޞާލިހަށް ވަރަށްބޮޑަށް ޝުކުރު އަދާކުރަން.

މުހައްމަދު ރައުފު/ ކެނދިކުޅުދޫ ކައުންސިލްގެ ރައީސް

ކެނދިކުޅުދޫގައި ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި ގޭދޮށު މަސްފެކްޓްރީގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ބަނދަރު ފުންކުރުމާއެކު, ބޮޑު ކުރުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފައިވަނީ އޮޑިއެހެލެވޭނެ އިންތިޒާމްތައް ހަމަޖެއްސުންވެސް ހިމެނޭގޮތަށެވެ.

ކެނދިކުޅުދޫ އޭޓީއެމް

ކުރިއަށް ބޮޑު ދެ މަޝްރޫއެއް އެބައޮތެވެ. އެއީ ކެނދިކުޅުދޫގެ ބޮޑަތި މަގުތަކުގައި ތާރު އެޅުމާއި, 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތެވެ. ތާރު އެޅުމުގެ މަސައްކަތް ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. ހޮސްޕިޓަލްގެ މަސައްކަތްވެސް ވަނީ ހަވާލުކޮށްފައެވެ. އެކަމަށް ބޭނުންވާ ބިމާއި, ސައިޓް ވަނީ ސާފްކޮށްފައެވެ. ދެން އޮތީ އަމަލީ ގޮތުން މަސައްކަތް ފެށުމެވެ. ޖޫނިއަރ ކޮލެޖަކީވެސް ކެނދިކުޅުދޫއާއި ނ.އަތޮޅުގެ ތަރައްޤީގެ ވަރަށް ވަރަށް މުހިއްމު ބައެކެވެ. އެކަން ހަޤީޤަތަކަށް ވުމަށް މުޅި ނޫނު އަތޮޅު އުއްމީދުކުރެއެވެ.

މިމަޝްރޫއުތަކާއެކު ކުރިއަށް އޮތްތަނުގައި ފެންނާނީ ބަދަލުވެފައިވާ, ތަރައްޤީގެ ކެނދިކުޅުދޫއެކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.