މިއީ ކުރިން 13 ހެކްޓަރުގެ ދިއްގަރެވެ. އެކަމަކު މިހާރު މިއީ 38 ހެކްޓަރުގެ ރަށެކެވެ. މިދައުރުގެ ތެރޭގައި މިރަށުގެ ބިމަށް ވަނީ 25 ހެކްޓަރު އިތުރުކޮށް ބޯހިޔާވަހިކަމަށް ބޮޑު އުއްމީދެއް ގެނެސްދީފައެވެ. މިރަށަށް ގެނައި އެންމެ ބޮޑު ބަދަލަކީވެސް ބިން ހިއްކުމެވެ. މިއީ ޒަމާނުއްސުރެ ރަށުގެ ރައްޔިތުން އެދެމުން ދިޔަކަމެކެވެ. މިވާހަކައެއް ދައްކާތާ ތިރީހަކަށް އަހަރުވެއްޖެއެވެ. ފިޔަވައްސެއް ނިމި އައި މަޑުޖެހުމަށްފަހު ހަޤީޤަތަކަށްވީ އަދިކިރިޔާއެވެ. މިދައުރުގެ ތެރޭގައި 25 ހެކްޓަރުގެ ބިން ހިއްކާ ބޯހިޔާވަހިކަމަށް ބޮޑު އުއްމީދެއް ގެނެސްދީފިއެވެ.

މީގެކުރިން އަޅުގަނޑުމެންގެ ރަށަކީ ތޭރަ ހެކްޓަރުގެ ރަށެއް. މިހާރު ފަންސަވީސް ހެކްޓަރު ހިއްކިގެން އަންނަނީ, މިހާރު އޮތް ރަށަށްވުރެ ދެގުނަ ބޮޑު ރަށެއް އިރާދަކުރެއްވިއްޔާ ހިއްކިގެންދާނީ, الله އިރާދަފުޅުން މިބިން ހިއްކިގެން ދިއުމުން ރަށުގެ ގޯތި ބޭނުންވާ ހަމަ ހުރިހާ ރައްޔިތުންނަށް ގޯތި ދެވޭވަރަށް ޖާގަ ލިބިގެންދާނެ.
އިސްމާއީލް މާހިދު/ ދިއްގަރު ކައުންސިލްގެ ނައިބު ރައީސް
ރަށުގައި ބިން ނެތުމުގެ ސަބަބުން ރަށަށް ލިބެން އޮތް ބޮޑު ފުޓްބޯޅަ ދަނޑާއި, ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނުފަށާ މަޑުޖައްސާލަން ޖެހުނުކަންވެސް ކައުންސިލުން ފާހަގަކުރެވިއެވެ. އެކަމަކު ބިން ހިއްކުމާއެކު މިހާރު އެމަސައްކަތްތައް ވަނީ ފެށުމުގެ މަރުހަލާގައެވެ.
މިރަށުގެ އިރުމަތީ ފަރާތުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އިރުވައި މޫސުމުގައި ހަމަނދި ނުލިބި ދިޔަ އަހަރުތަކަށް ނިމުން ގެނައީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫޢު ނިންމާލައިގެންނެވެ. މިދިޔަ ދެ އިރުވައިގަ އެ ރައްޔިތުންނަށް ހަމަނިދި ލިބުންކަން ރައްޔިތުން ފާހަގަކުރިއެވެ.
މިރަށު މީހުން ރޮއެރޮއެ ތިބީ މިރަށަށް ރާޅު އަރާތީވެ, މިތޮށީގެ މަސައްކަތް މިއީ މިރަށު މީހުން ވަރަށް ކުރަން ބޭނުވެފަތިބި މަސައްކަތެއް. މިސަރުކާރުން މިކަން ކޮށްދިނީމަ މިރަށު މީހުން ވަރށްބޮޑަށް އުފާވޭ
ދިއްގަރު ރައްޔިތެއް
ކުޅިވަރުގެ ދާއިރާއިން ބަލާއިރު ރަށުގެ ވޮލީކޯޓް ރަނގަޅު ފެންވަރަކަށް ހަދައި ބޭނުންކުރަން ފަށައިފިއެވެ. ރަށުގައި ކުރިން އަޅާފައިވާ އޮތް ފުޓްސަލް ދަނޑު ވަރަށްބޮޑަށް ހަލާކުވެފައިވުމުން މަރާމާތުކުރުމުގެ މަސައްކަތާއި އެކު ޓާފް ބަދަލުކުރުމުގެ މަސައްކަތްވެސް ފަށައިފިއެވެ.
ފެނަކަ އޮފީހުގެ އާ އިމާރާތެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިވަގުތު އެއޮފީހުގެ މުވައްޒަފުން މަސައްކަތްކުރަމުން ދަނީ ޖާގައިގެ ގޮތުން ދަތި ހާލަތެއްގައެވެ. މިހާރު ބޭނުންކުރާ އިންޖީނުގެ ހާމައަށް ވަނިކޮށް, ވަށާފާރު ރާނާ އިމާރާތް ވަކިކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. 400 ކިލޯވޯޓްގެ އިތުރު ދެ ޖަނެރޭޓަރާއެކު ކަރަންޓްގެ ޔަޤީންކަންވެސް ވަނީ ހޯދައިދީފައެވެ.

ޞިއްޙީ ދާއިރާއިން ބަލާއިރު އިތުރު އިމާރާތަކާއެކު މަރުކަޒު އަޕްގްރޭޑް ކުރުމުގެ ބޮޑު މަޝްރޫއެއް ނިންމައިފިއެވެ. ލެބޯޓްރީއާއެކު ޚިދުމަތްތަކަށްވެސް ބޮޑަތި ބަދަލުތަކެއް ގެނެސްފިއެވެ.
ކުޑަކުދިންނަށް ޚާއްޞަ ޕާކެއް ދިއްގަރުގައިވެސް ވަނީ ތަރައްޤީކޮށްފައެވެ. އެއީ ޔޫތް މިނިސްޓްރީން ކުޅޭ ސާމާނު ދިނުމުން ކައުންސިލުން ތަރައްޤީކުރި ޕާކެކެވެ.
ތައުލީމީ ދާއިރާއިން ބަލާއިރު އަދިވެސް ސްކޫލްގައި ޖާގައިގެ ދަތިކަން އެބައޮތެވެ. ސްކޫލްގައި މިހާރުހުރި މަލްޓިޕާޕަސް ހޯލަކީ އެކަށީގެންވާ ތަނަކަށްނުވާތީ މުޅިން އާ މަލްޓިޕާޕަސް ހޯލެއް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމަށް ކައުންސިލުން އުއްމީދުކުރެއެވެ.