އެއް ވަގުތެއްގައި, 3 ރަށެއްގައި ބޮޑު 3 ސަފާރީއާއެކު 5 އުޅަނދު ބަންނަނީ

742

މިއީ ރ.އަލިފުށި ރީފް އަބުދުއްރަހުމާން ޔޫސުފް (އަދުރޭ)ގެ ވާހަކައެވެ. އޭނާގެ ކިއްސަރު ވަޑާމުގެ ވާހަކައެވެ. އެމަސައްކަތުގެ ފެށުމާއި މިދިޔަ 22 އަހަރުގެ ތެރޭގައި ހޯދި ކުރިއެރުންތަކުގެ ވާހަކައެވެ.

އަދުރޭ އަލިފުށީގައި މަސައްކަތްކުރާ ސައިޓްގައި

ކިއްސަރު ވަޑާމުގެ ތެރެއަށް ވަދެ އަމަލީ ގޮތުން އަދުރޭ ފުރަތަމަ ކުރި މަސައްކަތަކީ 10 ބައްތެލި ބަނުމެވެ. އެއީ 2000 ވަނަ އަހަރު ޔުނިވަރސަލްއިން ހުޅުވާލި ފުރުޞަތެއްގެ ތެރެއިން ލިބުނު ޕްރޮޖެކްޓެކެވެ. އެކަން ކާމިޔާބުވުން ވެގެންދިޔައީ ކުރިއަށް ދިއުމަށް ދޮރުތަކެއް ހުޅުވުމަށެވެ. އިތުރު ފުރުޞަތު ތަކާއި, މަސައްކަތްތައް ލިބި ފުޅާކުރަން ފެށީއެވެ. އޭގެ ފަހުން ސަފާރީއެއް ބަންނަން ބޭނުންވި މީހަކާ ބައްދަލުވެ, ފުރަތަމަ ސަފާރީގެ މަސައްކަތްވެސް ފެށީއެވެ. އެސަފާރީގެ މަސައްކަތް ނިންމާ ކަނޑުމަތީގައިވެސް އެސަފާރީގައި އަހަރެއްހާ ދުވަސް ހޭދަކުރިއެވެ. އޭރު ހުރީ ހަމަ ރަނގަޅަށްވެސް ސަފާރީ ބަނުމުގެ ޝައުޤުވެރިކަން އުފެދިފައެވެ. ބައްތެލި ނުވަތަ ކުދި އުޅަނދު ފަހަރު ބަނުމަށް އޮތް ޝައުޤު ކުޑަވެފައެވެ. ސަފާރީ ބަނުމުގެ އިތުރު ފުރުޞަތުތައްވެސް ލިބުމާ ގުޅިގެންނެވެ.

ސަފާރީ ބަނުމަކީ ދިގު މުއަދަތެއް ނަގާ ކަމަކަށް ވާތީ ސަފާރީ ބަނުމުގައި ދެމިހުރުމާމެދު ދެވަނަ ވިސްނުމަކަށްވެސް ދިޔައެވެ. އެކަމަކު ބައްތެލިން ފެށި މަސައްކަތުގައި މިހާރު ބޮޑު އިސްކަމެއް ދެނީ ސަފާރީ ބަނުމަށެވެ. އެއީ މާލެދަތުރުކުރާ އުޅަނދާއި, މުދާ އުފުލާ ދޯނިތައްވެސް ދޫކޮށް ނުލައެވެ.

މިވަގުތު ތިން ރަށެއްގައި އެދަނީ ފަސް އުޅަނދު ބަންނަމުންނެވެ. އެއީ ކާށިދޫގައި ބަންނަ ސަފާރީއަކާއި, ވ.ރަކީދޫގައި ބަންނަ ސަފާރީއަކާއި, އަލިފުށީގައި ބަންނަމުންދާ ސަފާރީއެކެވެ. އެއީ މިލިއަން ޑޮލަރުގެ އަގުބޮޑު ތިން ސަފާރީ އެވެ.

އަދުރޭ ކާށިދޫގައި ބަންނަމުންދާ ސަފާރީގެ މަސައްކަތުގައި

ވ.ރަކީދޫގައި ބަންނަމުންދަނީ  151 ފޫޓްގެ ސަފާރީއަކެއެވެ. އެސަފާރީގެ މަސައްކަތް މުޅިން ނިންމާ އަންނަ އަހަރުގެ ޖެނުއަރީ މަހު މޫދަށް ބެލޭނެކަމަށް އަދުރޭ އުއްމީދުކުރެއެވެ. ކ.ކާށިދޫގައި ބަންނަމުންދާ 147 ފޫޓްގެ ސަފާރީގެ މަސައްކަތް ވަނީ މުޅިންހެން ނިމިފައެވެ. އެސަފާރީ އަންނަ އޮގަސްޓް މަހު މޫދަށް ބޭލޭނެކަމަށް އޭނާ ޔަޤީންކުރެއެވެ. އަލިފުށީގައި ބަންނަމުންދަނީ 135 ފޫޓްގެ ސަފާރީއެކެވެ. މީގެއިތުރުން މުދާ އުފުލާ އުޅަނދަކާއި, މާލެ ދަތުރުކުރާ އުޅަނދެއްގެ މަސްއަކަތްވެސް އަލިފުށީގައި މިހާރުވެސް ދަނީ ކުރަމުންނެވެ. އަދި މުޅިން ނިމި މޫދަށް ބާލަން ވެފައި ހުރި މުދާ އުފުލާ އުޅަނދެއްވެސް އަލިފުށީގައި އެބައޮތެވެ.

އަދުރޭ އޭނާގެ ބައެއް މުވައްޒަފުންނާއެކު ސަފާރީގައި

ވަޑާމުގެ މިމަސައްކަތުގައި އަދުރޭގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސައްތައިން ސައްތަ ދިވެހިންނާއެކު މަސައްކަތްތައް ނިންމާލެވުމެވެ. ވަޑާމުގެ ހުރިހާ މަސައްކަތެއްވެސް ކުރަނީ ދިވެހިންކަން އޭނާ ފާހަގަކުރިއެވެ. އެހިތްހަމަޖެހުމުގެ ތެރެއިން މަސައްކަތް ހަވާކުކުރާ ފަރާތްތަކުގެ އިތުބާރުވެސް ހޯދައިފިއެވެ. މަސައްކަތުގެ އެންމެބޮޑު ކާމިޔާބީއަކީވެސް އެއީއެވެ.

ވަޑާމުގެ މަސައްކަތުގައި އަޅުގަނޑުގެ މިތިބީ ސަތޭކަ ޕަސަންޓް ދިވެހި މުވައްޒިފުން, އެކި އުމުރުގެ ދިވެހިން. އަޅުގަނޑުގެ ކޮންމެ މުވައްޒަފަކީވެސް އަޅުގަނޑު ކައިރީގައި އަގުބޮޑު މުވައްޒަފެއް. އަޅުގަނޑަކަށް އުނދަގުލެއް ނޫން ދިވެހިން ގޮވައިގެން މަސައްކަތް ކުރާކަށް.

އަބުދުއްރަހުމާން ޔޫސުފް (އަދުރޭ)

މީގެއިތުރުން ދެން އޮތް ހިތްހަމަޖެހުމަކީ އާއިލާގެ އެއްބާރުލުމެވެ. ދޮށީ ފިރިހެން ދަރި މަސައްކަތުގައި ފުރިހަމައަށް ބައިވެރިވެއެވެ. މާލީ ކަންކަން ބަލަހައްޓާ މުސާރައިގެ ކަންކަން ނިންމުގައި އުޅެނީ ދޮށީ އަންހެން ދަރިއެވެ. އެހެން ދަރިންގެ ބައިވެރިވުންވެސް ބޮޑަށް ލިބޭކަން އަދުރޭ ފާހަގަކުރިއެވެ. ވަކިން ޚާއްޞަކޮށް އަންހެނުންގެ ބައިވެރިވުމެވެ.

މަސައްކަތުގައި ބާވީސް އަހަރު ފުރިހަމަވެ, ތޭވީސް ވަނަ އަހަރު ގުނަމުންދާއިރު ހޯދި އެންމެ ބޮޑު އެއްޗަކީ އިތުބާރެވެ. މުވައްޒަފުންގެ އިތުބާރެވެ. މަސައްކަތް ހަވާލުކުރާ ފަރާތްތަކުގެ އިތުބާރެވެ. އާއިލާގެ ސަޕޯޓެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.