15 އަހަރުގެ ބެރުވެރިޔާ, ސީނިއަރ ބެރުވެރިންނާ އެއް ސަފެއްގައި

823

މިއީ މ.ދިއްގަރު އުމުރުން އެންމެ 15 އަހަރުގެ މުޙައްމަދު ޝަޔާންގެ ވާހަކައެވެ. އޭނާގެ ބެރުޖެހުމުގެ ހުނަރުވެރިކަމުގެ ވާހަކައެވެ. ދިއްގަރުގެ އެންމެ ސީނިއަރ ބެރުވެރިންނާއެކު ރާއްޖޭގެ ތިން އަތޮޅުގެ ހަތަރު ރަށަކަށް ދަތުރުކޮށް ޖެހި ބެރުގެ ވާހަކައެވެ.

ޝަޔާން ބެރު ޖަހަނީ

ޝަޔާންގެ ބެރުޖެހުމުގެ ފެށުމަކީ ސްކޫލްގައި އޮތް އިވެންޓެއްގައި ކްލާސް ކުދިން ސަގާފީ ކުޅިވަރެއް ދައްކައިދޭން ޖެހުނު ހިސާބެވެ. ޝަޔާންގެ ކްލާސް ކުދިންނަށް ޖެހުނީ ބެރުޖަހާށެވެ. އެކަމަށް ކުދިން ހޯދަން އުޅުމުން ބެރުޖަހަން ބޭނުންކަމަށް ބުނެ އެކަމަށް އެންމެ ފުރަތަމަ އިސްނެގި އެއް ކުއްޖަކީ ޝަޔާންއެވެ. އޭރު ޝަޔާންގެ އުމުރުން އެންމެ 13 އަހަރެވެ. އެ އިސްނެގުމާއެކު ޝަޔާން ބެރުޖަހަން ދަސްކުރަން ފެށީއެވެ. ނަތީޖާއަކީ މާބޮޑު ޝައުޤެއްވެސް އުފެދުމެވެ. ބެރުޖަހަން ދަސްވެ އެހުނަރު ތަރައްޤީވާން މެދުވެރިވީ ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާއިން ތަނަވަސްކޮށްދިން ފުރުޞަތެވެ. އެ ޖަމްއިއްޔާގެ ސެންޓަރުގައި ކުޑަކުދިންނަށް ބެރުޖަހަން ބޮޑު ފުރުޞަތެއް ދިންކަން ޝަޔާން ފާހަގަކުރިއެވެ.

ބެރުޖަހަން ދަސްކޮށް އުމުރުން އެންމެ 15 އަހަރުގައި ޝަޔާންއަށް ލިބުނު އެންމެ ބޮޑު ފުރުޞަތަކީ ބޮޑު އީދުގައި ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާގެ ލަނގިރި ޓީމާއެކު ތިން އަތޮޅެއްގެ ހަތަރު ރަށަށް ދަތުރުކޮށް ޝޯވ ދޭން ފުރުޞަތު ލިބުމެވެ. އެއީ ޅަ އުމުރުގައި ޝަޔާންއަށް ލިބުނު ވަރަށް ސަޅި ތަޖުރިބާއެކެވެ.

މިއެކްސްޕީރިއަންސް އަސްލު އަޅުގަނޑަށް ވަރަށްކަމުދޭ. އެންމެ ހަގު ބެރިވެރިޔާގެ ޝަރަފް އަޅުގަނޑަށް ލިބުނީތީ އަޅުގަނޑު ވަރަށް އުފާވޭ. ދަތުރުގެ އެންމެ ސަޅިކަމަކީ ކުޑަކުދިންނަށް ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާއިން ފުރުޞަތު ދިނުން.

މުހައްމަދު ޝަޔާން

މިއީ އީދުކުޅިވަރު ކުޅެން ރަށްރަށަށް ދަތުރުކުރުމުގެ ދިގު ތާރީޚެއް އޮތް ދިއްގަރުގައި އީދުކުޅިވަރަށް ރަށަކަށް ދިޔަ އެންމެ ހަގު ބެރުވެރިޔާކަން ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ. ޝަޔާންގެ އުއްމީދަކީ ބެރުޖެހުމުގައި ހުނަރު ތަރައްޤީކޮށް މޮޅު ބެރުވެރިއަކަށްވުމެވެ. އެކަމުގައި ކުރިއަށް ދިއުމަށް ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާއިން ދިން ފުރުޞަތު ޝަޔާން ފާހަގަކުރެއެވެ. ޚާއްޞަކޮށް އޭނާ ފާހަގަކުރީ ބެރު ޖެހުމުގައި 33 އަށްވުރެ ގިނަ އަހަރު ހޭދަކޮށްފައިވާ ދިއްގަރު މީހުން ދަންނަ ނަމުން ނަމަ ބުލޫގެ ނަމެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.