މިދިޔަ ދިގު ފަންސާސް އަހަރު, ދިގު ސަތޭކަ އަހަރު ބެލިކަމުގައިވިޔަސް އަޅުގަނޑުމެންނަކަށް މިހާވަރުގެ ތަރައްޤީއެއް ލިބިފައެއް ނެތް. ހަޤީޤަތުގައި މިއީ ކެންދޫ ރައްޔިތުން ހަމައެކަނި ޝުކުރު އަދާކޮށްލާފަ ތިބޭވަރުގެ ކަމެއްނޫން. އަޅުގަނޑުމެން ހަމަ الله އަށް ހަމްދުކޮށް, ޝުކުރުކޮށްފަ އެއާއެއްކޮށް މިވެރިކަން ހަޤީޤަތުގައި ވެރިކަމެއްގެ ސިފައިގައި އަޅުގަނޑުމެންނަށް މިކަން ކޮށްދީފައި މިވަނީ އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި. އެހެންވީމަ އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި ކެންދޫ ރައްޔިތުން މިއަދު މިތިބީ ވަރަށް ސާފްކޮށް އިބްރާހީމް މުޙައްމަދު ޞާލިހާއެކުގައި, އެމަނިކުފާނަށް ދެވަނަ ދައުރެއް ނަންގަވައިދެއްވަން ކެންދޫ ރައްޔިތުން މިތިބީ ތައްޔާރަށް.
އިބްރާހީމް އަބުދުއްރަހުމާން/ ކެންދޫ ކައުންސިލްގެ ރައީސް
ކެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް އަބުދުއްރަހުމާނުގެ އެވާހަކައާ ގުޅިގެން މިރަށުގެ ތަރައްޤީއަށް ކުރެވުނީ ކޮންކަންތައްތަކެއްތޯ ބެލުމުގެ ޝައުޤު އިތުރަށް ބޮޑުވިއެވެ. ސާދަސަތޭކައެއް މީހުންގެ އާބާދީގެ ކެންދޫގެ އުމްރާނީ ތަރައްޤީ ފެށުނީ ފެނާއި ނަރުދަމާއާ ހިސާބުންނެވެ. އެމަސައްކަތް މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފައެވެ. ލަސްތަކެއް ނުވެ ޚިދުމަތް ލިބޭނެއެވެ.

ރަށުގެ މުހިއްމު މުއައްސަސާތައް ހުންނަ ކައުންސިލުގެ ނަމޫނާ މަގުން ކުރިއަށްދާއިރު މާބޮޑަށް ފާހަގަވީ ތިންބުރީގެ އިމާރާތެކެވެ. މަސައްކަތް އޭރުވެސް ދަނީ ކުރަމުންނެވެ. އެއީ ކެންދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލެވެ. އިމާރާތް ނިމިގެންދަނީ އިތުރު ކްލާސްރޫމްތަކާވެސް އެކުއެވެ. ކުރިއަށް އޮތް ދިރާސީ އަހަރު އެއިމާރާތުގައި ކިޔަވައިދޭނެއެވެ. އެއިމާރާތް ބޭނުންކުރެވޭވަރަށް ނިމޭނެއެވެ.
ސްކޫލް މަލްޓިޕާޕަސް ހޯލުގެ ހަމަ ކުރިމަތިންވެސް އިމާރާތެއް މުޅިން ނިމެނީއެވެ. އެއީ ޝިއްޙީ މަރުކަޒުގެ އާއިމާރާތެވެ. މިހާރު ހުރި އިމާރާތާ ދާދި އެއްވަރުގެ އިމާރާތެކެވެ. އާ އެމްބިއުލެންސްއަކާއެކު އާއިމާރާތްވެސް ބޭނުންކުރެވޭ ހާލަތަށް އަންނަނީއެވެ.
ރަށުގެ ވަށައިގެން ހިނގާލާއިރު އެންމެ ބޮޑަށް ފާހަގަކުރެވޭނީ ބޮޑުހިލައިން ލާފައިވާ ތޮއްޓެވެ. އެއީ ރަށުގެ ހިމާޔަތެވެ. ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ދިން ފަރުވާއެވެ. ރަށް ވަށާ ހިލައިގެ ތޮއްޓެއް ލައިގެން ގޮނޑުދޮށް ވަނީ ހިމާޔަތްކޮށްފައެވެ. މިމަޝްރޫއުގެ ތެރެއިން ހެދި ފަތާ ފެންގަނޑު ތަރައްޤީ ކުރުން އޮތީ ކައުންސިލުން އިސްކަންދޭ މަސައްކަތްތަކުގެ ތެރޭގައެވެ.

ރަށުގެ ބަނދަރު ސަރަހައްދުން ދެ އިމާރާތެއްގެ މަސައްކަތް ހިނގަމުންދާތީ ފެނެއެވެ. އެއް އިމާރާތަކީ އާ އިންޖީނުގެއެވެ. އަނެއް އިމާރާތަކީ ފެނަކައިގެ އިދާރީ އޮފީހެވެ. ފުރިފަ އޮތް ރަށުން މީހުން ދިރިއުޅޭ ސަރަހައްދާ އެންމެ ދުރުގައި އާ އިންޖީނުގެ އިމާރާތް ކުރަނީއެވެ. އެއާއެކު ކަރަންޓްގެ ޔަޤީންކަން ކަށަވަރުކުރުމަށް މުޅި ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ކެންދޫގައި މިހާރު ހުރީ އާބާދީއާ އެއްގޮތަކަށްވެސް އެކަށީގެންނުވާ އިންޖީނުގެއެކެވެ.
ފެނަކަ އޮފީހާއި ޖެހިގެން އޮތީ ކުޑަކުދިންގެ ޕާރކެވެ. އެއީ ޔޫތް މިނިސްޓްރީން ކުޅިވަރު ކުޅޭ ސާމާނު ދިނުމުން ކައުންސިލުން ތަރައްޤީކުރި ޕާރކެވެ.
ކުޅިވަރުގެ ދާއިރާއިންވެސް ޒުވާނުންނަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ގެނެސްދީފައެވެ. ޓާފް އަޅައިގެން ބޮޑު ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފަށައިފިއެވެ. އެދަނޑުގައި ބޭއްވި ފުރަތަމަ މުބާރާތަކީ ކައުންސިލުން ބޭއްވި ކެންދޫ ފުޓްބޯޅަ ޗެލެންޖެވެ. އެއާއެކު ވޮލީކޯޓް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މިހާތަނަށް ވަރަށް ބޮޑަށް އަޅާ ނުލާ ދޫކޮށްލާފައި އޮތް ކެންދޫ މަގާމްފުޅު މަރާމާތުކޮށް, އާބާތުރަ ފިލުވާ, އިހު ހުރިގޮތަށް ބަދަލުކުރުމުގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައިގެން ދަނީ ކުރަމުންނެވެ. އެތަން ނިމިގެންދާނީ ފަތުރުވެރިންނަށް ހުޅުވާލެވޭ, ރަށަށް އާމްދަނީވެސް ވަންނާނެ ތަނެއްގެ ގޮތުގައެވެ.
ކުނިމެނޭޖްކުރުމަށް އެކަށީގެންވާ ރަނގަޅު ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން ސަރުކާރުގެ ޚާއްސަ ސަޕޯޓެއް ލިބިގެން ކުނި މެނޭޖްކުރާ ސެންޓަރު އެޅުމަށް ފަންޑެއް ލިބިފައިވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
ކެންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެރަށުގެ ހުރިހާ މަޝްރޫއުތަކެއްވެސް ކުރިއަށް އޮތް ތިން ހަތަރު މަހެއްގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.
