ކުރަން ޖެހެނީ ޚަރަދު ބޮޑު ދިގު ދަތުރެކެވެ. ލޯންޗެއްގައި މިރަށަށް އައުމަށް ހަތަރު ގަޑި އިރާއި 30 މިނިޓް ހޭދަވެއެވެ. އެއީ ކޮޅަކަށް 1200 ރުފިޔާއެވެ. މަތިން ދަތުރުކުރާނަމަ ކައްދޫ އެއަޕޯރޓަށް މަތިން ދިއުމަށް 1460 ރުފިޔާ އަދި ލޯންޗްގައި މިރަށަށް އައުމަށް 800 ރުފިޔާ ކޮޅަކަށް ހޭދަވާނެއެވެ. މީގެއިތުރުން ޓެކްސީ ދަތުރުވެސް އޮތީއެވެ. އެހެންކަމުން މިރަށަށް އައުމަކީ ފަސޭހަ ކަމެއް ނޫނެވެ.

އެކަމަކު މިރަށަށް އައުމުން ލިބޭ ހިތްހަމަ ޖެހުން ބޮޑެވެ. ގުދުރަތީ ގޮތުން މިއީ ހިތްގައިމު ރީތި ރަށެކެވެ. މާބައިދޫ ކޯރަކީ ގުދުރަތީ ގޮތުން އެންމެ ރާއްޖޭގައި ހުރި އެންމެ ރީތި ތަންތަނުގެ ތެރެއިން ތަނެކެވެ. ޖިއޮގްރަފީ ގޮތުން މާބައިދޫ އުފެދިފަ އޮތް ގޮތް ތަފާތެވެ. ރަށް އުފެދިފައިވާ ގޮތުން ރަށު ތެރެއަށް ވާގޮތަށް ކަނޑާ ގުޅިގެން ކޯރެއް ވަނީ އުފެދިފައެވެ. ރަށުތެރެއިން ހުރިހާ ދިމާއަކުން ކޯރަށް ދެވެއެވެ. މާބައިދޫގެ އެންމެބޮޑު ހިތްގައިމު ކަމަކީ ކޯރެވެ. ކޯރުގެ ރީތި ކަމަކީ އުފެދިފައިވާ ގޮތެވެ.
ރަށުގެ ގުދުރަތީ މުއްސަނދިކަމަށް ބަލާއިރު ރަށުގެ އިތުރުން މިއޮތް ކަނޑުއޮޅިއަކީ މިހާރުވެސް ލ.އަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ތަނެއް. މިޔަރާއި އެތަނުގައި ހުރި މުރަކައިގެ ވާހަކަ މިހާރުވެސް ހަމަ ފުދޭވަރަކަށް ދެކެވޭ. އޭގެއިތުރުން އުތުރުކޮޅޫ ސަރފިން ޕޮއިންޓަކީ ރާއްޖޭގެ ފާހަގަކޮށްލެވޭ އެއް ތަން. ދެކުނު ކަނޑުއޮޅިއާ ޖެހިގެން އޮންނަ ސަރފިންގ ޕޮއިންޓަކީވެސް ހަމަ މަޝްހޫރުތަނެއް. މާބައިދޫ ޚާއްޞަވެގެން މިދަނީ ދެކޮޅުން މިއޮތް ކަނޑު އޮޅިއާއި ސަރފިންގ ޕޮއިންޓާއި, ޑައިވް ޕޮއިންޓާއި, ރަށުތެރެއަށް ވާގޮތަށް މިއޮތް ކޯރު.
އިބްރާހީމް ވިސާމް/ މާބައިދޫ ކައުންސިލްގެ ރައީސް
ގުދުރަތީ ރީތިކަން ތަޖުރިބާކޮށް, ހިތްހަމަ ޖެހުން ހޯދުމަށް މާބައިދޫއަކީ ދެވަނައެއް ނުވާ ރަށެކެވެ. މިރަށަކީ އާބާދީގެ ނިސްބަތަށް ބަލާއިރު އެންމެ މަދުން މީހުން ދިރިއުޅޭ އެއް ރަށެވެ. ރަށުގެ އާބާދީގެ ގޮތުގައި އޮތް ލިސްޓްގައި 1300 މީހުންގެ ނަން އޮތަސް, އޭގެތެރެއިން ރަށުގައި ދިރިއުޅެނީ 500 އެއްހާ މީހުންނެވެ. ރަށުގައި ދިރިއުޅޭ ބިދޭސީންގެ އަދަދަކީ ތިނެ ކެވެ.

ގެސްޓްހައުސް އެއް ރަށުގައި ނެތެވެ. މިއީ ސުނާމީގައޮ ބޮޑު ގެއްލުމެއް ލިބުނު ރަށެކެވެ. ރަށުގެ ގިނަ ގެތަކަކީ ސުނާމީއާ ގުޅިގެން އަޅައިދިން ގެތަކެވެ. އެހެންކަމުން އެކޮމަޑޭޝަންގެ ކަންކަންވެސް މިރަށުގައި އުނދަގުލެވެ. އެކަމަކު ރަށުގެ ރައްޔިތުން ގުރުބާނީ ވެގެން މުހިއްމު މުނާސަބަތު ތަކަށް ރަށް ޒިޔާރަތްކުރާ މެހުމާނުންނަށް ކޮންމެސް އިންތިޒާމެއް ހަމަޖައްސައިދެއެވެ.