ބޮޑު އީދުގައި ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާގެ ލަނގިރި ޓީމާއެކު 3 އަތޮޅުގެ 4 ރަށަށް ކުރި ދަތުރު

1108

ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާގެ އީދު ޝޯވތައް ފެށުމަށް ރަށްރަށަށް ފަށާ ދަތުރުތައް މިފެށީ އީދުވިލޭރޭ 12 ޖަހާއިރު ދިއްގަރުންނެވެ. ދުތުރަށް ފުރީ އެހެން ރަށެއްގެ ދޯންޏެއް ކުއްޔަށް ހިފައިގެން ވަރަށްބޮޑަށް ޒީނަތްތެރިކޮށްގެން ކުޅިވަރަށްދާ ދޯންޏެއްގެ ނުވަތަ ގެއެއްގެ ސިފަ އެދޯންޏަށް ޖައްސައިގެންނެވެ. އީދުގެ ކުރިން ޖަމްއިއްޔާގެ މެންބަރުން ވަރަށް ބުރަކޮށް މަސައްކަތްކުރިއެވެ. އެމީހުން ކާންބޯން ކުރާ މަސައްކަތް ދޫކޮށްލުމަށްފަހު ކުޅިވަރަށް ވަރަށް ބޮޑަށް ހުސްވިއެވެ. މިހާތަނަށް ފެނުނު ކްލަބް ޖަމްއިއްޔާތަކަށް ބަލާއިރު މިއީ އިންތިޒާމްތައް ރަނގަޅު ޖަމްއިއްޔާއެކެވެ. ވަރަށްބޮޑަށް މިކަމާ ވެގެން މަސައްކަތްކުރި ޖަމްއިއްޔާއެކެވެ.

ދަތުރަށް ތައްޔާރުވީ ވަރަށްގިނަ ޓީމްތައް އެކުލަވާލާ ޓީމް ލީޑަރުން ކަނޑައަޅާ މަސައްކަތްތައް ވަރަށްބޮޑަށް ބަހާލައިގެން ތަރުތީބުވެގެންނެވެ. ބޯޓް ތއްޔާރުކުރަން ވަކި ބައެއް, ކޮއްތު ތައްޔާރުކުރަން ވަކިބައެއް, ކުޅިވަރު ސާމާނު ހަމަކުރަން ވަކިބައެއް, ކާބޯތަކެއްޗާ ގުޅޭ ކަންކަމަށް ވަކިބައެއް, ކުޅިވަރު ޕްރެކްޓިސްގެ ކަންކަން ބަލަން ވަކި ބައެއް ހަމަޖެއްސިއެވެ. ޓީމްތަކުން ކަންކަން ފުރިހަމަކުރޭތޯ ބަލާ ޗެކް ކުރަންވެސް ވަކި ޓީމެއް އޮތީ ކަނޑައަޅާފައެވެ.

ދަތުރަށް ފުރުމުގެ ކުރިން އެރޭ ފަހުގެ ބައްދަލުވުން ބާއްވާ ނަސޭހަތާއި އިރުޝާދު ދިނެވެ. ޚާއްޞަކޮށް ޖަމްއިއްޔާގެ ކުރީގެ ރައީސުންގެ އިލްތިމާސްތަކާއި ނަސޭހަތްތައް ދިނުން އޮތެވެ. އިހުތިރާމާއި ލޯބި ހޯދައިގެން ކުޅިވަރު ނިންމާލުމަށްފަހު އެނބުރި އައުމަށް ނަސޭހަތްދީ އިޤްރާރުވިއެވެ.

ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާގެ އީދު ޝޯ މިފަހަރު ދިނީ ހަތަރު ރަށެއްގައެވެ. އެއީ ލ.މާބައިދޫއާއި, ތ.ދިޔަމިގިއްޔާއި, މ.ރަތްމަންދޫގެ އިތުރުން ދިއްގަރުގައެވެ. އީދު ވިލޭރޭ ދަތުރު ފަށައިގެން ފުރަތަމަ މަންޒިލަކީ ތ.ވިލުފުއްޓެވެ. ހަ ގަޑިއިރުގެ ދަތުރަކަށްފަހު ވިލުފުށީގައި މަޑުކޮށް, އެރަށުގައި އީދު ނަމާދުކުރުމަށްފަހު އެރަށުގެ ރައްޔިތުންނާއެކު އީދު ސައިގަ ބައިވެރިވިއެވެ. އެރަށުން މާބައިދޫއަށް ދާން ފުރީ ހެނދުނު 9:30 ގައެވެ. މަޑު ދުވެލީގައި ގޮސް ލ.މާބައިދޫއަށް ވަނީ ހަވީރު 4:00 ގައެވެ. ކަނޑައަޅާފައިވާ ގަޑިއަށްވުރެ ކުރިން ދެވުމުން ރަށް ބޭރުގައި މަޑުކޮށް ބަނދަރުކުރީ ސީދާ ގަޑިއަށެވެ.

މާބައިދޫން ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާއަށް ހޫނު މަރުހަބާއަށްފަހު ބަނދަރު މަތީގައި ހުރި ކުޅިވަރު ސްޓޭޖްގައި ޚާއްޞަ އައިޓަމެއް ހުށަހަޅައިދިނެވެ. އެއައިޓަމް ވެގެން ދިޔައީ މާބައިދޫ ރައްޔިތުންނަށް ޚާއްޞަކޮށް ބާއްވަން އޮތް ޝޯވއާމެދު އިތުބާރު އުފައްދައިދިން އައިޓަމަކަށެވެ. އީދު ދުވަހުގެރޭ މާބައިދޫގައި ކުރިއަށްގެންދިޔަ ތިން ގަޑިއެއްހާއިރުގެ ޝޯވ ވެގެންދިޔައީ ކުޅިބަލަން ނިކުމެ ތިބި ރަށުގެ ރައްޔިތުން ގުގުމާލި ޝޯވއަކަށެވެ.

އީދު ދެވަނަ ދުވަހުގެ މަންޒިލަކީ ތ.ދިޔަމިގިއްޔެވެ. ހެނދުނު 10:30 ގައި މާބައިދޫން ފުރައިގެން ދިޔަމިގިއްޔަށް ބަނދަރުކުރީ 2:30 ގައެވެ. ދިޔަމިގިލީ ފަޅު ތެރޭގައި ފޯރިގަދަ ބޮޑުބެރުގެ ހުށަހެޅުމަކަށްފަހު ރަށަށް ފޭބިއިރު ރަށުގެ ރައްޔިތުން އިސްތިޤްބާލްގައި ދިގު ސަފެއްގައި އެތުރިލައިގެން ތިބެ މަރުހަބާ ކިޔެވެ. ދިޔަމިގިލީގެ ރައްޔިތުންވެސް ކައްކުވާލީ ބަނދަރު ސަރަހައްދުގައި ހުށަހަޅައިދިން ޚާއްޞަ ސަގާފީ އައިޓަމުންނެވެ.

ދިޔަމިގިލި ފުޓްސަލް ދަނޑުގައި ތައްޔާރުކޮށްފައިވާ ހަރުގޭގައި ރޭގަނޑުގެ ޝޯގ ތިން ގަޑިއެއްހާ އިރަށް ދެމިގެން ދިޔައިރު ރައްޔިތުންގެ ބައިވެރިވުން ބޮޑެވެ. މެދުކެނޑުމެއްނެތި ތަރުހީބު ދެމުން ދިޔައެވެ. މިއީ ދިއްގަރު ޒުވާނުންގެ ޖަމްއިއްޔގެ ތާރީޚީ ޝޯވއެކެވެ. ޖަމްއިއްޔާއިން ލިޔެކިޔުމުން ތާރީޚު ބަލަހައްޓަން ފެށިފަހުން ދިން 100 ވަނަ ޝޯވއެވެ. 30 އަހަރުގެ ތެރޭގައި 100 ޝޯވ ހަމަކުރުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޖަމްއިއްޔާއިން ދެކެއެވެ. މިދިޔަ އަހަރުތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާއިން ޝޯވތައް ދީފިއެވެ.

ދިޔަމިގިލި ޝޯވ ނިންމާލުމަށްފަހު ދަންވަރު 2:00 ގައި ދެން އޮތް މަންޒިލަށް ދަތުރު ފެށިއެވެ. އެއީ ރަތްމަންދޫއެވެ. ނަމަވެސް އެއީ ހުކުރު ދުވަހަށް ވުމާއި, ދިއްގަރާއި ކައިރި ރަށަކަށް ވުމުން އެދަތުރު ކުރިއަށް ގެންދިޔައީ ދިއްގަރަށް މަޑުކުރުމަށްފަހު, ހުކުރު ކޮށްގެންނެވެ. ދިޔަމިގިލިން ފުރައިގެން އަށް ގަޑިއިރުގެ ދަތުރަކަށްފަހު ދިއްގަރަށް ވަނީ ހެނދުނު 10:00 ގައެވެ. ރަށުގެ ބަނދަރު ސަރަހައްދަށް ދިވެހި ހެދުމުގައި ނިކުމެ ތިބީ ލަނގިރި ޓީމްގެ އާއިލާތަކުގެ މެންބަރުންނާއި, އެޖަމްއިއްޔާގެ އަންހެން މެންބަރުންނެވެ. 100 ވަނަ ތާރީޚީ ޝޯވ ދިނުމުގެ އުފާ ފާޅުކުރުމުގެ ގޮތުން ޚާއްޞަ މަރުހަބާއެއް ކިޔަން ނިކުމެ, ވަރުގަދަ ޖާފަތެއް ދިނެވެ. އަދި ދިއްގަރުގައި ޝޯވ ދިނުމުގެ ދައުވަތު ދިނެވެ.

ހުކުރަށްފަހު ހަވީރު 45 މިނިޓްގެ ދަތުރަކަށްފަހު ރަތްމަންދޫއަށް ކައިރިކުރީ 5:15 ގައެވެ. ކުޑަ އާބާދިއެއް އޮތަސް ދަތުރުގެ އެންމެ ސަޅި މަންޒިލަކީ މިއީއެވެ. ރަށުގެ ރައްޔިތުންގެ މެހުމާންދާރީއާއި, ގާތްކަމުގެ ސަބަބުން އެހެން ރަށްތަކުން ނުކުރެވޭ އިހުސާސެއް ކުރެވުނެވެ. ރަތްމަންދޫގައިވެސް ބަނދަރު ސަރަހައްދުގައި ޚާއްޞަ އައިޓަމެއް ހުށަހަޅައިދިނެވެ. ބަނދަރު ސަރަހައްދުގައި ހުރި ސްކޫލްގެ ގޯތި ތެރޭގައި ޝޯވ ދިނުމަށް ޚާއްޞަ ހަރުގެއެއް ހުރީ ތައްޔާރުކޮށްފައެވެ. ރޭގަނޑުގެ ޝޯއަށް ރަށުގެ ހުރިހާ ރައްޔިތުން ޖަމާވެ, ވަރަށް ބޮޑަށް ބައިވެރިވިއެވެ. އެންމެ ބޮޑަށް ފޯރި ނެގި ރަށަކީ ރަތްމަންދޫއެވެ.

ޝޯވ ނިންމުމަށްފަހު ދަންވަރު އެނބުރި ދިއްގަރަށް ގޮސް ފަހު ޝޯވ ދިނީ ދިއްގަރުގައެވެ. ދިއްގަރުގެ ޝޯވއަކީ އެންމެން ބައިވެރިވި ފޯރިގަދަ ޝޯވއެކެވެ. ދެ ގަޑި ތިރީސް މިނިޓްގެ ޝޯވްގައި ކުޅިބަލަން ގޮސް ތިބި ހަމަ ކޮންމެ މީހަކުމެ ބައިވެރިވިއެވެ. ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާއާއެކު އީދުގައި ދަރިފުޅާއެކު ކުރެވުނީ ސަޅި ތަޖުރިބާއެކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.