ޢީދު: ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާގެ ލަނގިރި ޓީމާއެކު 3 އަތޮޅެއްގެ 4 ރަށަށް

1203

ދިއްގަރުގެ ނަން ފާހަގަކުރެވެނީ މައިގަނޑު ދެކަމަކާ ގުޅިގެންނެވެ. އެއްކަމަކީ ރިހާކުރެވެ. އަދި އަނެއް ކަމަކީ ޘަގާފީ ކުޅިވަރެކެވެ. ވަކިން ޚާއްޞަކޮށް ލަނގިރިއެވެ. ޘަގާފީ ކުޅިވަރުގައި ދިއްގަރުގައި އޮތީ ދިގު ތާރީޚެކެވެ. މީގެތެރެއިންވެސް ފާހަގަކުރެވެނީ ޘަގާފީ ކުޅިވަރު ކުޅެން ދިއްގަރުގެ ޓީމްތަކުން އެހެން ރަށްރަށަށް ދަތުރުކުރުމުގައި އޮތް ދިގު ތާރީޚެވެ.

ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާގެ އީދު ކުޅިވަރު ގެނެސްދިނުމުގެ އެއްބަސްވުން ބަދަލުކުރަނީ

މިރަށުގައި މިއަދު ޘަގާފީ ކުޅިވަރު ލީޑްކުރަން ތިބި ހަރުމީހުންގެ ހަނދާނުގައިވެސް ރަށްރަށަށް ކުޅިވަރު ކުޅެން މިރަށު މީހުން ނުދާ ހަނދާނެއް ނުހުރެއެވެ. އެމީހުންގެ ހަނދާންތައްވެސް ހުރީ ކާފަމެންގެ ޒުވާން ދުވަސްވަރާ ހިސާބުގައެވެ.

މިފެށޭ ޢީދުގައި ދިއްގަރުން އެހެން ރަށްރަށަށް ޘަގާފީ ކުޅިވަރު (ލަނގިރި) ކުޅެން ދަނީ ޒުވާނުންގެ ޖަމްއިއްޔާއެވެ. ތިން އަތޮޅެއްގެ ހަތަރު ރަށަށް އެޖަމްއިއްޔާގެ ލަނގިރި ޓީމް ދަތުރުކުރާނެއެވެ. އެންމެ ފުރަތަމަ ފަށާނީ ޢީދު ދުވަހުގެރޭ ލ.މާބައިދޫންނެވެ. މާބައިދޫއަށް ދިއުމަށް މިރޭ ޒުވާނުންގެ ޖަމްއިއްޔާގެ ޓީމް ދަތުރު ފަށާނެއެވެ. އޭގެފަހުން ޖެހިގެން އަންނަރޭ އޮތީ ތ.އަތޮޅު ދިޔަމިނގިލީގައެވެ. އެއަށްފަހުނއެނބުރި އަތޮޅަށް އައިސް ރަތްމަންދޫގައެވެ. އަދި އެންމެ ފަހު ދުވަހު ދިއްގަރުގައެވެ.

ރަށެއްގައި ޒުވާނުންގެ ޖަމްއިއްޔާއިން ޘަގާފީ ކުޅިވަރު ކުޅެނީ

މިފަހަރުގެ ޢީދު ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާއަށް ޚާއްޞައެވެ. އެއީ ނޯޓްކޮށް ރެކޯޑް ބަލަހައްޓަންފެށިފަހުން ދޭ 100 ވަނަ ޝޯވ މިއީދުގައި ދެވޭތީއެވެ. މިދިޔަ 30 އަހަރުގެ ތެރޭގައި ރާއްޖޭގެ ގިނަ އަތޮޅުތަކެއްގެ ވަރަށް ގިނަ ރަށްތަކުގައި ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާއިން ޘަގާފީ ޝޯވތައް ދީފިއެވެ.

އަޅުގަނޑުމެންގެ ޖަމްއިއްޔާގެ ތާރީޚުގައި މިހާދިގު މުއްދަތެއް ކަޑައްތުވެގެންދާއިރު އަޅުގަނޑުމެންގެ މިކުޅިވަރު, މިކުޅިވަރު ޘަގާފީ ކުޅިވަރު ތާރަ, ލަނގިރި ޖަހާތާ ތިރީސް އަހަރު, އަޅުގަނޑުމެންގެ ހަނދާންވާ ހިސާބުން ފެށިގެން ވެގެން އަންނަ އިރު ސަތޭކައާ ގާތްކުރާ އަދަދަކަށް އަޅުގަނޑުމެންނަށް މިވަނީ ޝޯވ ކުޅެވިފަ. އެހެންވީމަ ސަތޭކަވަނަ ޝޯވ މިދަތުރުތެރޭގައި އަޅުގަނޑުމެން ކުޅެމުންދާނެ.

އީސާ މާހިރު/ ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާގެ ރައީސް

މިޢީދުގައި ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާގެ އީދު ކުޅިވަރުތަކުގެ މައުލޫމާތު, ވަކިން ޚާއްޞަކޮށް ލަނގިރި ޓީމް ރަށްރަށަށް ދަތުރުކޮށް ކުޅޭ ކުޅިވަރުތަކުގެ މަންޒަރުތަކާއި މައުލޫމާތުތައް މިވެބްސައިޓް މެދުވެރިކޮށް ވީޑިއޯ ރިޕޯރޓްތަކާއެކު ގެނެސްދެވޭނެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.