ކެންދޫ ފުރިފަ, އެކަމަކު ވަށައިގެން ފަޅު ރަށްތަކާއި ފިނޮޅުތައް

1170

މިރަށުގައި ގޯއްޗެއް ދޫކުރާނެ ބިންކޮޅެއްވެސް ނެތެވެ. ރަށް އޮތީ ފުރިފައެވެ. އެކަމަކު އެއީ މިރަށަށް ޗުއްޓީއެއްގައި ޒިޔާރަތްކޮށްލަން އޮތް ހުރަހެއް ނޫނެވެ. ނުވަތަ ދެވަނަ ވިސްނުމަކަށް ދާންޖެހޭ ސަބަބެއްވެސް ނޫނެވެ.

ކެންދޫގެ ގޮނޑުދޮށުގައި ހުރި ގަހެއްގައި އުނދޯލިތައް އެލުވާފައި

ރަށުގެ ވަށައިގެން ކޮންމެ ދިމާއަކުން މޫދު ކައިރިއަށް ފޭބިޔަސް ފެންނާނީ ގަސްތަކުގައި އެލުވާފައިވާ އުނދޯލިތަކާއި, ބަހައްޓާފައިވާ ޖޯލިފަތިތަކެވެ. ރާޅު ޖަހާ ހިސާބުގައި ރާޅުތައް ބީއްސާލާ އަޑާއެކު ގުދުރަތީ އެމަންޒަރު ބަލާލަން މަޑުކޮށްލާނެ ކިތަންމެ ތަނެއް މިރަށުގައި އެބަހުއްޓެވެ. ގުދުރަތީ ސާފް ވަޔާއި, ގުދުރަތީ އަޑުތަކާއި, މަންޒަރުތަކުގެ ތެރެއަށްގެއްލި އޮންނަންވީއެވެ.

އާއިލާ އެކުގައި އައިސް ކައިބޮއި ހަދަންވެސް މިއީ ހަމަ އެއްވަނާގެ ތަނެކެވެ. އެފަދަ މަންޒަރުތައް މިރަށުން ފެނެއެވެ. އެވަރުން ހިތްހަމަ ނުޖެހޭނަމަ ޑިންގީއެއް ހޯދާށެވެ. މިރަށުގެ ކޮންމެ ހަތަރު ގެއަކުން އެއް ގޭގައި ޑިންގީއެއް އޮންނާނެއެވެ. ޑިންގީއެއް ނެތް އާއިލާއެއް ޔަޤީނުންވެސް މިރަށުގައި ނޫޅޭނެއެވެ. އެހެންވީމާ ޑިންގީއެއް ހޯދަން އުނދަގުލުއް ނުވާނެއެވެ. ރަށުގެ ބަނދަރަށް ބަލާލީމާ އެކަން ކަށަވަރުވާނެއެވެ.

ދުރުން އެފެންނަނީ ތިން މިނިޓުން ދެވޭ ހިސާބުގައި ފަޅު ރަށެއް

ޑިންގީގައި ދުރަށް ދުއްވާނެކަމެއް ނެތެވެ. ދެތިން މިނިޓުން ދެވޭ ހިސާބުގައިވެސް ފަޅުރަށްތަކެވެ. ޖެހިގެން ފުރަތަމަ އޮތީ މިރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެއާ ޖެހިގެންވެސް ފަޅުރަށެކެވެ. ދެން ޖެހިގެންވެސް ފަޅުރަށެކެވެ. ޗުއްޓީ ހަދާލަން ޕިކްނިކް ޖައްސާލާނެ  ފުރުޞަތު މިރަށަށް އައުމުން ލިބޭނެއެވެ.

ޑިންގީގައި ތަންކޮޅެއް ދުރަށް ދުއްވާލާށެވެ. ފަނަރަ, ވިހި މިނިޓްގެ ދަތުރެއް ކޮށްލާށެވެ. ރީތި ހިތްގައިމު ސަޅި ފިނޮޅުތަކެވެ. އެނބުރި ނައިސް ތިބޭނީއޭ ހިތަށްއަރާހާ ހިތްގައިމު ސަޅި ފިނޮޅުތަކެވެ. މިއީވެސް ކެންދުއަށް ޗުއްޓީއަށް އައިސް ކޮށްލެވޭނެ ތަޖުރިބާއެވެ. ޗުއްޓީގެ ބައެއްގެ ގޮތުގައި ޕްލޭން ކުރެވޭނެ ކަންކަމެވެ.

ރަށުގައި ގޯތި ދޫކުރާނެ ބިމެއް ނެތް

17 ހެކްޓަރުގެ ކެންދޫއަކީ ސާދަ ސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. އޭގެތެރެއިން ރަށުގައި ދިރިއުޅެނީ ހާހެއްހާ މީހުންނެވެ. ފަސްދޮޅަހަކަށް ބިދޭސީންވެސް ރަށުގައި އެކި މަސައްކަތްތަކާއި ވަޒީފާތަކުގައި އުޅެއެވެ. ރާއްޖެއިން ބޭރުގެ ފަތުރުވެރިން ކޮންމެވެސް ވަރަކަށް މިހާރުވެސް އާދެއެވެ. ދިވެހިންވެސް ގިނަ އަދަކަށް އާދެއެވެ. ގިނަ ދުވެހިން އަންނަ އެއް ބޭނުމަކީ ދިވެހި ބޭސްވެރިކަމުގައި ކުރިއަރާފައިވާ ރަށަކަށް ވާތިއެވެ. މިއީ މެޑަކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ރަށެކެވެ.

މިރަށުގެ އެންމެ ޚާއްސަ އެއްކަމަކީ މިއީ މުޅި ދިވެހިރާއްޖެއަށް ބަލާއިރުވެސް މެޑިކަލް ދާއިރާގައި ވަރަށް ޚާއްޞަ ރަށެއް މިއީ. ޚާއްޞަކޮށް ރާއްޖެ ބަލީގެ ފަރުވާއަށް އެންމެ މުހިއްމު ފަރުވާއެއް ލިބޭ ރަށަކީ މިރަށްކަމަށްވާތީ މެޑިކަލް ޓޫރިޒަމްގެ ފަތުރުބެރިން ފުދޭވަރަކަށް އެބައާދޭ. ރާއްޖެތެރޭގެ އެކިހިސާބުތަކުންވެސް މީހުން އާދޭ, ރާއްޖެއިން ބޭރުންވެސް މީހުން އާދޭ.

އިބްރާހީމް އަބުދުއްރަހުމާން/ ކެންދޫ ކައުންސިލްގެ ރައީސް

ކެންދޫއަކީ ތާރީޚީ ގޮތުންވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ރާއްޖެ އިސްލާމްވި ނުވަތަ އިސްލާމްކުރި ހާދިސާއާ ގުޅޭ މުހިއްމު ބިނާއެއް މިރަށުގައި އެބަހުއްޓެވެ. އެއީ ކެންދޫ މަގާމްފުޅެވެ. އެބިނާ އާބާތުރަ ފިލުވާ ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރަށް ފުރިފަ އޮތަސް ގުދުރަތީ ރީތިކަން ނުގެއްލޭ

މިއީ އައިސްގޮސް އުޅެން އުނދަގޫ ރަށެއް ނޫނެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ޢާއްމުކޮށް ތިން ފެރީ މާލެއާ ދެމެދު ދަތުރުކުރެއެވެ. އީދު ބަންދާ ދިމާކޮށް ބައެއް ފެރީތަކުން ދުވާލަކު ދެ ދަތުރުވެސް ކުރެއެވެ. މޫސް ރަނގަޅު ނަމަ ދެގަޑިއެއްހާއިރުން އާދެވެއެވެ. މޫސުން ގޯސްނަމަ ދެތިން ރަށަށް ޖައްސާފަ މިރަށާ ހިސާބަށް އަންނަން ތިން ގަޑިއެއްހާއިރު ހޭދަވެއެވެ. ސްކޫލް ޗުއްޓީ ފެށުމުގެ ކުރިން ޓިކެޓް ހުރީ ކޮޅަކަށް 600 ރުފިޔާއެވެ. އެކަމަކު އީދު އިނާޔަތަށް 50 އިތުރުކޮށް މިހާރު ޓިކެޓްގެ އަގު ހުރީ 650 ރުފިޔާއަށެވެ. ޕެޓްރޯލް އަގުބޮޑުވެގެން ބޮޑުކުރި ޓިކެޓްގެ އަގު ދެފަހަރެއްގެ މަތީން ޕެޓްރޯލްގެ އަގު ހެޔޮކުރުމުންވެސް ކުޑައެއް ނުވިއެވެ. މާލެއާ ދެމެދު ކުރާ ދަތުރުގެ އަގު ތަންކޮޅެއް ބޮޑެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.