މިރަށަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެމައްސަލައަށް ހައްލު ހޯދައިދިނުމަށް މީގެކުރިންވެސް ތުޅާދޫގައި މަޝްރޫއެއް ހިންގިއެވެ. އެކަމަކު 50 ހައުސިންގ ޔުނިޓްގެ އެމަޝްރޫއަކީ ގޮންޖެހުން ބޮޑު މައްސަލައަށް އެދެވޭ ހައްލަކަށް ނުވިއެވެ.

ބިން ފުރިފަ އޮތް ރަށަކަށްވުމާއެކު އެކަމަށް ހައްލު ހޯދެން އޮތީ ބިން ހިއްކައިގެންނެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މިރަށުގައި ހިއްކާފައިވާ ބިމުގައި މިސަރުކާރުން ފެށީ 100 ހައުސިންގ ޔުނިޓްގެ މަޝްރޫއެކެވެ. 1000 އަކަފޫޓްގައި ތިން ކޮޓަރީގެ 100 ހައުސިންގ ޔުނިޓް އެޅުމަށް ހަވާލުކުރީ ފްލެކްސްއިން ޕްރައިވެޓް ލިމިޓެޑާއެވެ. ރިޔާސީ ދައުރު ނިމެން ދާއިރު 100 ހައުސިންގ ޔުނިޓްގެ މަޝްރޫއު ވަނީ އަތް ދޫކޮށްލެވޭ ހިސާބުގައެވެ. ކުރިއަށް އޮތް ޖުލައި މަހުގެ 15 ވަނަ ދުވަހު މަސައްކަތް މުޅިން ނިންމާ ހައުސިންގ ޔުނިޓްތައް ސަރުކާރާ ހަވާލުކުރާނެކަމުގެ ޔަޤީންކަން ފްލެކްސިންގ ޕްރައިވެޓް ލިމިޓެޑުން ދެއެވެ. އެއީ ތުޅާދޫ ކައުންސިލާއި ރައްޔިތުންނަށްވެސް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބޭނުންވާނީ އަސާސީ ވަޞީލަތްތައްވެސް ހައުސިންގ ޔުނިޓްތަކުގައި ޤާއިމްކޮށްފައި ހުރުމެވެ.
ތުޅާދޫގެ މިކޮންސެޕްޓަކީ މިޓެކްނޮލޮޖީގައި ރާއްޖޭގައި އެންމެ ފުރަތަމަ ކުރެވޭ މަސައްކަތް. ފޯމްވޯކް ސިސްޓަމަށް, މިހާރުދެން ތިޔަބޭފުޅުންނަށްވެސް ފެނިލައްވާނެ ހުޅުމާލެ ތަންތާވެސް އެޓެކްނޮލޮޖީ ބޭނުންކުރަނީ. އެންމެފުރަތަމަ އެޓްކްނޮލިޖޯ ބޭނުންކުރީ އަޅުގަނޑުމެން, ތުޅާދޫގައި. މިއީ ކޮންކްރީޓް ފާރުތަކެއް.
ނަޖާހު ޝަރީފް/ ފްލެކްސްއިންގެ މެނޭޖިންގ ޑިރެކްޓަރ
ފްލެކްސްއިންގެ މެނޭޖިންގ ޑިރެކްޓަރ ނަޖާހު ޝަރީފް ވިދާޅުވީ ކޮވިޑްގެ ދަތިހާލަތުގައި މަސައްކަތް ފަށައިގެން ބޮޑަތި ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. އެހެންނަމަވެސް މަސައްކަތް މުޅިން ނިންމާލީ ތުޅާދޫ ކައުންސިލުން އެދުނު ގިނަ ބަދަލުތައް މަސައްކަތުގެ މަރުހަލާގައިވެސް ގެނެސްގެންކަމަށް ވިދާޅުވިއެވެ. އެބަދަލުތައް ގެނައީ މިނިސްޓްރީއާވެސް މަޝްވަރާކޮށްގެންނެވެ. އޭގެއިތުރުންވެސް ތުޅާދޫ ކައުންސިލުން އެދުނު އެހެން ބައެއް ކަންކަންވެސް މިދިޔަ މުއްދަތުގެ ތެރޭގައި ކޮށްދިންކަން ފާހަގަކުރެއްވިއެވެ.

ކައުންސިލުންވެސް ރަށުގެ ރައްޔިތުންވެސް ފާހަގަކުރި އެންމެ މުހިއްމު އެއްކަމަކީ މީގެކުރިން މަޝްރޫއުތައް ހުއްޓި, މެދުކެނޑޭ މިންވަރަށް މިމަޝްރޫއުގައި މައްސަލަ ދިމާނުވެ ރަނގަޅަށް ކުރިއަށް ދިޔަކަމެވެ.
ކޮވިޑްގެ ދަތި ހާލަތުގައި, ބޭރުން ލޭބަރުންނާއި ސާމާނު ގެނައުން ދަތިވެ, އެއްރަށުން އަނެއް ރަށަށް ދަތުރުކުރުންވެސް ހުއްޓިފައި އޮތްވަގުތުވެސް ފްލެކްސްއިންގެ ފަރާތުން ރަނގަޅު އިންތިޒާމެއްގެ ތެރެއިން މަސައްކަތްތަކަށް ހުއްޓުމެއް ނާންނަ ގޮތަށް އިމާރާތްތައް ނިންމާލުމަކީ އެކުންފުނިން ހޯދި ވަރަށްބޮޑު ކާމިޔާބީއެއް.
އަހުމަދު ރަޝީދު/ ތުޅާދޫ ކައުންސިލްގެ ކުރީގެ ރައީސް
މިއީ ފްލެކްސްއިންއިން ނެގި ސަރުކާރުގެ ފުރަތަމަ ބޮޑު މަޝްރޫއެވެ. ކައުންސިލުގެ ނައިބުރައީ މުހައްމަދު އަލީ މަނިކު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް އެރަށުގައި ހިންގާ މަޝްރޫއުތައް ފްލެކްސްއިންފަދަ ކުންފުނިތަކާ ހަވާލުކުރުން އެދޭކަމަށެވެ. މަޝްރޫއުގެ މުއްދަތުގެ ތެރޭގައި ކައުންސިލްގެ މަޝްވަރާ ފުރިހަމައަށް ހޯދިކަން އޭނާ ފާހަގަކުރެއްވިއެވެ. ނައިބުރައީސް ވިދާޅުވީ މިއީ އިތުބާރު އުފައްދައިދިން މަޝްރޫއެއްކަމަށެވެ. އެކަމަކު 100 ހައުސިންގ ޔުނިޓަކީވެސް ބޯހިޔާވަހިކަން މުޅިން ހައްލުވީ ނޫންކަމަށާއި, އިތުރު 50 ހައުސިންގ ޔުނިޓަށް ކަނޑައަޅާފައިވާ ބިމުގައިވެސް ފްލެކްސްއިން ފަދަ ކުންފުންޏަކާ ހަވާލުކޮށްގެން މަޝްރޫއެއް ކުރިއަށްގެންދިއުމަށް އެދޭކަމަށް ކައުންސިލް ނައިބުރައީސް ވިދާޅުވިއެވެ.

ކުރީގެ ތަޖުރިބާއަށް އިޝާރާތްކުރައްވާ ކައުންސިލް ނައިބުރައީސް ވިދާޅުވީ 2008 ވަނަ އަހަރު އެޅި ފްލެޓްތައް ނިމުނުއިރުވެސް ބައެއް ތަންތަން ހުރީ ބާވެގެން ވެއްޓެން ކައިރިވެފަކަމަށެވެ. އެކަމަކި މިފަހަރުގެ މަޝްރޫއު ކޮވިޑްގެ ދަތިކަމުގެ ތެރެއިން ފުރިހަމަކޮށް ނިންމީ ކައުންސިލުން ވަރަށް އެދޭގޮތަށް, އުއްމީދުކުރި ގޮތަށްކަމަށް ވިދާޅުވިއެވެ. މަޝްރޫއާ ގުޅޭގޮތުން ކައުންސިލް ނައިބުރައީސް ވިދާޅުވީ މިއީ ކައުންސިލްގެ ބެލުމުގެ ދަށުން, ކައުންސިލުން ވަރަށް ގާތުން ބަލައިގެން ވަރަށްބޮޑަށް ގުޅިގެން ދެފަރާތުން ވާހަކަދެކެވިގެންނިމުމަކަށް ދިޔަ މަޝްރޫއެއް ކަމަށެވެ. މަޝްރޫއުގެ މުއްދަތުގައި ކަމެއް އިސްލާހުކޮށްލަން އެދުނުނަމަވެސް އެކަމެއްވެސް ވަރަށް އަވަހަށް ކޮށްދެއްވިކަން ފާހަގަކުރެއްވިއެވެ.
މަޝްރޫއުގެ އިތުރުންވެސް ކައުންސިލުން ކަމެއްގައި އެދިއްޖެނަމަ ވަރަށް އަވަހަށް އެކަމެއް ކޮށްދެއްވި. ފެލެކްސްއިން އަކީ އަޅުގަނޑުމެން އުއްމީދުކުރާ ކަހަލަ މަސައްކަތް ހަލުވި, ކޮލިޓީއާއެއްކޮށް މިމަސައްކަތްކޮށް ނިންމާ ވަރަށް ރަނގަޅު ކުންފުންޏެއް.
މުހައްމަދު އަލީ މަނިކު/ ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް
ހައުސިންގ މަޝްރޫއު މުޅިން ނިމޭއިރު އެސަރަހައްދުގައި ކުޑަކުދިންނަށް ޚާއްޞަ ޕާކެއް އޮންނާނެއެވެ. ޕާރކްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މަޝްރޫއު ނިންމާ ހަވާލުކުރައް ތައްޔާރުވާއިރު, ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތައް އަދި ކަނޑައެއް ނޭޅެއެވެ. ކައުންސިލާ ހައުސިންގ މިނިސްޓްރީ ގުޅިގެން އެމަސައްކަތްދަނީ ކުރަމުންނެވެ.