ބަނދަރެއް ލިބުނީ އަލަށް, ސްކޫލެއް އަޅާ ކިޔަވައިދޭން ތައްޔާރުވަނީ 14 އަހަރު ފަހުން!

2185

މިރަށުގައި ކިޔައިވައިނުދޭތާ 14 އަހަރު ވެއްޖެއެވެ. ސްކޫލެއް ނުވެސް ނެތީއެވެ. ސްކޫލަށް ދާއުމުރުގެ ކުއްޖެއްނަމަ އާއިލާއާއެކު ކޮންމެވެސް އެހެން ރަށަކަށް ބަދަލުވަނީއެވެ. އެނޫންގޮތެއް ނެތަތީއެވެ. މިހާރުވެސް މިރަށުގައި ސްކޫލަށް ދާ އުމުރުގެ ތިބީ އެންމެ ތިން ކުދިންކަމަށް މައުލޫމާތު ލިބެއެވެ. އެކަމަކު އެކުދިންވެސް ރަށުގައި ތިބެގެން ކިޔެވޭނެ ގޮތެއް ނެތްނަމަ ރަށް ދޫކޮށްދާނެއެވެ.

ރަކީދޫގައި ސަރުކާރުން އަޅާ ސްކޫލް

މިއީ މީސްކޮޅު މަދު ވ.ރަކީދޫގެ ހާލަތެވެ. މިހާލަތާ ގުޅިގެން ރަކީދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށްވީ ސްކޫލެއް އަޅާ ރަށުގައި ކިޔަވައިދެނޭނެ ކޮންމެވެސް ގޮތެއް ހަމަޖެހުމެވެ. އެކަން ވެގެންދިޔައީ މިސަރުކާރުގެ ވައުދަކަށެވެ. ރަކީދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދެއްގެ ގޮތުގައި މިރަށުގައި ސްކޫލެއް އަޅާ ކިޔަވައިދޭން ތައްޔާރުވަނީ ކަމަށެވެ. ރަކީދޫ ސްކޫލް އިމާރާތުގައި މިހާރު ކުރަން ހުރީ އަތް ދޫކޮށްލުމުގެ ކުރިން ނިންމަންހުރި ކަންކަމެވެ. ރަކީދޫ ކައުންސިލުންވެސް އަދި ރަށުގައި ދިރިއުޅޭ މަދު ރައްޔިތުންވެސް އުއްމީދުކުރަނީ 14 އަހަރަށްފަހު ރަށު މަދަސާގައި ކިޔެވުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. ފަށާއިރު އުނދަގޫތަކާއި ގޮންޖެހުންތައް ހުންނާނެކަންވެސް އެމީހުން ޤަބޫލުކުރެއެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ރަށު ސްކޫލްގައި ކިޔަވާނެ ދަރިވަރުން ހޯދުމެވެ. އެގޮންޖެހުންތަކާއެކުވެސް ކުރިއަށް އޮތް ދިރާސީ އަހަރު ރަކީދޫ ސްކޫލްގައި ކިޔަވައިދޭން ފެށުމަކީ ރަށުގައި ދިރިއުޅޭ, ދިރިއުޅެން ބޭނުންވާ ރައްޔިތުންގެ ބޮޑު އުއްމީދެކެވެ.

ރަކީދޫ ބަނދަރު

ރަކީދޫ ރައްޔިތުންނަށް ލަފާފުރުމުގެ ދަތިކަން ހައްލުވީ އަދިކިރިޔާއެވެ. މިދައުރުގެ ތެރޭގައި ރަކީދޫގައި އަޅާ ނިންމި ބަނދަރަކީ އެރަށުގެ ތާރީޚުގައިވެސް އެޅި ފުރަތަމަ ބަނދަރެވެ. އެބަނދަރާއެކު އޭގެ ފައިދާ ކުރަމުންދަނީ ހަމައެކަނި ރަކީދޫގެ ރައްޔިތުންނަކަށްވެސް ނޫނެވެ. އެއީ އެހެން ގިނަ ރަށްރަށުގެ އޮޑިފަހަރާއި މަހަށް ނިކުމެ އުޅޭ އޮޑިފަހަރުވެސް ބަނދަރުކުރާ ރަށެކެވެ.

އަސާސީ ޚީދުމަތްތަކުގެ ތެރެއިން ފެނާ ނަރުދަމާ ޤާއިމްކުރުމަކީ އެއްވެސް ރަށެއް ބާކީ ނުކޮށް ސަރުކާރުން ފުރިހަމަކުރާ ވައުދެކެވެ. ރަކީދޫގައި އެކަން ހަޤީޤަތަކަށް ވަނީއެވެ. ކައުންސިލުން ބުނީ މިއަހަރުގެ ނިޔަލަށް އެމަސައްކަތް މުޅިން ނިމި ޚިދުމަތް ލިބޭނެކަމަށެވެ.

ރަކީދޫގައި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ކުރަނީ

އާބާދީ މަދަސް ޞިއްޙީ ދާއިރާއިންވެސް ބަދަލުތަކެއް ގެނެސްފިއެވެ. އިމާރާތުގެ ޖާގައަށް ގެނައި ބަދަލާއި, ބައެއް މަރާމާތުގެ މަސައްކަތްތަކެވެ. ޑޮކްޓަރެއްގެ ޚިދުމަތް ރަކީދޫ ޞިއްޙީ މަރުކަޒުންވެސް ލިބެއެވެ.

ރަށްގިރުމުގެ މައްސަލައަކީ ރަކީދޫއަށްވެސް ކުރިމަތިވެފައި އޮތް މައްސަލައެކެވެ. އެކަން ހައްލުކުރުމަށް ރައްޔިތުން އަމިއްލައަށް ބޮޑަތި މަސައްކަތްތަކެއް ކުރިކަމަށް ކުރިން ރަށުގެ ވެރިކަން ކުރެއްވި އަދި މިހާރު ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި އަބުދުލް ހާރިސް އިދުރީސް ވިދާޅުވިއެވެ. އެކަމަކު މިހާރު ސަރުކާރުން ވަނީ ރަށްގިރުމުގެ މައްސަލަވެސް ހައްލުކޮށްދީފައެވެ. ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތްދޭ ރަކީދޫގެ ކަރަންޓްގެ ހާލަތު ރަނގަޅުކޮށް, ކަރަންޓް ޔަޤީންކޮށްދިނުމަށް އަޕްގްރޭޑް ކުރުމުގެ މުހިއްމު މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.

ތަރައްޤީ އޭރާ މިހާރާ ބަލާއިރު އަޅުގަނޑުމެންގެ އާބާދީ ކުޑަޔަސް ވަރަށް ބާރުމިނުގައި ކުރިއަށް މިދަނީ. ހިތްގައިމު ހިތްއެދޭގޮތަށް ބަނދަރެއްވެސް އެއޮތީ ހެދި ނިމިފަ. ފެނާ ނަރުދަމާގެ ނިޒާމްވެސް އެދަނީ ކުރިއަށް. މިދިޔަ އަހަރުތަކާ ހިލާފަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެދޭ ތަރައްޤީ މިހާރު ހަމަ ލިބެމުންދަނީ.

ހުސައިން މުއާޒު/ ރަކީދޫ ރައްޔިތެއް

ރަކީދޫއަކީ އާބާދީގައި 400 ހަމަ ނުވާ ރަށެކެވެ.ރަށުގައި ދިރިއުޅޭ އަދަދުވެސް ދުއިސައްތައަކަށް ނާރައެވެ. އެއީވެސް ތަފާތު މަސައްކަތްތަކުގައި މިރަށުގައި އުޅޭ 100 އެއްހާ ބިދޭސީން ހިމަނައިގެންނެވެ. މިރަށުގެ ރަށްވެހިންގެ ތެރެއިން ރަށުގައި ދިރިއުޅެނީ ހަތްދިހައެއްހާ މީހުންނެވެ. އެކަމަކުވެސް ތަރައްޤީގެ މަސައްކަތްތައް މިރަށުގައި ދަނީ ހިނގަމުންނެވެ. އަދި ބައެއް މަސައްކަތްތައް މުޅިން ނިމިއްޖެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.