ޚާއްޞަ ގިނަ ސިފަތަކެއް ލިބިގެންވާ ބ.ގޮއިދޫ

1486

މާލެއިން ފުރައިގެން ގޮއިދުއަށް ދިއުމަށް ނަގަނީ ސްޕީޑް ލޯންޗްގައި ދޮޅު ގަޑިއެއްހާއިރެވެ. ކޮޅަކަށް 600 ރުފިޔާއެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ދަތުރުކުރުމުގެ ފުރުޞަތު އެބައޮތެވެ. މިވަގުތު ދެ ލޯންޗް ދަތުރުކުރާނީ ދަތުރުފަތުރު އުނދަގުލެއް ނޫނެވެ. ދަރަވަންދޫ މަގުން މަތިން ދިއުމުގެ ފުރުޞަތުވެސް އެބައޮތެވެ.

އެކަމަކު ގޮއިދުއަށް ދާންވީ ކީއްވެހެއްޔެވެ. ހަޤީޤަތުގައިވެސް ގޮއިދުއަކީ ހިތްގައުމު ރީތި ރަށެކެވެ. ބޮޑު ރަށެކެވެ. ގުދުރަތީ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ރަށެކެވެ. ރަށުގެ ދެ ސަރަހައްދުގައި އޮންނަ ދެ ކުޅިއަކީ އެންމެ ޚާއްޞަ އެއް ސިފައެވެ. އެތަނުގެ ހިތްގައިމުކަކަމާއި, ދެފަރާތުގައިވާ ގަސްތަކުގެ ތެރެއިން ހަދާފައިވާ މަގުތަކުން ދުއްވާލާއިރު އެލިބޭ ހިތްހަމަޖެހުންވެސް ބޮޑެވެ. ދުއްވާނެ ޖާގައާއ, ހިނގާނެ ޖާގަ ބޮޑެވެ. މޫދާއި ބީޗަށް ލޯބިކުރާ ފަރާތްތަކަށްވެސް ގޮއިދޫ ބަރާބަރެވެ. ކައިޓް ބީޗާއި, ފަތުރުވެރިންގެ ބީޗެވެ. ސީކްރެޓް ބީޗާއި, ބިކިނީ ބީޗްވެސް އެބައޮތެވެ.

ގޮއިދުއަކީ މިހާރު ފަތުރުވެރިކަމުގެވެސް މަންޒިލެކެވެ. ފަސް ގެސްޓްހައުސް އޮޕަރޭޓް ކުރާއިރު ކައިރި ހިސާބެއްގައި އެއަދަދު އިތުރުވާނެއެވެ. ބެޑް ކެޕޭސިޓީގެ އަދަދު 32 އަށް އަރައެވެ. ގެސްޓްހައުސްގެ އަގުތައް ދިވެހިންނަށްވެސް އުޅެނީ 900 -1600 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. އެކަމަކު މީހުން ދިރިއުޅޭ ގޭގެއިން 500 ރުފިޔާއަށް ކޮޓަރި ލިބެއެވެ.

ގޮއިދޫގެ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި ކުޅިވަރު ހިމެނެއެވެ ރަށަށް ފޭބުމާއެކު ކުޅިވަރު މައިދާންތައް ފެނެވެއެވެ. ވޮލީކޯޓާއި, ފުޓްސަލް ދަނޑާއި, ސްކޭޓް ޕާރކްވެސް އޮތީ ބަނދަރު ސަރަހައްދުގައެވެ. ބެޑްމިންޓަންގައިވެސް ގޮއިދުއަކީ ފާހަގަކުރެވޭ ރަށެކެވެ. އަލިފާން ބޯޅައަކީ ގޮއިދޫގެ ޚާއްޞަ ކުޅިވަރެކެވެ.

ރަށް ބޮޑަސް, ޚާއްޞަ ސިފަތައް ގިނަވިޔަސް މިއީ އާބާދީ ބޮޑު ރަށެއް ނޫނެވެ. މިރަށުގެ އާބާދީއަކީ އަށްސަތޭކަ ތިރީހެއްހާ މީހުންނެވެ. އޭގެތެރެއިން ރަށުގައި ދިރިއުޅޭ މީހުންގެ އަދަދަކީ އަދި 550 އެއްހާ މީހުންނެވެ, އޭގެތެރެއަށް 100 އެއްހާ ބިދޭސީން އެއްކޮށްލުމުން އަދަދު އިތުރުވެއެވެ.

ކުރިއަށް އޮތީ އީދެވެ. ބާރު ބޮޑުވާނެއެވެ. މިއީ ކުލަގަދަކޮށް އީދު ފާހަގަކުރާ ރަށެކެވެ. އީދު ދަތުރެއް ހަދާލަން ހަމަ ރަނގަޅު ވާނެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.