ތޮއްޑޫ ކައުންސިލްގެ ރައީސްއަށް ފެންނަ ރަށްފުށުގެ އިންގިލާބީ ބޮޑު ބަދަލު

898

ދެހާހަށްވުރެ ބޮޑު އާބާދީއެއް އޮތް އއ.ތޮއްޑޫ ތަރައްޤީގެ ސަފުގައި އޮތީ ކިހާ ހިސާބެއްގައިތޯ ބަލާލަން ރަށު ތެރޭގެ އެކި ދިމަދިމާއަށް ބަލާލީ, ރަށު ކައުންސިލުން ބައެއް މައުލޫމާތު ހޯދައިގެންނެވެ. އެމައުލޫމާތުގެ ސައްހަކަންވެސް ކަށަވަރުވާނީ އެމަންޒަރުތައް ލޮލަށް ފެނިގެންކަމަށްވާތީ ޔަޤީންކުރަން ބޭނުންވިއެވެ.

ރަށަށް ފައިބަން އޮތީ ބޮޑު ބަނދަރެކެވެ. ކުރިންވެސް ބަނދަރެއް އޮތް ތޮއްޑޫގެ ބަނދަރަށް ވަނީ 500 ފޫޓް އިތުރުކޮށްފައެވެ. ބޭރު ތޮށްޓާއެކު ތޮއްޑޫ ބަނދަރަކީ އެންމެ ޒަމާނީ ސަޅި އެއް ބަނދަރެވެ. ބަނދަރުގެ މަސައްކަތް އަދި މުޅިން ނުނިމެއެވެ. އެކަމަކު މިހާރު އެއޮތީ މުޅިން ނިމުމުގެ މަރުހަލާގައެވެ.

ތޮއްޑޫ ބަނދަރު

ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ކައުންސިލުން މައުލޫމާތުދެއްވި ގޮތުގައި އެމަސައްކަތުގެވެސް %80 ނިމިއްޖެއެވެ. ކަރަންޓްގެ ޔަޤީންކަން ހޯދައިދިނުމަށް ހިންގާ މަޝްރޫޢުގެ ތެރެއިން އާ އިންޖީނުގެއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސްޓެލްކޯގެ ކަރަންޓް ޚިދުމަތްދޭ ތޮއްޑޫ އާ އިންޖީނުގޭގެ %90 ނިމިއްޖެއެވެ.

ތައުލީމީ ދާއިރާއިން ބަލާއިރު ސްކޫލް މަލްޓިޕާޕަސް ހޯލާއި, 12 ކްލާސްރޫމްގެ މަސައްކަތް ނިންމައި, ދަރިވަރުން ދަނީ ބޭނުންކުރަމުންނެވެ. ޖާގައިގެ ދަތިކަމަށް ހައްލު ލިބިއްޖެއެވެ.

ތޮއްޑޫއަކީ ފުދުންތެރި މަސައްކަތްތެރި ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. ނިސްބަތުން ބޮޑު އާމްދަނީއެއް ރަށަށް ވަންނަ, އަދި ދައުލަތުގެ ބަޖެޓަށް ވައްދާ ރަށެކެވެ. އެހެންކަމުން އޭޓީއެމްއެއްގެ ޚިދުމަތް އޮތީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. އެއުއްމިދުގައިވެސް ކުލަޖެހިއްޖެއެވެ.

ތޮއްޑޫ އެގްރި ސެންޓަރު

ދަނޑުވެރި ތޮއްޑޫގައި އެގްރި ސެންޓަރެއް ވަނީ ޤާއިމްކޮށްފައެވެ. އެކަމަކު އެސެންޓަރުގެ ބޭނުން އެންމެ ފުރިހަމައަށް ނުކުރެވޭކަން ގިނަ ބަޔަކު ފާހަގަކުރިއެވެ. މިހާރަށްވުރެ ބޮޑަށް އެގްރި ސެންޓަރުގެ ބޭނުން ހިފުން ތޮއްޑުއަށް މުހިއްމެވެ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ސަރުކާރުން ރަށްފުށުގެ ތަރައްޤީއަށް ގެންނަނީ އިންގިލާބީ ބަދަލެއްކަމަށެވެ. އޭނާ ކައުންސިލަށް ކުރިމަތިލެއްވީވެސް ލާމަރުކަޒީ ނިޒާމްގެ ދަށުން ކައުންސިލްތަކަށް ލިބިދޭ ބާރުވެރިކަންކަމަށް ވިދާޅުވިއެވެ. ތަންމިނަށް ކައުންސިލްތަކަށް ބާރު ދީފައިވާކަމަށާއި, މަސައްކަތްކުރުމަށް ބޭނުންވާ އަސާސީ ވަޞީލަތްތައްވެސް ސަރުކާރުން ޤާއިމްކޮށްދެއްވަމުން ގެންދަވާކަމަށް ކަރަމް ވިދާޅުވިއެވެ.

ރަށެއްގެ އިޤްތިސާދެއް ހިންގަން ބޭނުންވާ ރަނގަޅު ބަނދަރަކާއި, ރަނގަޅު ފެނާއި, ނަރުދަމާއާއި, ސަތޭކަ ޕަސަންޓް ރަނގަޅު ކަރަންޓް, އާއިންޖީނުގެއެއް އަޅާ, މުޅި ނިޒާމް އަޕްގްރޭޑްކޮށް ކުޅިވަރުގެ ވަޞީލަތްތައްވެސް އެދަނީ ޤާއިމްކޮށްދެއްވަމުން. ރަށްފުށުގެ ތަރައްޤީއަށް ސަރުކާރުން މިގެނެސްދެނީ އިންޤިލާބީ ބޮޑު ބަދަލެއް

އަހުމަދު ކަރަމް/ ތޮއްޑޫ ކައުންސިލްގެ ރައީސް

ތޮއްޑޫއަކީ ކުޅިވަރުގެ ރަށެކެވެ. ފުޓްބޯޅަ ތަރިންތަކެއް އުފެއްދިއެވެ. މިހާރު ބެޑްމިންޓަންގައިވެސް އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ ނަމެކެވެ. ބޮޑު ފުޓްބޯޅަ ދަނޑުގައި ޓާފް އަޅާ ނިމި, މިހާރު ކުރަމުންދަނީ ފެންސް ޖެހުމުގެ މަސައްކަތެވެ. ކުރިއަށް އޮތީ ލައިޓް ޖެހުމުގެ މަސައްކަތެވެ. ކުރިން ތަރައްޤީކޮށްފައިވާ ވޮލީކޯޓްގައި ފެންސް ޖަހައި, މަރާމާތުގެ މަސައްކަތްތަކެއް ކޮށްފިއެވެ. ބެޑްމިންޓަން ތިން ކޯޓެއް އެޅުމަށް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

ތޮއްޑޫ އޭޓީއެމް މެޝިން

ޞިއްޙީދާއިރާއިން ގެންނަން ބޭނުންވާ ބޮޑު ބަދަލު ގެނައުމުގެ އަމަލީ މަސައްކަތް އަދި ނުފެށެއެވެ. 30 އެނދުގެ މިނީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ބިޑް މަރުހަލާއެވެ.

މިވަގުތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކޯ ރަށްގިރުމެވެ. ގިރާ ސަރަހައްދު ހިމާޔަތްކޮށް, ރަށްގިރުން ހުއްޓުވުމުގެ މަސައްކަތްވެސް އޮތީ ފެށުމުގެ މަރުހަލާގައެވެ. އެމަސައްކަތް ހަވާލުކޮށްފައިވަނީ ރަށުގެ ބަނދަރުގެ މަސައްކަތް ކުރާ ކުންފުންޏާއެވެ. ކައުންސިލުން ދިން މައުލޫމާތާއި, ރަށުން ފެނުނު މަންޒަރުތަކަށް ބަލާއިރު ތަރައްޤީގެ ސަފުން ތޮއްޑޫ ބާކީއެއް ނުވެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.