ފަރުމަހަށް ދާހިތްވޭތަ! ރަކީދުއަށް ދަތުރުހަދާ!

2907

އާބާދީއަކަށް ބަލާނެކަމެއް ނެތެވެ. ރަށުގައި ދިރިއުޅޭ މީހުންގެ އަދަދެއްވެސް މުހިއްމެ ނޫނެވެ. ބޮޑު ރަށެއްތޯ ކުޑަ ރަށެއްތޯ ބެލުން އަމުދުން ބޭނުމެއް ނެތެވެ. ސުވާލަކީ ފަރު މަހަށް ދާހިތްވޭ ހެއްޔެވެ? ފަރުމަސްވެރިކަމަށް ޝައުޤުވެރިވޭ ހެއްޔެވެ! ޖަވާބަކީ އާނއެކޭ ނަމަ އަވަހަށް ވ.ރަކީދުއަށް ދަތުރު ހަދާށެވެ. މަސްވެރިކަމަށް ޚާއްޞަ ދަތުރެއް ރާވާށެވެ. ފަރުމަސްވެރިކަމަށް އެންމެ ރަނގަޅު ތަނަކީ ރަކީދޫ ކައިރިއެވެ. ރަކީދޫން ފުރައިގެން ޑިންގީއެއްގައި ފަނަރަ ވިއްސަކަށް މިނިޓްގެ ދަތުރެއްކޮށް ނަނުތައް ދޫކޮށްލަނިކޮށް އިސާހިތަކު ކާމިޔާބުވެދާނެއެވެ.

ފަސް ގަޑިއިރުގެ ދަތުރަކުން ހުކުރު ދުވަހު ބޭނި މަސް

މިއީ މަސްވެރިކަން އެންމެ ރަނގަޅު ދުވަސްކޮޅެއްވެސް ނޫނެވެ. އެކަމަކު މިހަފްތާ ބަންދުގައި ރަކީދޫގައިހުރެ ފަރުމަހަށް ދިޔަ ދެ ދުވަހުވެސް ފެނުނީ ތިޔާގިކޮށެވެ. ހަތަރު ފަސްގަޑިއެއްހާއިރުން ރަނގަޅު އަދަދަކަށް މަސްބާނައިގެން އެނބުރި ރަކީދުއަށް އާދެވި, ތާޒާކަމާއެކު ރޭގަނޑުގެ ނާސްތާގައި ބޭނުންކުރެވުނެވެ. ވ.ރަކީދުއަށް ދާން އޮތް އެންމެ ރަނގަޅު އެއް ސަބަބަކީ ފަރު މަސްވެރިކަން ރަނގަޅުވުމެވެ. އެކަމަކު އެއީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށެވެ.

ފަރުމަސްވެރިކަމަށް ޝައުޤުވެރިކަން ނެތަސް ރަކީދޫ ވަށައިގެންވާ ބޮޑު ފަޅަކީވެސް ޗުއްޓީއަކަށް ޒިޔާރަތްކޮށްލަން ރަނގަޅު ސަބަބެކެވެ. އާއިލާގެ ކުދިވެރިން ގޮވައިގެން މޫދުއެރިލަން ރަނގަޅު ސަރަހައްދެއް އެބައޮތެވެ.

ފަޅަކީ މިއަތޮޅުގައި އޮތް އެންމެބޮޑު ފަޅު. ނުލާހިކު ރީތި ފަޅެއް މިރަށުގެ ހުޅަނގު މައްޗަށް އޮންނާނެ ހެދިފަ. އެއީވެސް މޫދަށްއެރި އުޅެން ވަރަށް ހިތްގައިމު ތަނެއްކަމަށް ވާތީ ގިނަ މީހުން އައިސްއުޅެނީ.

އަބުދުލް ހާރިސް އިދުރީސް/ ރަކީދޫ ކައުންސިލް މެންބަރު

މިއީ ބޮޑު ރަށެއް ނޫނެވެ. ރަށުގެ އާބާދީއަކީ 370 އެއްހާ މީހުންނެވެ. އޭގެތެރެއިން ތިންސަތޭކައެއްހާ މީހުން ރަށުގައި ދިރިއެއް ނޫޅެއެވެ. ރަށުގައި ދިރިއުޅޭ ރަށުގެ ރަށްވެހިންގެ ތެރެއަށް ބިދޭސީންގެ އަދަދު އެއްކޮށްލުން ރަށުގައި ދިރިއުޅެނީ ސަތޭކައެއްހާ މީހުންނެވެ.

ރަކީދޫގެ ވަށައިގެން ބޮޑު ފަޅެއް އޮވޭ

ރަކީދޫން ފާހަގަކުރެވުނު އެންމެ ފާހަގަކޮށްލެވޭ ސިފައަކީ ސާފްތާހިރުކަމެވެ. ސާފްތާހިރުކަމަށް ބާރުއަޅާ ރަށުގެ މަގުތަކުގައި ވަނީ ބޯޑް ހަރުކޮށްފައެވެ. އަދި ޑަސްބިން ބަހައްޓާފައެވެ. ރަށުގެ މަގުތަކަށް ކިޔާ ނަން ފަސޭހައިން އިނގޭނެހެން ނަން ބޯޑްތައް ވަނީ ހަރުކޮށްފައެވެ. މިއީ ގިނަ ރަށްރަށުން އަދިވެސް ފެންނަ ކަމެއް ނޫނެވެ.

ރަކީދޫގައި ހޭދަކުރި ދެދުވަހުން ދެން ފާހަގަކުރެވުނީ ދުއްވާ އެއްޗިހި ނުދުއްވާ ރަށެއްކަމެވެ. ސައިކަލެއް ބައިސްކަލެއް ކާރެއް ނުދެކެމެވެ. އަސާސީ ބޭނުންތަކަށް ބަރޯއާއި ގާޑިޔާ މަދުމަދުން ގެންގުޅެއެވެ. ތިން ބަގީއެއް ރަށުގައި އޮންނަކަމަށް މައުލޫމާތު ލިބުނު ނަމަވެސް ރަށު ތެރެއިން މިދެދުވަހު ބަގީއެއް ނުދެކެމެވެ. އެހެންކަމުން މިއީ ހަމަހިމޭން ހިތްފަސޭހަ މާހައުލަކަށް ވަރަށް އެކަށީގެންވާ މާހައުލެކެވެ.

ވ.ރަކީދޫ ގެއެއްގެ ބޭރު

ރަށުގައި ހުރީ އެންމެ ގެސްޓް ހައުސްއެކެވެ, ދެވަނަ ގެސްޓްހައުސްއެއް ހުޅުވަން ވަނީ ތައްޔާރުވެފައެވެ. އެއް ކެފޭ އެބަހުއްޓެވެ. ގިނަ ވަގުތު ކެފޭ ހުޅުވާފައި ހުރެއެވެ. ފަތުރުވެރިންނާއި ދިވެހިން މިހާރުވެސް މިރަށަށް ޒިޔާރަތް ކުރެއެވެ. މީހުން ދިރިއުޅޭ ގޭގެއިންވެސް ކުއްޔަށް ކޮޓަރި ލިބެން ހުރުމުން އެކޮމެޑޭޝަންގެ ކަންކަން އުނދަގުލެއް ނޫނެވެ. ދިވެހިންނަށް 500 ރުފިޔާއަށް ކޮޓަރި ލިބެއެވެ.

ރަށުގެ އާބާދީއާ ބަލާއިރު ފާހަގަކުރެވުނީ މަގުތަކުން ދިރުން ފެންނަކަމެވެ. ރޭގަނޑު އެގާރަގަޑި ބައިވުމާ ހަމައަށްވެސް މީހުން ފެނެއެވެ. އެކަމަކު އެއީ ބިދޭސީންނާވެސް އެކުއެވެ.

ރަކީދޫގެ ބަނދަރަކީ ބާރުބޮޑު ބަނދަރެކެވެ. މަސްވެރިކަމަށް ނިކުމެ އުޅޭ އެހެން އަތޮޅުތަކުގެ އޮޑިދޯނިފަހަރު ބަނދަރުކުރެއެވެ. މާލެއިން ދެކުނަށް ދަތުރުކުރާ އޮޑިދޯނިފަހަރުވެސް މަޑުކޮށްލައެވެ. އެހެންކަމުން ރަކީދޫގެ ރައްޔިތުންނަށްވުރެ ބޮޑަށް މިރަށުގެ ބަނަދރު އެހެން ރަށްރަށުގެ ރައްޔިތުން ބޭނުންކުރެއެވެ.

ރަކީދޫ ބަނދަރު ބާރުބޮޑު

ދެން އޮތީ އެންމެ ބޮޑު ސުވާލެވެ. މިރަށަށް ދިއުމަކީ ފަސޭހަކަމެއް ހެއްޔެވެ. މާލެއިން ފުރައިގެން ސްޕީޑް ލޯންޗްގައި ދޮޅުގަޑިއިރުން އާދެވެއެވެ. އެކަމަކު ސީދާ ރަކީދުއަށް ޚާއްޞަ ލޯންޗް ފެރީއެއް ނެތެވެ. ރަކީދޫއަށް އަންނަން ޖެހެނީ މ, އަތޮޅާއި, ފ.އަތޮޅާއި, ތ އަތޮޅަށް ދަތުރުކުރާ ލޯންޗް ފަހަރުގައެވެ. ނަތީޖާއަކީ އެއަތޮޅުތަކަށް ނަގާ އަގު ރަކީދޫއަށް އަންނަން ދައްކަން ޖެހުމެވެ. ކޮޅަކަށް 600 ރުފިޔާ ހޭދަކުރަން ޖެހެއެވެ. އަގުހެޔޮކޮށް ދަތުކުރަން އޮތް މަގަކީ ހަތް ގަޑިއެއްހާ އިރުގެ އެމްޓީސީސީ ފެރިއެވެ. އެހެން ބައެއް ރަށްރަށަށްވެސް ޖައްސަމުން ދަތުރުކުރާ އެފެރީގައި ނަގަނީ ކޮޅަކަށް 50 ރުފިޔާއެވެ. ރަކީދުއަށް އައުމާމެދު ގޮތް ނިންމުން ދޫކޮށްލާނަމެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.