ތޮއްޑޫގެ ނަމާއެކު އެންމެ ފުރަތަމަވެސް ސިކުނޑިއަށް އަންނަނީ ދަނޑުވެރި ރަށެއްކަމެވެ. އޭގެ ފަހުން ފަތުރިވެރިކަމުގައި ހޯދަމުންދާ ކުރިއެރުންތަކެވެ. 157 ހެކްޓަރުގެ ބޮޑު ރަށުން އެންމެ ބޮޑު އިންސައްތައެއް ދޫކޮށްފައިވަނީ ދަނޑުވެރިކަމަށެވެ. ދަނޑުވެރިކަމުގެ ގިނަ ބާވަތްތަކެއް ކޮންޓްރޯލް ކުރާ ރަށަކީވެސް ތޮއްޑޫއެވެ. އޭގެތެރޭގައި ފަޅޯ, ކިއުކަމްބާ, ކަރާ, ބަރަބޯ އަދި ފަތްޕިލާވެލީގެ ބާވަތްތައް ހިމެނެއެވެ. ދަނޑުވެރިކަމުގައި ތޮއްޑޫއަކީ ހަމަ އެއްވަނައެވެ.

އޭގެފަހުން ތޮއްޑޫގެ ނަން އަންނަނީ ފަތުރުވެރިކަމުގައެވެ. މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ގެސްޓްހައުސް ހުރި ރަށަކަށް ތޮއްޑޫ ވާނެއެވެ. މިވަގުތު އޮޕަރޭޝަންގައި 59 ގެސްޓް ހައުސް އެބަހުއްޓެވެ. އެއީ 700 އަށްވުރެ ގިނަ އެނދެވެ. މަހަކު ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ތޮއްޑޫން ދައުލަތުގެ ބަޖެޓަށް ވައްދާނެކަމަށް އަންދާޒާ ކުރެވެއެވެ. ދިވެހިންނަށް ގެސްޓްހައުސް ތަކުން ކޮޓަރި ލިބެނީ 600-1200 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. އަގުތައް ބަރޯސާވަނީ ފަތުރުވެރިންގެ ޑިމާންޑަށެވެ. ސީޒަން ތެރޭގައި ދިވެހިންނަށްވެސް އަގު ބޮޑެވެ.

ތޮއްޑޫގެ ވަށައިގެންވާ މަގަކީ ދަނޑު ބިންތަކާ ގުޅިފައިވާ މަގެވެ. އަދި ފަތުރުވެރިންނަށް ޚާއްޞަ ބީޗާއި, ދިވެހިންނަށް ޚާއްޞަ މޫދާއި ގުޅިފައިވާ މަގެވެ. މަގުގެ ދެފަރާތުގައި މުޅިންވެސް ގަސްތަކެވެ. އެހެންކަމުން އެމަގަކީ ހިތްގައިމު މަގެކެވެ. އެމަގުން ދުއްވާލުމުން ތޮއްޑޫގެ ޤުދުރަތީ ރީތިކަން އިހުސާސްކުރެވޭނެއެވެ. ވަށައިގެންވާ މަގުން ގޮސް މަޑުކޮށްލަން މަޖުބޫރުވާ ހިސާބަކީ ދެފަރާތުން ކައިރި ކައިރީގައި ރުށްތައް ހެދިފައިވާ ވާވު މަގެވެ. ތޮއްޑޫއަށް މީހަކު ޒިޔާރަތްކުރިކަމުގެ ނިޝާނަކީވެސް މިއީއެވެ. މިމަގުގައި ނަގާ ރީތި ފޮޓޯއެވެ. މަގުގެ ދެފަރާތުގައި ހުރި ރުށްތަކާއެކު މިއީ ރާއްޖޭގައި އޮތް އެންމެ ރީތި, އެންމެ ހިތްގައިމު އެއް އެމަގެވެ. މިއީ ވާވު މަގެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ އުސްތާޛު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ އެމަގަށް ވާވު މަގު ކިޔުނީ, ދަނޑުވެރިކަމުގެ އިލްމީ މަސައްކަތެއް ކުރަން އެރަށަށް ދިޔަ ޖަޕާން މީހަކަށް ނިސްބަތްކުރައްވާ ކަމަށެވެ. ވާވު އަކީ އެމަސައްކަތްކުރެއްވި ބޭފުޅާކަމަށް ވިދާޅުވިއެވެ. އެކަމަކު ކައުންސިލް މެންބަރު އަލީ އާދަމް ވިދާޅުވީ އެމަގު ނިސްބަތްވަނީ މަގު ކޮށަން މާލެއިން ވަޑައިގެންނެވީ ލުތުފީ ކިޔާ ބޭފުޅެއްގެ ވުޒާރާއަށް ކަމަށެވެ. ލުތުފީގެ އަރިހުގައި ރާއްޖެއިން ބޭރުގެ ބޭފުޅަކު ވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ވާވު ކިޔާ ބޭފުޅެއް ނޫންކަމަށް ވިދާޅުވިއެވެ.
އޭރުގައި ހުންނާނީ ވުޒާރަތުލް ދާޚިލިއްޔާ ވާވު, ވުޒާރަތުލް މާލިއްޔާ ވާވު, މިކަހަލަ ގޮތަކަށް. އެއިން ވުޒާރާއަކުން އައި ބޭފުޅެއް ލުތުފީއަކީ. އެވާވުއަށް ނިސްބަތްކޮށް ވާވު މަގުކިޔުނީ. އެކަމަކު އަޅުގަނޑު ހަނދާނެއް ނެތް ސީދާ ކޮން ވުޒާރާއަކުން ކަމެއް ލުތުފީ ވަޑައިގެންނެވީ
އަލީ އާދަމް/ ތޮއްޑޫ ކައުންސިލް މެންބަރު
ރަށުގެ ބައެއް މީހުން ބުނާގޮތުން އެއީ ވަލު ހިނގާ މީހުން ވަލަށް ދިއުމަށް ބޭނުންކުރި މަގެވެ. އެމަގު ހެދުނީ ވަލަށް ހިނގުމުގެތެރެއިން ކަމަށެވެ. އެކަމަކު ކައުންސިލް ރައީސް އަހުމަދު ކަރަމް ވިދާޅުވީ އެއީ އަސްލެއް ނެތް ވާހަކައެއް ކަމަށެވެ. އެކަމަކު ޝައްކެއް ނެތްމިންވަރަށް ޔަޤީންވާ ކަމަކީ މިއީ ރީތި ސަޅި މަގެއްކަމެވެ. މިފަދަ އެހެން މަގުތައްވެސް ކައިރި ހިސާބެއްގައި ތޮއްޑޫ ފެންނާނެކަމުގެ ނިޝާންތައްވެސް ފެންނަން އެބަހުއްޓެވެ.

ރަށުގެ ރީތި މޫދާއި, ބީޗާއި, ގުދުރަތީ މާހައުލާއި, ތާރީޚީ ގޮތުން ފާހަގަކުރެވޭ ރަށަކަށްވުމަކީ ތޮއްޑޫއަށް ޒިޔާރަތްކޮށްލަން ރަނގަޅު ސަބަބުތަކެވެ. ތާރީޚީ ގޮތުންވެސް ތޮއްޑުއަކީ ޒިޔާރަތްކޮށްލަން ރަނގަޅު ރަށެކެވެ. ތޮއްޑޫ ދާގަބާ އަކީ އެރަށަކީ ޤަދީމީ ރަށެއްކަން ބުނެދޭ އެންމެ ބޮޑު އެއް ހެއްކެވެ. އެކަމަކު އެތަން މިހާރު އޮތީ ޒިޔާރަތްކޮށްލަން އެކަށީގެންވާ ހާލަތެއްގައެއް ނޫނެވެ. އެތަން ތަރައްޤީ ކުރުމުގައި އޮތީ ތަސައްވަރެކެވެ. އެތަސައްވަރު ހަޤީޤަތަކަށް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ތޮއްޑޫއަކީ ކުޅިވަރުގެވެސް ރަށެކެވެ. ފުޓްބޯޅައިގެ ޗެމްޕިއަނުން ނިސްބަތްވާ ރަށެކެވެ. ބެޑްމިންޓަންއާއި ވޮލީބޯޅައިގައިވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ތޮއްޑޫއަކީ ދިވެހިރާއްޖޭގައި އޮތް މީހުން ދިރިއުޅޭ އެންމެ ރީތި އެއް ރަށްކަމަށެވެ. ތޮއްޑުއަށް މީހަކު ޒިޔާރަތްކުރާނަމަ އެކަމަށް ގިނަ ސަބަބުތަކެއް އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
އެއް ރަށަކުން ދިވެހިރާއްޖެއިން މީހަކަށް ލިބޭނެ ހުރިހާ ތަޖުރިބާއެއް ތޮއްޑޫން އެބަލިބޭ. ދަނޑުވެރިކަމާއި, ފަތުރުވެރިކަމާއި, ބީޗާއި, ތާރީޚާއި, ހިތްހެޔޮ މެހުމާންދާރީއާ މިހުރިހާ ކަމަކީ ތޮއްޑުއަށް ދާންޖެހޭ ސަބަބުތައް.
އަހުމަދު ކަރަމް/ ތޮއްޑޫ ކައުންސިލްގެ ރައީސް
މީގެއިތުރުން ކަރަމް ފާހަގަކުރެއްވީ ދަތުރުފަތުރުގެ ފަސޭހަކަމެވެ. ސްޕީޑް ލޯންޗްގައި މާލެއިން ތޮއްޑުއަށް ދިއުމަށް ހޭދަވަނީ އެއްގަޑިއިރާއި ފަނަރަ މިނިޓެވެ. އާއްމު ގޮތެއްގައި ކޮންމެ ދުވަހަކު ހަތަރު ދަތުރު މާލެއާއި ތޮއްޑުއާ ދެމެދު ކުރެއެވެ. އެންމެފަހުން ދަތުރުފަތުރުގެ އަގުތަކަށް އައި ބަދަލުތަކާއެކު ދެކޮޅަށް ސްޕީޑް ލޯންޗްގައި އަގަކީ 700 ރުފިޔާއެވެ. އެއަށްވުރެ ހެޔޮ އަގުގައި ދަތުރުކުރަން ބޭނުންވާނަމަ މުދާ އުފުލާ ދޯނިފަހަރާއި, ފެރީއެއް އެބައޮތެވެ. އެކަމަކު އޭރުން ދަތުރަށް ފަސްވަރަކަށް ގަޑިއިރު ހޭދަވާނެއެވެ. ތޮއްޑޫއަކީ 2200 އެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. އޭގެތެރެއިން ރަށުގައި ދިއިރުޅެނޭކަމަށް އަންދާޒާ ކުރެވެނީ 1800 އެއްހާ މީހުންނެވެ. ރަށުގައި ދިރިއުޅޭ ބިދޭސީންގެ އަދަދުވެސް 800 އަށްވުރެ މަތިވާނެކަމަށް ކައުންސިލުން މައުލޫތުދެއްވިއެވެ.