މުޙައްމަދު ތަކުރުފާނުލް އައުޒަމްއަކީ އަޅުގަނޑުމެން އެންމެންވެސް ދަންނަ ޤައުމީ ބަތަލެކެވެ. އަޅުގަނޑުމެން ކުޑައެއް ބޮޑެއް މުސްކުޅިއެއް މުހައްމަދު ތަކުރުފާނުގެ ނަންފުޅު ނުދަންނަ ދިވެއްސަކު މިދިވެހި އުޑުދަށަކު ދިރިނޫޅޭނެއެވެ. ތިރީގައިއެވާ ފޮޓޯގައި އެވަނީ މުޙައްމަދު ތަކުރުފާނު ޕޯޗްގީޒުންގެ އަތްދަށުން ސަލާމަތްކުރެއްވުމަށްޓަކައި އެޖިހާދުކުރެއްވި ކަޅުއޮށްފުންމީގެ ލަކުޑިތަކުން ބެހެއްޓެވި މިސްކިތެވެ.

މުޙައްމަދު ތަކުރުފާނުލް އައުޒަމް އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ދެބޭފުޅުންނާއެކު ރާއްޖެ ސަލާމަތްކުރެއްވުމަށްޓަކައި ދަތުރުކުރެއްވި ކަޅުއޮށްފުންމީގައި ހުވަދުއަތޮޅަށް ދަތުރުކުރައްވާ އެނބުރި އަންނަނިކޮށް ކޮޅުފުށި ދިއްތުނޑި ފަރަށް އޮޑިގަނޑު އުރި, އޮޑިގަނޑު ހަލާކުވިއެވެ. ހަލާކުވީމާ ވިދާޅުވީ ނަދުރުފުޅަކީ އެންމެ އަވަހަށް ޖެހޭ ހިކިފަސްތަނެއްގައި މިސްކިތެއް ބަހައްޓަވާނެކަމަށެވެ. އެހެންވީމާ އެގޮތުން އެންމެ އަވަހަށް މީހުން ދިރިއުޅޭ ރަށަކަށް ދިއްތުނޑިއާ ޖެހިގެން މިއޮންނަނީ ކޮޅުފުށްޓެވެ. އެހެންވީމަ ކޮޅުފުށި ހަމަ ގޮނޑުދޮށުގައި ދިއްތުނޑި ފެންނަތާ ދިމާލަށް ބެހެއްޓެވި މިސްކިތަކީ މިތަކުރުފާނު މިސްކިތެވެ.
އެހެންނަމަވެސް މިމިސްކިތުގައި މީގެ 200 ވަރަކަށް އަހަރުކުރިން ހުޅުހިފާ މިސްކިތް އަނދައިގެންދިޔައީއެވެ. އަނދައިގެން ދިއުމުން އަނެއްކާ މިރަށު ރައްޔިތުން ވަނީ މިމިސްކިތް އާބާތުރަ ފިލުވާ އަނދައިގެންދިޔަ ތަންތަން އާކުރައްވާފައެވެ. މިސްކިތް މިހުރީ އަލުން ބަހައްޓަފާއެވެ. އެގޮތުން މިސްކިތް އަލުން އާކުރައްވާފަ ހުޅުވި ތާރީޚެއްކަމަށް މިއޮންނަނީ ހިޖުރައިން 1299 ވަނަ އަހަރުއެވެ. އެއީ މީގެ ގާތްގަނޑަކަށް 200 ވަރަކަށް އަހަރުކުރިއެވެ. ނުވަތަ 150 ވަރަކަށް އަހަރު ކުރިންނެވެ. އެހެންނަމަވެސް މިސްކިތުގެ ވަކިދިމާލަކުން ކަޅުއޮށްފުންމިއަށް ނިސްބަތްކުރެވޭ ނުވަތަ ކަޅުއޮށްފުންމީގެ ބައެއްކަމަށް ބުނެވޭ ބައެއް ލަކުޑިތައް މިހާރުވެސް މިސްކިތުގެ ތެރެއިން ފެންނަން އެބަހުއްޓެވެ. ބިއްލޫރި ކޮއްޓެއްގެ ތެރޭގައެވެ. އެއީ ސުނާމީގެ ތެރޭގައި މުސްކުޅި މިސްކިތުގެ އަރިމަތީ ފާރުން ތަޅައިގެންދިޔަ ތަންކޮޅެއްގެ ތެރެއިން ފެންނަންހުރި ލަކުޑިތަކެކެވެ. އިހު މުސްކުޅިން ބުނަނީ އެއީ މިމިސްކިތުން މިހާރު ފެންނަންހުރި ކަޅުއޮށްފުންމީގެ ހަމައެކަނި ބައިކަމަށެވެ.

އޭގެއިތުރުން ކަޅުއޮށްފުންމީގެ ފޭސްތާއްޓާއި, އަދި ރާއްޖެ އިސްލާމްކުރެއްވުމަށް ގެންގުޅުއްވި ކަނޑިވެސް ތަކުރުފާނުން ވަނީ މިމިސްކިތަށް ހަދިޔާކުރައްވާފައެވެ. މިމިސްކިތުގައި ބަހައްޓަވާފައެވެ. 1930 ގެ އަހަރުތަކުގައި ރާއްޖޭގެ ތާރީޚު ދިރާސާކުރުމަށް ދުރުވި ބެލް ސާހަބު ކޮޅުފުށްޓަށް ވަޑައިގެން މިމިސްކިތަށް ޒިޔާރަތްކުރައްވާ އެފޭސްތާއްޓާއި, އެކަނޑީގެ ފޮޓޯ ވަނީ ނަންގަވާފައެވެ. މިހާރު އެކަނޑި ވަނީ މާލެ ގެންދެވިފައެވެ. ފޭސްތާށި ކޮންމެސް ގޮތަކުން ހަލާކުވެ ދިއުމުން ހަސަން ފަރީދުގެ ދުވަސްވަރުގައި އެފޭސްތާށީގެ ނަކަލެއް އަލުން ހައްދަވާފަ މިސްކިތަށް ލެއްވިއެވެ. އެހެން ނަމަވެސް އެވެސް ފަހުން ވަނީ މާލެ ގެންދެވިފައެވެ. މިހާރު ފެންނަންހުރި އެތަކުރުފާނުގެ ހަނދާނަކީ ހަމައެކަނި އެތަކުރުފާނުގެ ކަޅުއޮށްފުންމިން ބެހެއްޓެވި މިސްކިތެވެ. އެމިސްކިތް އާބާތުރަ ފިލުއްވާފަ މީގެ ދުއިސައްތަ ވަރަކަށް އަހަރު ކުރިން މިހާރު މިހުރީ ފެންނަން ހުރިގޮތެވެ.
ނޯޓް: މިލިޔުމަކީ ކޮޅުފުށީގައި ބަހައްޓަވާފައިހުރި މިސްކިތުގެ ދޮރުމަތީގައި ހުންނަވާ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ރިސާރޗް އެނަލިސްޓް އަހުމަދު އަލާ މިސްކިތުގެ މައުލޫމާތު ކިޔައިދެއްވި ގޮތަށް ބަދަލެއް ނުގެނެސް ލިޔެފައިވާ ލިޔުމެކެވެ.