1476 މީހުންގެ އާބާދީއެއް އޮތް މ.ކޮޅުފުށީގެ ކޮންމެ ދިމާއަކުން ފެންނަނީ އުމުރާނީ ތަރައްޤީގެ ބިނާތަކެވެ, ތަރައްޤީކޮށް ކުރެވެމުންދާ މަސައްކަތްތަކާއި, ނިމިފައިވާ މަސައްކަތްތަކެވެ. ރަށުގެ ފަޅަށް ވަންނައިރު މަލަމަތިން ފެންނަ އުސް އިމާރާތަކީ މ.އަތޮޅު މަދަރުސާގައި އަލަށް އިމާރާތްކުރި ތިން ފަންގިފިލާގެ އިމާރާތެވެ. އެއީ މަލްޓިޕާޕަސް ހޯލާއި އަށް ކްލާސްރޫމެވެ. އެތަން މިހާރު ދަނީ ބޭނުންކުރަމުންނެވެ.

ޞިއްޙީ ދާއިރާއަށް ބަލާއިރު އިމާރާތް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. އަލަށް އިތުރު ކުރެވޭ ބަޔާއެކު ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު އަންނައިރު ޚިދުމަތުގެ ފެންވަރު ރަނގަޅުވުމަކީ ރައްޔިތުންގެ އުއްމީދެވެ. މަރުކަޒާ އިންވެގެން ނިމުމާ ގާތުގައިވާ އިމާރާތަކީ އެސްޓީއޯ ބޭސްފިހާރައެވެ. ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކަށް އެމްބިއުލަންސް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކޮޅުފުށި ސިއްހީ މަރުކަޒަށްވެސް ވަނީ އެމްބިއުލަންސް ފޯރުކޮށްދީފައެވެ.
މިވަގުތު ކުރިއަށްގެންދާ އެންމެބޮޑު މަޝްރޫއަކީ 100 ހައުސިންގ ޔުނިޓްގެ މަސައްކަތެވެ. ފުރަތަމަ މަސައްކަތް ހަވާލުކުރި ކުންފުނީގެ މަސައްކަތުގެ ސްޕީޑާ މެދު ކައުންސިލުންވެސް ހިތްހަމަ ނުޖެހި, މިހާރު އެހެން ކުންފުންޏަކާއި ހަވާލުކޮށްގެން މަސައްޖަތް ކުރަމުންދަނީ ކައުންސިލުން އެދުނު ގޮތަށްކަމަށް ކައުންސިލް ނައިބުރައީސް އާދަމް ފަޔާޒު ފާހަގަކުރެއްވިއެވެ. ތިން ކޮޓަރީގެ ކޮންމެ ހައުސިންގ ޔުނިޓެއް ލިބެނީ ކޮންފަރާތަކަށްކަންވެސް މިހާރު އިނގެއެވެ.

ފެނުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މިއީ ފެނުގެ މައްސަލަ ބޮޑު ރަށެކެވެ. އެކަމަކު މަސައްކަތް މިހާރުވެސް ހިނގަމުންދާތީއާއި, މަސައްކަތްކުރެވިފައިވާ މިންވަރަށް ބަލާ ކައުންސިލުން އުއްމީދުކުރަނީ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ޓެސްޓްކުރެވޭ މަރުހަލާއަށް އަންނާނެކަމަށެވެ.
ކަރަންޓްގެ ޔަޤީންކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިދައުރުގެ ތެރޭގައި 450 ކިލޯވޯޓްގެ އާޖަނެރޭޓެއް އިންސްޓޯލްކޮށް ކިދުމަތަށް އިތުރުކޮށްފިއެވ. ފެނަކަ އޮފީހުގެ އާއިމާރާތުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޮޑު ހިލައިގެ ހައްލެއް ވަނީ ގެނެސްފައެވެ. އެސަރަހައްދަކީ ރަށުގެ ކުޅިއާއި އިންވެގެން އޮންނަ ސަރަހައްދެވެ. އެސަރަހައްދު މިހާރު ފެންނަނީ ހިތްގައިމު ސަރަހައްދެއްގެ ގޮތުގައެވެ.
ރައްޔިތުން އެދިލެއްވިގޮތަށް ގިރާ ސަރަހައްދު ހިމާޔަތްކުރެވި މުޅި ޕްރޮޖެކްޓް މިހާރު މިވަނީ ނިމިފައި. މިރަށުގެ ރައްޔިތުން ހަޤީޤަތުގައި މިއަދު މިތިބީ ވަރަށް އުފަލުން. އެންމެބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުން އެދިލެއްވިގޮތަށް ޕްރޮޖެކްޓްތައް ނިމޭކަން.
އާދަމަ ފަޔާޒު/ ކޮޅުފުށި ކައުންސިލްގެ ނައިބުރައީސް
ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުންޏާއި ވަޞީލަތް މެނޭޖްކުރާ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. ރަށުގެ ބަނދަރު ސަރަހައްދުގައި ހަދާފައިވާ ކުޑަކުދިންގެ ޕާކަކީވެސް ޔޫތް މިނިސްޓްރީން ކުޅޭ ސާމާނު ދިނުމުން ހަދާފައިވާ ޕާކެކެވެ. މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތްވެސް ކޮށްފައިވަނީ މިދައުރުގެ ތެރޭގައެވެ. ކުރިއަށް ދެން އޮތީ ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފެށުމެވެ. އެމަސައްކަތް މިހާރުވަނީ ސަބްބޭސް ހެދުމުގެ މަސައްކަތުގެ ބިޑް މަރުހަލާގައެވެ. މިއީ ދައުރެއްގެ ތެރޭގައި މ.ކޮޅުފުށްޓެވެ.