މ.އަތޮޅު ކޮޅުފުށީގެ ނަން އެންމެ ގިނަބައެއްގެ ދުލަށް ފަރިތަ ނަމަކަށްވީ ސުނާކީ ކާރިސާއާ ގުޅިގެންނެވެ. އެކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި ރަށްތަކުގެ ތެރޭގައި ކޮޅުފުށި ހިމެނެއެވެ. އެކަމަކު އެގެއްލުންތަކުން މިހާރު ކޮޅުފުށި ވަނީ އަރައިގަނެފައެވެ.

ޤުދުރަތީ ގޮތުން ބަލާއިރު ކޮޅުފުށްޓަކީ ކުޅިއެއްވެސް އޮތް ރީތި ރަށެކެވެ. ރުށްގަސް ގިނަ ރަށެކެވެ. ސުނާމީ ކާރިސާގައި ކުޅިއަށް ލިބުނު ގެއްލުންތައް އަނބުރާ އިއާދަކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ކޮޅުފުށިން ފެނުނު އެންމެ ފާހަގަކުރެވޭ ކަމަކީ ކޮންމެ ގެއެއްގައިމެ ދޮން ކުރުނބާ ރުކަކާއި, އަނބު ގަހެއް ހުރުމެވެ. މަދުވެގެން އެއް ރުކާއި, ގަހެއް ނެތް ގެއެއް ނުފެނެއެވެ. މިއީ އަނބު މޫސުމެކެވެ. ކުރުނބާވެސް ލިބެން އެބަހުއްޓެވެ. ކުރުނބަލަކީ މިރަށުގެ އާމްދަނީގެ ބައެކެވެ. މީގެއިތުރުން ޖަނބުރޯލްފަދަ ބައެއް ގަސްތައްވެސް ގޭގޭގައި ގިނައެވެ.
ކޮޅުފުއްޓަކީ ދަނޑުވެރިވެސް ރަށެކެވެ. ރަށާއި, އަތޮޅަށް ބޭނުންވާ މިންވަރަށް ދަނޑުވެރިކަމުގެ ބާވަތްތައް ލިބެއެވެ. ވަކިން ޚާއްޞަކޮށް ރޯދަމަހަށް ދަތިކަމެއް ނެތި ދަނޑުވެރިކަމުގެ ބާވަތްތައް ލިބެއެވެ. ދަނޑުވެރިކަމުގައި އެންމެ ފާހަގަކުރެވެނީ އާއްމުކޮށް ނުފެންނަ ބައެއް ބާވަތްތައް މިރަށުގައި ހެއްދުމެވެ. އޭގެތެރޭގައި ޑްރެގަން ފުރުޓާއި, މޭބިސްކަދުރު ހިމެނެއެވެ. މިހާރުވެސް އެދެބާވަތްވެސް ހުރީ ފޯދިފައެވެ.

ތާރީޚީގޮތުންވެސް މިއީ ޚާއްޞަ ރަށެކެވެ. ޕޯޗުގީޒުންނާ ދެކޮޅަށް މުޙައްމަދު ތަކުރުފާނު ކުރެއްވި ހަނގުރާމައިގަ ބޭނުންކުރެއްވި ކަޅުއޮށްފުންމީގެ ލަކުޑި ބޭނުންކޮށްގެން ހަދާފައިވާ މިސްކިތް ހުރީ މިރަށުގައެވެ.
މުޙައްމަދު ތަކުރުފާނުގެ ކަޅުއޮށްފުންމިން މިސްކިތެއް މިރަށުގައި އަޅާފައި މިވަނީ. އަޅުގަނޑު ދަންނަވާނީ ޘަޤާފީ ގޮތުންވެސް ވަރަށް ފާހަގަކޮށްލެވޭ ރަށެކޭ ކޮޅުފުށްޓަކީ މިއީ. މިއީ ކޮޅުފުށްޓަށް ލިބިފައިވާ ވަރަށްބޮޑު ފަޚުރެއް.
އަބުދުލް އަލީމް/ ކޮޅުފުށި ކައުންސިލްގެ ރައީސް
ކޮޅުފުށްޓަކީ 1476 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. އޭގެތެރެއިން 900 އަށްވުރެ ގިނަ މީހުން ރަށުގައި ދިރިއުޅެއެވެ. 76 ހެކްޓަރުގެ މިރަށާ މާލެއާ ދެމެދު ސްޕީޑް ލޯންޗްގައި ދަތުރެއް ކުރެވެނީ ދެގަޑި ތިރީސް މިނިޓުންނެވެ. ކޮޅަކަށް 750 ރުފިޔާ ނަގައެވެ. ހަފްތާއަކު ފަސް ދުވަހު ލޯންޗް ދަތުރު އޮވެއެވެ. މީގެއިތުރުން މުދާއުފުލާ ބޯޓްގައި 270 އެއްހާ ރުފިޔާއިން ދަތުރުކުރެވޭނެއެވެ.

ގެސްޓްހައުސްއެއް ނެތަސް ގޭގޭގައި ރަނގަޅު ފެންވަރަށް ހަދާފައިވާ ކުއްޔަށްދޭ ކޮޓަރި އެބަހުއްޓެވެ. އާއްމު އަގަކީ ދުވާލަކަށް 400 ރުފިޔާއެވެ. ތިން ކެފޭ މިރަށުގައި ހިންގައެވެ. އައިސް އުޅެން ފަސޭހަ ރަށެކެވެ. ގިނަ ކަންކަން ތަޖުރިބާކުރުމުގެ ފުރުޞަތު އޮތް ރަށެކެވެ.