ނ.އަތޮޅުގެ ވެރިކަން ކުރާ ރަށް މަނަދުއަށް ދަތުރުކުރުމަށް މައިގަނޑު ތިން މަގެއް އެބަތެވެ. އެންމެ އަވަސް ގޮތަކީ މަތިން ނ.މާފަރު އިންޓަރނޭޝަން އެއަޕޯޓަށް ގޮސް, މާފަރުން ލޯންޗެއްގައި މަނަދުއަށް ދިއުމެވެ. އެކަމަކު އެއީ ޚަރަދު ބޮޑު ގޮތެކެވެ. މަތިން ފްލައިޓް ޓިކެޓެއްގެ އަގަކީ 1377 ރުފިޔާއެވެ. އެއީ 35 މިނިޓްގެ ދަތުރެކެވެ. އަދި މާފަރުން މަނަދުއަށް ދިއުމަށް ކުޑަ ޑިންގީއެއްގައިވެސް 500 ރުފިޔާ ހޭދަވާނެއެވެ. އެއީ 15 މިނިޓްގެ ދަތުރެކެވެ. ކުޑަލޯންޗެއްގެ އަކަކީ 800 ރުފިޔާއެވެ. ކުޑަކުދިން ގޮވައިގެން ދަތުރުކުރާނަމަ ބޮޑު ލޯންޗެއް ނެގުމަށް 1600 އެއްހާ ރުފިޔާ ޚަރަދު ކުރަން ޖެހެއެވެ. މާލެއިން ފުރައިގެން ލޯންޗްގައި ސީދާ މަނަދުއަށް ދާނަމަ ކޮޅަކަށް 920 ރުފިޔާއެވެ. ބައެއް ކަހަލަ ޕްރޮމޯޝަންތަކުގައި އެއަގު ބައެއް ދުވަސްވަރު ކުޑަކޮށްފައި ހުރެއެވެ. މުދާއުފުލާ ބޯޓްފަހަރުގައި ދިހަވަރަކަށް ގަޑިއިރުން 250 ރުފިޔާއަށް މަނަދުއަށް ދަތުރުކުރެވޭނެއެވެ.

މަނަދުއަކީ ބިންބޮޑު ގަސްގިނަ ރަށެކެވެ. ވަކިން ޚާއްޞަކޮށް ދޮންކުރުނބާ ރުށް ގިނައެވެ. ދޮންކުރުނބާ އެއީ ރަށުގެ އާމްދަނީއާވެސް ގުޅިފައިވާ ބައެކެވެ. މަނަދުއަކީ ދުވާލެއްގެ މައްޗަށް ސަތޭކައެއްހާ މީހުން އަރާފައިބާ ރަށެކެވެ. އޭގެތެރެއިން ގިނަ މީހުން އެރަށަށް ޒިޔާރަތްކުރަނީ އަތޮޅު ހޮސްޕިޓަލާއި, ބޭންކްގެ ޚިދުމަތް ހޯދުމަށެވެ. ހުރިހާ ބާވަތެއްގެ މުދާ މަނަދޫން ލިބެން ހުންނާތީ ވިޔަފާރިއަށް ޒިޔާރަތްކުރާ މީހުންވެސް މަދެއް ނޫނެވެ. ކެފޭ ރެސްޓޯރެންޓް ވިޔަފާރީގެ ޑިމާންޑްވެސް މަނަދޫގައި ބޮޑެވެ.
މަނަދުއަކީ ތާރީޚީވެސް ރަށެކެވެ. މަނަދޫ ވެވަކީ އެރަށުގެ ތާރީޚު ބުނެދޭ މުހިއްމު ތަނެކެވެ. މަނަދޫގެ އާބާދީއަކީ 2075 އެވެ. އެކަމަކު ރަށުގައި އެކި މަސައްކަތްތަކާއި, ތަފާތު ވަޒީފާތަކުގައި އުޅޭ ބިދޭސީންނާއެކު ދިރިއުޅޭ އާބާދީ އެއަށްވުރެ މަތިވާނެކަމަށް ބެލެވެއެވެ. ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގަނީ އެންމެ ގެސްޓްހައުސްއެކެވެ. އެކަމަކު ޢާއްމު މީހުންގެ ގޭގެއިން ކޮޓަރި ކުއްޔަށް ލިބެއެވެ. އަގަކީ 500 ރުފިޔާއެވެ. މަނަދޫއަށް ޒިޔާރަތްކޮށްލަން ބޭނުންވާ ފަރާތްތަކަށް އެހީއަކަށް ވާނެކަމަށް އުއްމީދުކުރަމެވެ.