ލަންދުއަށް ވީ ވައުދުތަކުގެ %99 ފުއްދައިފި

1107

އެމްޑީޕީއަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް އަޅުގަނޑު ޤަބޫލުކުރަނީ ލަންދުއަށް އިބްރާހީމް މުޙައްމަދު ޞާލިހު ވީ ވައުދުތަކުގެ ތެރެއިން %99.9 ވައުދު މިއަދާ ހަމައަށް ފުއްދިފައި ހުރީމަ އަޅުގަނޑުމެން ޤަބޫލުކުރަނީ ދެން އަންނަ ދައުރެއްގައިވެސް މިފަދަ ކަންތައްތަކެއް ލަންދުއަށް ވެގެންދާނެކަމަށް

މަންސޫރު މުޙައްމަދު/ ލަންދޫ ކައުންސިލްގެ ނައިބު ރައީސް

އަޅުގަނޑުމެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުއަށް ތާއީދުކުރަނީ ލަންދުއަށްވީ ވައުދުތަކުގެ ތެރެއިން %99.99 ވައުދުތައް ފުދައިދީފައިވާތީ. ނ.ލަންދޫ ކައުންސިލްގެ ނައުބިރައީސް މަންސޫރު މުހައްމަދުގެ ވާހަކަ ކުރެވެ. ތަފްޞީލް ދެއްވީ އިތުރު ސުވާލުކުރުމުންނެވެ.

ކުރިން ލަންދޫގައި އޮތީ އެކަށީގެންވާ މިންވަރަށްވުރެ މާކުޑަ ބަނދަރެކެވެ. ރައްޔިތުން އެދުނީ ބަނދަރު ބޮޑުކޮށްދިނުމަށެވެ. އެވައުދާ އެއްގޮތަށް ބަނދަރު ބޮޑުކޮށް ނިންމައިފިއެވެ. އެމަސައްކަތް ނިންމީ, މަސައްކަތުގެ މަރުހަލާގެ ތެރޭގައިވެސް ރައްޔިތުން ގެންނަން ބޭނުންވި ބަދަލުތަކާއެކުއެވެ. އޭގެ ފައިދާ އެންމެ ބޮޑަށް ކުރަނީ ދަތުރުވެރިންނާއި, މަސްވެރިންނަށެވެ. ލަންދޫގެ މަސްވެރިންނަށް ބަނދަރެއްގެ އިތުރުން އައިސްޕްލާންޓެއް ހަމަޖެހިގެން ދިއުމުގެ ހިތްހަމަޖެހުންވެސް އެބައޮތެވެ.

އަޅުގަނޑު މަސްވެރިއެއްގެ ހައިސިއްޔަތުންވެސް ބުނަން އޮތީ އަޅުގަނޑަށް މައުލޫމާތުލިބިފައިވާ ގޮތުން މިހާރު މިއޮތީ އައިސްޕްލާންޓްވެސް އަޅުގަނޑުމެންނަށް ލިބިފައޭ. އެހެންވީމަ މިކަން އަޅުގަނޑުމެން ހަމަ ކޮށްދެން ނުޖެހޭ އެއްވެސް ސަބަބެއް ނެތޭ, އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމަށް ގެންނާކަށެއް.

ހާލިދު އަބޫބަކުރު/ ލަންދޫ ރައްޔިތެއް

ޒަމާނީ މިސްކިތެއްގެ ވައުދަކީވެސް ލަންދޫ ރައްޔިތުންގެ ވޯޓާ ގުޅުނު މުހިއްމު ވައުދެކެވެ. 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއްގެ މަސައްކަތް ނިންމާ އެމިސްކިތުގައި ދަނީ ނަމާދުކުރަމުންނެވެ. އަސާސީ ޚިދުމަތްތަކުގެ ތެރެއިން ނަރުދަމާގެ މަސައްކަތް ވަނީ މުޅިން ނިމިފައެވެ. ފެނުގެ ޚިދުމަތް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. ރަށެއްގައި ނެތްވަރުގެ ޒަމާނީ ސަޅި މެޖިސްޓްރޭޓް ކޯޓެއްގެ މަސައްކަތް މުޅިން ނިންމައިފިއެވެ. ދެން އޮތީ ޚިދުމަތް އެތަނަށް ބަދަލުކުރުމެވެ. އެއިމާރާތުގެ މަސައްކަތް ނިންމާ ކޮންޓްރެކްޓަރު މިހާރު ވަނީ އިމާރާތް ހަވާލުކޮށްފައެވެ.

ލަންދޫ ބަނދަރު

އެންމެބޮޑު ބަދަލެއް އައީ ލަންދޫ ޞިއްޙީ މަރުކަޒާއި, ކަރަންޓްގެ ޚިދުމަތްދޭ ފެނަކައަށެވެ. ޞިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރިއެވެ. ލެބޯޓްރީގެ ޚިދުމަތް ޤާއިމްކުރިއެވެ. ލޭ އެޅޭނެ އިންތިޒާމް ހަމަޖެއްސިއެވެ. ބޮޑަތި ކުރިއެރުންތަކެއް ރަށުގެ ޞިއްޙީ ނިޒާމަށް ގެނެސްފިއެވެ. ޞިއްޙީމަރުކަޒާއި އިންވެގެން އަޅަމުންދާ ބޭސްފިހާރައިގެ މަސައްކަތްވެސް ނިމުމަކާ ހަމައަށް އައިސްފިއެވެ. ކަރަންޓްގެ ޔަޤީންކަން ދިނުމަށްޓަކައި 450 ކިލޯވޯޓްގެ ދެ ޖަނެރޭޓަރު މިދައުރުގެ ތެރޭގައި ލަންދޫގައި ބަހައްޓައިފިއެވެ. ކަރަންޓް ކޭބަލް އަޕްގްރޭޑްކޮށްފިއެވެ. ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޓާފް އެޅި ބޮޑު ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އެމަސައްކަތް ލަސްތަކެއް ނުވެ ނިމޭނެކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޔޫތް މިނިސްޓްރީން ތަކެތި ދެއްވުމުން ރަށުގެ ބަނދަރު ސަރަހައްދުގައި އަޅާ ކުޑަކުދިންގެ ޕާރކްގެ މަސައްކަތް ކުރިއަށް އޮތް ބޮޑު އީދުގެ ކުރިން ނިންމާލެވޭނެކަމަށް ކައުންސިލުން އުއްމީދުކުރެއެވެ. ބޭނުންވާ ސާމާނު ހުރީ ރަށުގައެވެ.

ލަންދޫ ބަޔަކު މަސް ގަނެގެން ދަނީ

ލަންދުއަކީ ހާހެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. އަށްސަތޭކައެއްހާ މީހުން ރަށުގައި ދިރިއުޅެއެވެ. ތާރީޚީ ގޮތުންވެސް ފާހަގަކޮށްލެވޭ ދިވެހި ބޭސްވެރިކަމުގައިވެސް ކުރިއަރާފައިވާ ރަށެކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.