މަނަދޫގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް އެކި މަރުހަލާގައި

1003

މަނަދޫއަކީ ނ.އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އެއީ އެކި ބޭނުންތަކުގައި ދުވާލަކު ސަތޭކައެއްހާ މީހުން އަރާ ފައިބާ ރަށެކެވެ. ބެންކާއި, އަތޮޅު ހޮސްޕިޓަލް ފަދަ މުހިއްމު ބޭނުންތަކަށް އަރާ ފައިބަން ޖެހޭ ރަށެކެވެ.

ނ.އަތޮޅު މަނަދޫގެ އުމުރާނީ ތަރައްޤީ ފެށޭ ހިސާބަކީ ރަށުގެ ފަޅަށް ވަންނަ ހިސާބެވެ. ރަށުގެ ފަޅަށް ވަންނަ ނެރަކީ ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާ ސަރަހައްދެކެވެ. އެމްޓީސީއާ ހަވާލުކޮށް ކުރަމުންދާ މަސައްކަތަކީ ނެރު ބަދަލުކުރުމެވެ. އަދި ރޭމްޕެއް ހެދުމެވެ. މީގެއިތުރުން ޖެޓީއެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ނ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލު ނިމިފައި

މަނަދުއަށް އެންމެ ގިނަ ބަޔަކު ޒިޔާރަތް ކުރާ ސަބަބަކީ ޞިއްޙީ ފަރުވާ ހޯދުމެވެ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ޖާގަ އިތުރުކޮށް, ޚިދުމަތްތައްވެސް ވަނީ ފުޅާކޮށްފައެވެ. އެގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ އަދަދާއި, ދާއިރާތައް އިތުރުކޮށް ފަރުވާދެމުންދިއުމަކީ މުޅި އަތޮޅަށް އޭގެ ފައިދާ ކުރަމުންދާ އެންމެ މުހިއްމު ދާއިރާއެވެ. މަނަދޫގައި ހުރި ނ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނިމި މިހާރު ވަނީ ހުޅުވާ ބޭނުންކުރަން ފެށޭ ހާލަތަށް ގެނެސްފައެވެ. އަދި 12 ކްލާސްރޫމް ހިމެނޭ ތިން ބުރީގެއިމާރާތެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަސާސީ ޚިދުމަތްތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެމަސައްކަތުގެ %70 ވަނީ ނިމިފައެވެ. ފެނަކަ އޮފީހުގެ ޒަމާނީ އާއިމާރާތުގެ މަސައްކަތް ނިމި, ހުޅުވަން ވަނީ ތައްޔާރުވެފައެވެ. މިދައުރުގެ ތެރޭގައި އުފެއްދި އެގްރޯ ކުންފުނީގެ އެގްރޯ ކަލެކްޝަން ސެންޓަރެއް މަނަދޫގައިވެސް ވަނީ ޤާއިމްކޮށްފައެވެ. އެސެންޓަރުގެ މަސައްކަތްވެސް ވަނީ މުޅިން ނިމިފައެވެ.

މަނަދޫ އާ މިސްކިތުގެ މަސައްކަތް ބާރަށް ކުރިއަށްގެންދޭ

މިހާރު ކުރަމުންދާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި 700 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތް ފާހަގަކުރެވެއެވެ. ހުއްޓުމެއްނެތި އެމަސައްކަތް ރައްޔިތުންގެ ހިތްހަމަޖެހޭ ސްޕީޑްގައި ކުރަމުންދާކަން ރަށުގެ ރައްޔިތުން ފާހަގަކުރިއެވެ. ޕޮލިސް ސްޓޭޝަނެއްގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މަނަދޫގައި ހުންނަނީ ނ.އަތޮޅު ޕޮލިސް ސްޓޭޝަނެވެ.

ކުޅިވަރުގެ ދާއިރާއިން ބަލާއިރު އިންޑޯ އަދި އައުޓްޑޯ ޖިމެއް މަނަދޫގައި ވަނީ އަޅާފައެވެ. އެތަނުގެ ބޭނުން މިހާރު ދަނީ ކުރަމުންނެވެ. ބޮޑު ފުޓްބޯޅަ ދަނޑުގައި ޓާފް އަޅާ ނިމި, ކުރިއަށް އޮތީ ފެންސް ޖެހުމުގެ މަސައްކަތެވެ.

ފެނަކަ އޮފީސް އިމާރާތް ނިމިފައި

ތަރައްޤީގެ މިލިސްޓަށް ބަލާ މަނަދޫ ރައްޔިތުން ބުނަނީ ތަރައްޤީގެ އެކި މަރުހަލާތަކުގައި ހުރި މަސައްކަތްތަކާއި, އަދަދާމެދުވެސް ވަރަށްބޮޑު ހިތްހަމަޖެހުމެއް އެބައޮތްކަމަށެވެ. އޮތް ނުތަނަވަސްކަމަކީ ބައެއް މަޝްރޫޢުތައް އުއްމީދުކުރާ ސްޕީޑްގައި ކުރިއަށް ނުދިއުމެވެ. ނަމަވެސް އެމަސައްކަތްތައް ފެށި އެކިމަރުހަލާތަކުގައި ހުރުމަކީ މީގެކުރިން މަނަދޫގައި މަޝްރޫޢުތައް ހިނގާފައިވާ ގޮތަށް ބަލާއިރު ބޮޑު ހިތްހަމަޖެހުމެއްކަމަށް އެމީހުން ބުނެއެވެ.

އަޅުގަނޑު ދަންނަވާނީ މިހާރާ ކުރިއާ ވަރަށްބޮޑަށް ތަފާތޭ. އެއީ މިހާރު އަޅުގަނޑުމެންނަށް އެބަފެނޭ ރަށުތެރެއިން އުޖާލާ މަންޒަރުތައް. ތަރައްޤީ އެބަފެނޭ މިރަށުތެރޭގައި. އަޅުގަނޑު ދަންނަވާނީ އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމުގައި ބަހައްޓަން އަޅުގަނޑު ހަމަ ބޭނުމޭ.

މަނަދޫ ރައްޔިތެއް

ތަރައްޤީގެ މިލިސްޓްގެ އިތުރުން ޖެންޑަރ މިނިސްޓްރީގެ އަމާން ހިޔާވެސް މަނަދޫގައި ވަނީ ހުޅުވާފައެވެ. އޭގެ ސަބަބުން ރަށަށް ވަޒީފާގެ ފުރުޞަތުތަކެއް އިތުރުވުމަކީ ޖުމްލަކޮށް ބަލާއިރު ލިބޭ ވަރަށްބޮޑު ކުރިއެރުމެކެވެ. ކުރިއަށް އޮތް އެންމެ ބޮޑު މަޝްރޫއަކީ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމެވެ. ތާރުއަޅައިގެން މަގުތައް ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.