މަލްޓިޕާޕަސް ހޯލާއި 16 ކްލާސްރޫމް, ކާށިދޫގެ ތަރައްޤީ އިހުސާސްކޮށްދޭ!

529

ބަލާލަން ރީތި ބޮޑު އިމާރާތެކެވެ. އެއިމާރާތާއެކު ކާށިދޫގައި ހުންނަ ކ.އަތޮޅު މަދަރުސާގައި ކިޔަވައިދެމުން އެދަނީ އެއް ދަންފަޅިއަށެވެ. އެއީ ކ.އަތޮޅު މަދަރުސާގައި މިދައުރުގެ ތެރޭގައި އަލަށް އެޅި މަލްޓިޕާޕަސް ހޯލާއި, 16 ކްލާސްރޫމްގެ އިމާރާތެވެ. އެއިމާރާތާއެކު އައި ބަދަލެވެ. އެއިމާރާތް ދައްކާލަމުން އެރަށު މީހަކު ބުނީ “މިހިރަ ލޯބި ސަޅި” އިމާރާތެއް ބަލާބަލާށެވެ. އެއާވިދިގެން ދެން އޭނާ ބުނީ މިހެން ނުބުނާންވީ ކީއްވެ ހެއްޔެވެ. ސަރުކާރުން އަޅައިދިން މިހަކަހަލަ ސަޅި އިމާރާތެއް މީގެކުރިން މިރަށުން އަހަރެމެން ނުދެކެމެވެ. މިއީ ކާށިދޫއަށް ގެނެސްފައިވާ ތަރައްޤީގެ މިންވަރެކެވެ.

ކާށިދޫގައި އިމާރާތްކުރި މަލްޓިޕާޕަސް ހޯލާއި ސޯޅަ ކްލާސްރޫމް

ކާށިދޫގެ ތަރައްޤީގެ ލިސްޓް ބަލާއިރު ދެން އޮތީ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމުގެ މަޝްރޫއެވެ. ނަރުދަމާގެ މަސައްކަތް މުޅިން ނިންމައިފިއެވެ. އެއާއެކު ފެނުގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ވަނީ ނިމުމަކާ ހަމައަށް އައިސްފައެވެ. 90% މަސައްކަތް ނިމިއްޖެއެވެ. މިއީ ކާށިދޫގެ ރައްޔިތުންނަށް ރަށުގައި ހަމަޖެހިގެން ދިރިއުޅެން ފެށުމެވެ.

ލިސްޓްގައި ދެން އޮތީ ޞިއްޙީ ޚިދުމަތް ފުޅާކުރުމެވެ. އެމަސައްކަތް ކުރުމަށް ޞިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އިމާރާތް ބޮޑުކުރުމާއެކު ޚިދުމަތަށްވެސް ބަދަލުތައް ގެންނާނެއެވެ. ޚިދުމަތް ދިނުން ފުޅާކުރާނެއެވެ.

ކ.ކާށިދޫ ބަނދަރު ސަރަހައްދު

މަސްވެރިން އެންމެ ބޭނުންވީ ކަނދުފަތި އެޅުމެވެ. އެކަން ފުރިހަމަކުރީ ކާށިދޫގެ މަސްވެރިންނަށް ޚާއްޞަކޮށް ދެ ކަނދުފަތި އަޅައިގެންނެވެ. މިއީ މަސްވެރިންނަށް އޮތް ހިތްހަމަޖެހުމެވެ.

އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ކާށިދޫއަށް ދެކަނދުފަތި އަޅައިދީފަ އޮތީ. އެ އޮޔާދޭތޯ ބަލާކަށް އިބްރާހީމް މުޙައްމަދު ޞާލިހުއަކަށް ނީނދެވޭނެނުން. އޭތި ކަނޑައިގެން ދިއުން, ނޫނީ ވައްކަން ކުރާ މީހަކު ވަގަށް ކަނޑާލުން އެއީ އިބްރާހީމް މުޙައްމަދު ޞާލިހުއާ ބެހޭކަމެއް ނޫނެއްނުން.

ކާށިދޫ ރައްޔިތެއް

ކުޅިވަރުގެ ދާއިރާއަށް ބަލާއިރު ޔޫތް މިނިސްޓްރީން ކުރިއަށްގެންދާ އެންމެބޮޑު އެއް މަޝްރޫއަކީ ރަށްރަށުގައި ބޮޑު ފުޓްބޯޅަ ދަނޑުތައް އެޅުމެވެ. ޓާފް ބޮޑު ފުޓްބޯޅަ ދަނޑުތައް އެޅުމަށް ކުރަމުންދާ މަސައްކަތުގައި ކާށިދޫގެ ނަން އެބައޮތެވެ. ނަން އޮތީއެއް ނޫނެވެ. އެމަސައްކަތް ދަނީ ކުރަމުންނެވެ. ދަނޑުގައި ޓާފްއަޅާ ނިމި, ކުރިއަށް އޮތީ ވަށައިގެން ފެންސް ޖެހުމެވެ. މިއީ 2800 އެއްހާ މީހުންގެ އާބާދީއެއް އޮތް ކާށިދޫގެ ތަރައްޤިއަށް މިދައުރުގެ ތެރޭގައި ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތަކެވެ. ތަރައްޤީގެ ލިސްޓުން ކާށިދޫގެ ނަމާއި ދިމާގައި ހުރި މަޝްރޫޢުތަކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.