އިންސާނުން ކަންކަމަށް ޝައުޤުވެރިކުރުމަށް އޮތް އެންމެ މޮޅު އެއްގޮތަކީ އާ ވިސްނުންތަކާއެކު ތަފާތު ކަންކަން ތަޢާރަފްކުރުމެވެ. ކުޑަކުޑަ ކަމަކުންވެސް ޝައުޤުވެރި ބޮޑު ބަދަލެއް ގެނެވިދާނެއެވެ. އޭގެ އެކިކަހަލަ ހެކިތައް ރާއްޖޭގެ އެކި ރަށްތަކުން ހުރީ ފެންނާށެވެ. ބ.ގޮއިދޫއަކީ އެފަދަ ރަށެކެވެ. ތަފާތު ކަންކަން ތަޢާރަފް ކުރާ އާ ވިސްނުންތަކަށް ޖާގަދޭ ރަށެކެވެ.

ގޮއިދޫ ކޮތަރު ޕާރކަކީވެސް އޭގެ ހެއްކެކެވެ. ގޮއިދޫގައި އޮންނަ ދެ ކުޅީގެ ތެރެއިން އެއް ކުޅީގެ ހިތްގައިމުކަން ފެންނަ ހިސާބުގައި ތަރައްޤީކޮށްފައިވާ ކޮތަރު ޕާކަކީ އެރަށުގެ ޒުވާނުންތަކެއްގެ ވިސްނުމެވެ. އެސަރަހައްދުގައި ހުރި ރުށްތަކަކީ ކޮތަރުތަކުގެ ގެއެވެ. ކޮތަރުތައް ދިރިއުޅުމަށް ރުށްތަކުގައި ވަނީ ގެ އަޅައިދީފައެވެ. އެއް ރުކުން އަނެއް ރުކަށް, އެއް ގެއިން އަނެއް ގެއަށް ކޮތަރުތައް މިނިވަންކަމާއެކު އުދުހެމުންދާ މަންޒަރަކީ ޝައުޤުވެރި އަދި އެހާމެ އުފާވެރި މަންޒަރެކެވެ.
ކޮންމެ ރުކެއްގައި ދޭއް ނުވަތަ ތިން ގެ ވަނީ އަޅާފައެވެ. އޭގެއިތުރުން މައިގޭގެ ގޮތުގައި ބޮޑު ގެއެއް އެބަހުއްޓެވެ. މިއީ އެރަށުގެ ޒުވާނުންގެ ބަޔަކު އަމިއްލަ ގޭގައި ގެންގުޅުނު ކޮތަރުތަކެއް އާ ވިސްނުންތަކާއެކު މުޅިން ތަފާތު މާހައުލަކަށް ގެންގޮސް, މުޅި މަންޒަރު ބަދަލުކޮށްލި ގޮތެވެ. މިހާރު އެއީ ގޮއިދޫ ކޮތަރު ޕާރކެވެ. ގޮއިދޫއަށް ޒިޔާރަތްކުރާ ފަރާތްތަކުން ޒިޔާރަތްކުރަން ބޭނުންވާ ޝައުޤުވެރި އެއްސަރަހައްދެވެ.

އެތަނުގައި ކޮތަރުތައް ގިނަވަމުން ބޮޑު އާއިލާގެއްގެ ގޮތުގައި މިނިވަންކަމާއެކު އުޅެމުންދާ މަންޒަރުން ހިތްހަމަޖެހުން ލިބެނީ ހަމައެކަނި ކޮތަރުތަކަކަށް ނޫނެވެ. އެމަންޒަރު ފެންނަ ކޮންމެ މީހަކަށެވެ. މިއީ ހަޤީޤަތުގައިވެސް މުޅިން ތަފާތު މަންޒަރެކެވެ. މިކަހަލަ އާވިސްނުންތައް ކުރިއަށް ނެރެން ޖެހެއެވެ.