ފޮޓޯއިން އެ ފެންނަނީ ހަތްދިހައިގެ އަހަރު ތަކުގެ ގެއެއް ނޫނެވެ. އަދި މީހުން ދިރި ނޫޅޭ ފަޅު ގެއެއްވެސް ނޫނެވެ. އެއީ ރަށެއްގެ އެންމެ ހައިބަތު ހުރި ނުވަތަ ހުންނަން ޖެހޭ އެއް މުއައްސަސާއެވެ. ރަށެއްގެ ރަށު ކައުންސިލް އިދާރާއެވެ. ޤަބޫލުކުރަން ދަތި ނަމަވެސް އެއީ މިއަދުވެސް ބ.ފުޅަދޫ ކައުންސިލް އިދާރާ ހިންގަމުން އަންނަ އިމާރާތެވެ. އެރަށުގެ ކައުންސިލް އިދާރާއެވެ.

ރަށުގެ އާބާދީއަކީ 400 އެވެ. އޭގެތެރެއިން ރަށުގައި ދިރިއުޅެނީ ދުއިސައްތަ ކޮންމެސް ވަރެއް މީހުންނެވެ. އެކަމަކު އެއީ އެރަށުގެ ކައުންސިލް އިދާރާ އެހާލަތުގައި ހުންނަން ޖެހޭ ސަބަބެއް ނޫނެވެ. މިދިޔަ ދައުރުތަކުގައި އެރަށާމެދު އެހާބޮޑު އިހުމާލެއް ވާންޖެހޭ ސަބަބެއް ނޫނެވެ.
އެއިހުމާލަށް ނިމުން އައުމުގެ ދަތުރު އަދި ފެށުނީއެވެ. ފުޅަދޫ ކައުންސިލް އާއިމާރާތުގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. އެރަށަށް ކުރި ޒިޔާރަތުގައި ހެނދުނު ހަތެއް ޖެހިއިރު ފެނުނީ މަސައްކަތް ފަށާފައިވާތަނެވެ. މިއީ ރަށުގެ ރައްޔިތުންގެ ކަންކަން ބަލަހައްޓާ އިދާރާގައި އިދާރާއެއްގެ ހައިބަތާއި, ސިފަތައް ފުރިހަމަވާން ފެށުމެވެ.
މިދިޔަ އަހަރުތަކުގައި އެރަށުގައި ލަފާފުރޭނެ ގޮތެއް ނެތެވެ. އެކަމުގައި އުފުލީ ބަޔާންކުރަން ދަތި އުނދަގޫ ތަކެވެ. އެކަމަށް ހައްލެއް ގެނައުމަށް މިދިޔަ ދައުރުގެ ތެރޭގައި އަޅަންފެށި ފާލަން އެހުރީއެވެ. އެތަން މިހާރު ބޭނުން އެކުރަނީ ހަޓެއްގެ ގޮތުގައެވެ. އެކަމަކު ލަފާފުރުމަށް ހައްލު ލިބިއްޖެއެވެ. މިދައުރުގެ ތެރޭގައި ފުޅަދޫގައި ބަނދަރެއް ހަދާ ލަފާފުރުމަށް އޮތް ބޮޑު ތަކްލީފަށް ނިމުން ގެނެސްފިއެވެ.

އަސާސީ ޚިދުމަތްތައް ޤާއިމްކުރުމަށް ހިންގާ ބޮޑު މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރަމުންދާ ރަށްތަކުގެ ތެރޭގައިވެސް ފުޅަދޫ ހިމެނެއެވެ. ގްރޭޑް ނުވައަކާ ހަމައަށް ކިޔައިވޭ ފުޅަދޫ ސްކޫލަށް ޖާގައި ދަތިކަން ބޮޑެވެ. ފަންސާސް ކުދިން ތައުލީމް ހާސިލްކުރާ ސްކޫލަށް ކްލާސްރޫމަކާއި އޮފީސް ބައެއް އިތުރުކުރުމުގެ އަމަލީ މަސައްކަތްވެސް އެދަނީ ކުރަމުންނެވެ.
ޒުވާނުން ކުޅިވަރު ކުޅުމަށް ވަޞީލަތްތައް ޤާއިމްކުރުމަށް ހިންގާ މަޝްރޫޢުތަކުންވެސް އެކުޑަ އާބާދީ ބާކީއެއް ނުވެއެވެ. ފުޓްސަލް ދަނޑުގެ މަސައްކަތް ނިމި, އެދަނޑުގައި ޒުވާނުންނާއި ދަރިވަރުން އެދަނީ ކުޅެމުންނެވެ. ކުޑަކުދިންގެ ޕާކެއްވެސް ތަރައްޤީކޮށްފިއެވެ. ޔޫތް މިނިސްޓްރީން ސާމާނު ދިނުމުން އެމަސައްކަތް ކޮށްނިންމީ ކައުންސިލުންނެވެ.

މިހާރު ފުޅަދުއަށް އެންމެ ބޭނުންވަނީ ޒަމާނީ ރަނގަޅު މިސްކިތެކެވެ. 300 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ވަނީ ބަޖެޓްކުރެވިފައެވެ. ރަށު ކައުންސިލާއި ރައްޔިތުންގެ ވެސް އުއްމީދަކީ އަމަލީ މަސައްކަތް އަވަހަށް ފެށި އެކަންވެސް ހަޤީޤަތަކަށް ވުމެވެ. ކުޑަ ރަށަކަށްވީތީ ބާކީވެފައި އޮތް އޮތުމަށް ނިމުން އައިސްފައިވާކަމުގެ އިހުސާސް ފުރިހަމައަށް ކުރެވުމެވެ.
