ކ.އަތޮޅު ހިންމަފުށި ކައުންސިލަކީ އެހެން ރަށްތަކަށްވުރެ ނިސްބަތުން ބޮޑު އާމްދަނީއެއް ލިބޭ ކައުންސިލެކެވެ. އިންޑަސްޓްރިއަލް ގިނަ މަސައްކަތްތަކެއް ކުރާ ރަށަކަށްވުމުން ބިމު ކުލީގެ ގޮތުގައި ބޮޑު އާމްދަނީ އެއް ލިބެއެވެ. އެއީ އެރަށަށް, އެރަށު ކައުންސިލަށް އޮތް ވަރަށްބޮޑު ކުރިއެރުމެކެވެ.

އެވަރުގެ ތަނަވަސް ފަހި ފުރުޞަތެއް ނެތަސް ކޮންމެ ރަށެއްގެ ކައުންސިލަކީވެސް ހަރަކާތްތެރިކޮށް, މަސައްކަތްކޮށްގެން ރަށުގެ ރައްޔިތުންގެ ފައިދާއަށް ގިނަ ކަންތައްތަކެއް ކުރެވޭ ކައުންސިލެކެވެ. ހަމައެކަނި ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ ކަންކަން ކުރެވޭނެކަން އެހެން ބައެއް ރަށްރަށުންވެސް ފެންނަން އެބަހުއްޓެވެ. އެކަމަކު ގިނަ ކައުންސިލްތަކަކީ ދައުލަތުގެ ބަޖެޓަށް ސައްތައިން ސައްތަ ބަރޯސާވެފައިވާ އެނޫން މަގެއް ނުހޯދޭ ނުވަތަ ހޯދަން މަސައްކަތް ނުކުރާ ކައުންސިލްތަކެވެ.
ހިންމަފުށި ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކާއި, ދެމުންދާ ޚިދުމަތްތަކުން ހިތްވަރެއް ހޯދައިގެން ކައުންސިލްތަކަށް މިހާރަށްވުރެ ހަރަކާތްތެރި ވެވިދާނެއެވެ. ހިންމަފުށީގައި ޕްރީ ސްކޫލްގެ ޚިދުމަތް ކައުންސިލުން ދެނީ އަގެއް ނެގުމެއްނެތި ހިލެއެވެ. ކައުންސިލުން އެރަށުގެ ކުޑަކުދިންނަށް ފެންވަރު ރަނގަޅު ޕާކެއް ވަނީ ތައްޔާރުކޮށްފައެވެ. ޒުވާނުންނަށް ޚާއްޞަ ރަނގަޅު ވޮލީ ކޯޓެއް އެބައޮތެވެ. މިއީ ސީދާ ކައުންސިލްގެ ހަދިޔާއެކެވެ. ރަނގަޅު ވަޞީލަތްތަކާއެކު ޖިމެއް ރަށުގައި އެބަހުއްޓެވެ. ދެ އިންސްޓްރަކްޓަރުންނާއެކު އެޖިމް ހިންގަނީ ކުޑަ ފީއެއް ނަގައިގެންނެވެ. މިއީވެސް ކައުންސިލްގެ ޚިދުމަތެވެ. ކައުންސިލުން ވަނީ ރަށުގައި ފިނިމައިޒާންތައްވެސް ތައްޔާރުކޮށްފައެވެ. އެންމެ އަސާސީ އެއް ޚިދުމަތްކަމަށްވާ ރަށުގެ ސާފްތާހިރުކަމާ ގުޅިފައިވާ ކުނި އުކާލުމުގެ ޚިދުމަތްވެސް ރަށުގެ ރައްޔިތުންނަށް ދެނީ ކައުންސިލުންނެވެ. އެއީވެސް އަގު ނެގުމެއް ނެތް “ހިލޭ” ދެވޭ ޚިދުމަތެކެވެ.

ހިންމަފުށި ކައުންސިލް ނޫނަސް ބައެއް ރަށްތަކުގެ ކައުންސިލުން ޕާކް ވަނީ ތައްޔާރުކޮށްފައެވެ. ޕްރީ ސްކޫލް ހިންގައެވެ. މިފަދަ ގިނަ ޚިދުމަތްތަކެއް ކައުންސިލްތައް ހަރަކާތްތެރިވެގެން ދެވިދާނެ ގޮތްތައް ހޯދިދާނެއެވެ.