“ލިޔެލާ ޖެހުމުގައި 40 އަހަރު, މިމަސައްކަތުން ނޫނީ ބައި ރުފިޔާއެއްވެސް ނުހޯދާ”

2106

ލިޔެލާ ޖަހަން ފެށިއިރު 13 އަހަރެއް ނުފުރެއެވެ. 12 އަހަރު ފުރި ތޭރަ ވަނަ އަހަރަށް މަސްތައް ގުނަނީއެވެ. އެދުވަހުން ފެށިގެން އަދިވެސް ދެމިހުރީ އެމަސައްކަތުގައެވެ. އާމްދަނީ ހޯދުމަށް އެނޫން މަސައްކަތެއް ނުކުރެއެވެ. ނަތީޖާއަކީ އެނޫން މަސައްކަތަކުން ހޯދި ބައިރުފިޔާއެއްވެސް ނެތުމެވެ. މަސައްކަތުގައި މެދުނުކެނޑި މިހާރު އެގުނަނީ ސާޅީސް ވަނަ އަހަރެވެ. މިއީ ލިޔެލާ ޖެހުމަށް މަޝްހޫރު ބ.ތުޅާދޫ ފަސްތަރި އިބްރާހީމް ޞާލިހުގެ ވާހަކައެވެ.

އިބްރާހީމް ޞާލިހު އޭނާގެ ގޭގައި ލިޔެލާ ޖަހަނީ


ލިޔެލާ ޖެހުމުގެ މަސައްކަތުން ލިބުނު އެންމެ ބޮޑު އުފަލަކީވެސް އަދި ކުރިއެރުމަކީވެސް މުޅި ދިރިއުޅުން އެމަސައްކަތުން ކޮޅަށް ޖެހުމެވެ. ދަރިންނަށް ތައުލީމް ހޯދައިދީ ތަރުބިއްޔަތު ކުރުމުގައި އެނޫން މަސައްކަތެއް ނުކުރުމެވެ. މިއަދުވެސް އެމަސައްކަތުން ރަނގަޅު އާމްދަނީއެއް ހޯދައިގެން އަބުރުވެރި ދިރިއުޅުމެއް އުޅެވުމެވެ.

މިމަސައްކަތުން ނޫނިއްޔާ އަޅުގަނޑު ހަމަ ބައިރުފިޔާއެއްވެސް ހޯދާފައެއް ނޯންނާނެ. މިމަސައްކަތުން ދަރިންނަށް ކިޔަވައިދީ, ގެދޮރުއަޅާ ހަމަ ފެށުނީއްސުރެ މިއުޅެނީ. މިއީ އާމްދަނީ ހޯދުމަށް ހަމަ ވަރަށް ރަނގަޅު މަސައްކަތެއް.

އިބްރާހީމް ޞާލިހު/ ލިޔެލާ ޖެހުމުގެ ފަންނުވެރިއެއް

އެއާއެކު މަސައްކަތުން ލިބުނު ރަންވަނަތަކަކީވެސް އުފާވެރިކަން އިހުސާސްކޮށްދޭ ކާމިޔާބީ ތަކެވެ. ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ އިނާމް ލިބިއްޖެއެވެ. އަތޮޅުގެ ރަންނާޅި އެވޯޑް ހާޞިލްކޮށްފިއެވެ. ރާއްޖެއިން ބޭރުގައި މަސައްކަތުގެ ދާއިރާއިން ރާއްޖެ ތަމްޘީލްކުރުމުގެ ފުރުޞަތު އެތައް ފަހަރަކު ލިބިއްޖެއެވެ. ރާއްޖެ ތަމްޘީލްކުރުމަށް ޖަރުމަނާއި, ދުބާއީއާއި, އިންޑިޔާއަށްވެސް ދަތުރުކޮށް ރާއްޖޭގެ ފަންނުވެރި މަސައްކަތް ދައްކާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިހަށް ހިތްވަރުދިނުމުގެ އިނާމް ދެއްވަނީ: ފޮޓޯ-ރައީސް އޮފީސް


އަމިއްލައަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދުމުގެ އިތުރުން މީހުން ބިނާކޮށް, މަސައްކަތަށް ޒުވާނުން ނެރުމަށް އިބްރާހީމް ޞާލިހު ބޮޑު އިސްކަމެއް ދެއެވެ. އެގޮތުން މިހާތަނަށް އޭނާ ވަނީ 200 އެއްހާ ކުދިންނަށް ލިޔެލާ ޖަހަން ދަސްކޮށްދީފައެވެ. އޭގެތެރެއިން މަސައްކަތުގައި ކުރިއަށްދާތަން ފެންނަނީ ބައެއް ކުދިންނެވެ. މަސައްކަތުގައި ކުރިއަށްގޮސް, އެކުދިން ކާމިޔާބީތައް ހޯދުމަކީވެސް އިބްރާހީމް ޞާލިހަށް އުފާވެރި އިހުސާސެއް ކުރެވޭ ކަމެކެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި މިއީ އާމްދަނީ ހޯދަން ރަނގަޅު އެކަށީގެންވާ ސަޅި މަސައްކަތެވެކެވެ. ފަންނުވެރި, ޝައުޤުވެރި މަސައްކަތެކެވެ.

މާބޮޑަށް ހަޑިނުވެ, މާބުރަކޮށް ނޫޅެ, ވަރަށްރީތި ސާފްތާހިރުކޮށް އިނދެގެން މިމަސައްކަތްކޮށް ފައިސާ ހޯދޭނެ.

އިބްރާހީމް ޞާލިހު/ ލިޔެލާ ޖެހުމުގެ ފަންނުވެރިއެއް

އިބްރާހީމް ޞާލިހު މަސައްކަތް ފެށިއިރާ ބަލާއިރު މިއަދު މަސައްކަތް ކުރާ ގޮތަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. މަސައްކަތް ކުރުމުގައި މިހާރު މާބޮޑަސް ފަސޭހައެވެ. އޭރު ދެމީހުންނަށް ނޫނީ ނުކުރެވޭ މަސައްކަތް މިއަދު އެކަނި އިނދެ ކޮށްލެވެއެވެ. މިއަދު ކަރަންޓްގެ އެހީގައި މަސައްކަތް ރަނގަޅަށް އަވަހަށް ކޮށްލެވެއެވެ.
މަސައްކަތުގައި އިބްރާހީމް ޞާލިހުގެ އިލްތިމާސްއެއް އަދި ވަރަށް ބޮޑު އުއްމީދަކާއި ހުވަފެނެއްވެސް އެބައޮތެވެ. އޭނާގެ އިލްތިމާސްއަކީ މިމަސައްކަތަށް ގިނަބަޔަކު ނިކުތުމެވެ. އޭނާގެ އުއްމީދަކީ ލިޔެލާ ޖެހުމޭ ބުނުމުން ހަމައެކަނި ތުޅާދޫގެ ނަން ސިކުނޑިއަށް އަންނަ އައުން ބަދަލުވުމެވެ. ނުވަތަ ބަދަލުކުރުމެވެ. އެއީ ހަމައެކަނި ތުޅާދޫއަށް ޚާއްޞަ މަސައްކަތެއްގެ ބަދަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރާ މަސައްކަތަކަށް ވުމެވެ. އެކަމުގައި އޭނާއަށް ވެދެވެންހުރި އެހީތެރިކަން ފޯރުކޮށްދޭން, ރަށްރަށަށް ދަތުރުކޮށްގެންވެސް މަސައްކަތް ދަސްކޮށްދޭން ހުރީ ތައްޔާރަށެވެ.
މިމަސައްކަތުގައި މިހާރުކު އޮތް ހުވަފެނަކީ ސަރުކާރުން ދެއްވާ ޝަރަފްވެރިކަމުގެ ޤައުމީ އިނާމް ހާޞިލްކުރުމެވެ. މިމަސައްކަތުގައި އެނޫން ހުރިހާ އިނާމެއް އެވަނީ ހާޞިލްކޮށްފައެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.