ސްޕީޑް ލޯންޗެއްގައި މާލެއިން ފުރައިގެން މިރަށަށް އައުމަށް ހޭދަވަނީ 35-40 މިނިޓެވެ. ސްޕީޑް ލޯންޗްގައި މާލެއާއި މިރަށާ ދެމެދު ކޮންމެ ދުވަހަކު ތިން ދަތުރުކުރެއެވެ. ކޮޅަކަށް ނަގަނީ 200 ރުފިޔާއެވެ. 400 ރުފިޔާއިން ދަތުރެއްގެ ޚަރަދު ނިންމާލެވެއެވެ. މާލެ ކައިރިން އަތޮޅުތެރޭގެ ރަށެއް ކަމުގެ އިހުސާސް އެންމެ ބޮޑަށް ކުރެވޭ އެއް ރަށަކީވެސް މިރަށެވެ. މިއީ ކ.އަތޮޅު ގުރައިދޫއެވެ.

މިއީ ފަތުރުވެރި ރަށެކެވެ. 23 ގެސްޓް ހައުސް މިވަގުތު ރަޖިސްޓްރީކޮށްގެން ހިންގައެވެ. މިއީ ފަތުރުވެރިކަމުގެ ނަފާ ހޯދަމުން ކުރިއަރަމުން އަންނަ ރަށެކެވެ. މިހުރިހާ ކަންތައްތަކެއްގެ ތެރެއިންވެސް ކައުންސިލް މެންބަރު ހުސެއިން ނިހާލު ފާހަގަކުރައްވަނީ ގުރައިދޫ ރައްޔިތުންގެ މެހުމާންދާރީއެވެ. ޒިޔާރަތްކުރާ ފަރާތްތަކަށް އުޅެން ފަސޭހަ ރަށެއްގެ ގޮތުގައި ރަށަށް ޒިޔާރަތްކުރާ މީހުން ފާހަގަކުރެއެވެ.

މިރަށަށް ޒިޔާރަތްކުރާ މީހުން އެންމެ ބޮޑަށް ބަލައިގަންނަ ދެކަމެއް ފާހަގަކުރެވޭ. އެއްކަމަކީ މިރަށަށް ޒިޔާރަތްކުރާ މީހުންނަށް މިރަށަކީ ވަރަށް ފަސޭހަ މާހައުލެއްގައި އެއްވެސް އުނދަގޫކަމެއް ނެތި އުޅެލުމުގެ ފަސޭހަކަން ލިބިފައިވާ ރަށެއް. މިރަށު މީހުންގެ ހިތްހެޔޮކަން މިރަށަށް ޒިޔާރަތްކުރާ މީހުން ފާހަގަކުރޭ.
ހުސެއިން ނިހާލް/ ކ.ގުރައިދޫ ކައުންސިލް މެންބަރު
ގުރައިދުއަކީ ދެހާހެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. މީގެތެރެއިން ބިދޭސީން ހިމެނޭ ގޮތަށް ރަށުގައި ދިރިއުޅެނީ ސާދަސަތޭކައެއްހާ މީހުންނެވެ. ގުރައިދުއާއި ވަރަށް ކައިރީގައި ދެ ރިސޯރޓް އޮވެއެވެ. ދެރިސޯރޓްގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި, ރަށުގެ ގެސްޓްހައުސްތަކުގައި ހުރި ފުރުޞަތުތަކާއި, ގުރައިދޫގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހުރުމާއި އެކު ވަޒީފާގެ ފުރުޞަތު ރަށުގެ ރައްޔިތުންނަށް އޮތީ ވަރަށް ފަހިކޮށެވެ. ވަޒީފާ ބޭނުންވެ, ވަޒީފާ ނެތި ތިބެންޖެހޭ މީހުންގެ އަދަދު ވަރަށް ދަށެވެ.
މިކަންކަމާއެކު މާލޭގެ ހަލަބޮލި މާހައުލުން ނިކުތުމަށް ޒިޔާރަތްކޮށްލަން އެންމެ ރަނގަޅު އެއް ރަށަކީ ކ.ގުރައިދޫއެވެ.
