ގުރައިދުއަށް އެންމެ މުހިއްމުވި ބިން ހިއްކިއްޖެ, ފުޓްބޯޅަ ދަނޑު ނިމިއްޖެ, އޭޓީއެމް މެޝިން ބަހައްޓައިފި

702

މިސަރުކާރު ހަވާލުވިއިރު ކ.ގުރައިދޫއަށް އެންމެ މުހިއްމު ކަންތައްތަކުގެ ލިސްޓެއް އެކުލަވާލާނަމަ އެންމެ ކުރީގައި އޮތީ ބޯހިޔާވަހިކަމަށް ހައްލެކެވެ. އޭގެ ފަހުން އޭޓީއެމް މެޝިނެއް ބެހެއްޓުމެވެ. އަދި ޒުވާނުންނަށް މުހިއްމުވީ ޓާފްއެޅި ރަނގަޅު ފެންވަރުގެ ބޮޑު ފުޓްބޯޅަ ދަނޑެކެވެ. މިއީ ކައުންސިލް މެންބަރު ހުސެއިން ނިހާލް ވިދާޅުވި ވާހަކައެވެ. ތަފްސީލް ދެއްވީވެސް އޭނާއެވެ.

ގުރައިދޫގެ ބިމަށް ވަނީ 15 ހެކްޓަރު އިތުރުކޮށްފަ

ވާހަކަ ފައްޓަވަމުންވެސް ވިދާޅުވީ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރު އައިއިރު މިރަށުގައި އެންމެ ބޮޑަށް ބޭނުންވެފައިހުރި ހުރިހާ ކަންކަމަކަށް މިސަރުކާރުން އެބަ ހައްލު ހޯދައިދޭ ކަމަށެވެ. ފުރަތަމަ ކަމަށް ވިދާޅުވީ ގުރައިދުއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަންކަމަށެވެ. އެމައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ގުރައިދޫގެ ބިމަށް 15 ހެކްޓަރު އިތުރުކޮށްފައެވެ. އެބިމުން 314 ގޯތި ދޫކުރެވޭނެކަމަށް ކައުންސިލް މެންބަރު ވިދާޅުވެއެވެ. ދެން އޮތީ އެމަސައްކަތެވެ. ލޭންޑް ޔޫޒް ޕްލޭން ނިމި, ރައްޔިތުންނާ މަޝްވަރާކުރެވި ގޯތިދޫކުރުމުގެ މަރުހަލާއާ ހަމައަށް އާދެވިފައިވާކަމަށް ނިހާލު ވިދާޅުވިއެވެ.

މިއީ މުޅިރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބު. މިސަރުކާރުގެ ތެރޭގައި މިކަން ހާސިލްވެފައިމިވަނީ.

ހުސެއިން ނިހާލު/ކ.ގުރައިދޫ ކައުންސިލް މެންބަރު

ދެވަނަ ކަމެއްގެ ވާހަކަ ފެއްޓެވީ ވިޔަފާރިވެރިންނާ ހަމައިންނެވެ. ގުރައިދޫއަކީ ފަތުރުވެރި ރަށެކެވެ. ވިޔަފާރީގެ ރަށެކެވެ. ފުދުންތެރި ރަށެކެވެ. ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިއިރު ވިޔަފާރިވެރިންނަށް އެންމެ މުހިއްމު ކަމަކަށްވީ އޭޓީއެމް މެޝިނެއްކަމަށެވެ. އެކަންވެސް ފުރިހަމަވެފައިވާ ކަމަށާއި, އެކަމުގެ ފައިދާ ވިޔަފާރިވެރިންނާއި ޢާއްމުންނަށް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ގުރައިދޫ އޭޓީއެމް މެޝިން ބަހައްޓާފައިވަނީ ބަނދަރު ސަރަހައްދުގައި

ތިންވަނަ ކަމެއްގެ ވާހަކަ ފެއްޓެވީ ޒުވާނުންނާ ހަމައިންނެވެ. ޒުވާނުން އެންމެބޮޑަށް ބޭނުންވީ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށެވެ. ރަނގަޅު ފެންވަރުގެ ބޮޑު ފުޓްބޯޅަ ދަނޑެކެވެ. ގުރައިދޫއަކީ ފުޓްބޯޅައިގެ ރަށެކެވެ. ކުރިން ފުރަތަމަ ޑިވިޝަންގައި ވާދަކުރި ފުޓްބޯޅައިގެ ބާރެކެވެ. ބޮޑު ފުޓްބޯޅަ ދަނޑުގައި ރަނގަޅު ފެންވަރުގެ ޓާފެއް އެޅި, މިހާރު އެދަނީ ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރޮސްޓްރަމްގެ މަސައްކަތްވެސް ބަޔަކާ ހަވާލުކޮށް މަސައްކަތްވެސް ކުރަމުންދާކަން ކައުންސިލް މެންބަރު ފާހަގަކުރެއްވިއެވެ.

ގުރައިދޫ ބޮޑު ފުޓްބޯޅަ ދަނޑުގައި ޓާފް އަޅާފައި

މުހިއްމު ތިންކަމެއް ނިމިފައިވީނަމަވެސް ރައްޔިތުން އެދޭ މުހިއްމު ކަންކަން އެކިމަރުހަލާތަކުގައި އަދިވެސް އެބަހުއްޓެވެ. އޭގެތެރެއިން އެއްކަމަކީ ރަށުގެ ޞިއްޙީ ނިޒާމް ރަނގަޅުކުރުމެވެ. މިދިޔަ އަހަރުތަކުގައި އެކަމަށް ރައްޔިތުން ވަރަށްބޮޑަށް އެދިއެދި ތިބިކަމަށް ނިހާލު     ވިދާޅުވިއެވެ. ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭނެ މަރުކަޒެއް ނުވަތަ މިނީ ހޮސްޕިޓަލެއްގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ. އެއާއެކު ދެން ފާޅުކުރެއްވީ އުއްމީދެވެ.

އެކަންވެސް ހާސިލްވާނެކަމުގެ އުއްމީދު ބޮޑު. މިވަގުތު އަޅުގަނޑުމެން ކައުންސިލުން ބިން ދޫކުރެވި, ބިމުގެ ރަޖިސްޓްރީ ވަނީ ހަވާލުކޮށްފަ. އުއްމިދުކުރަނީ ވަރަށް އަވަހަށް ހެލްތް ސެންޓަރުގެ މަސައްކަތް ފެށިގެންދާނެކަމަށް.

ހުސެއިން ނިހާލު/ކ.ގުރައިދޫ ކައުންސިލް މެންބަރު

ގުރައިދޫގެ ތައުލީމީ ދާއިރާއަށް ބަލާއިރު ޖާގައިގެ ދަތިކަމަކީ ގޮންޖެހުމެކެވެ. އެކަމަށް ހައްލެއް ބޭނުންވެއެވެ. އެހައްލު ގެނައުމުގެ މަރުހަލާ ވަނީ ފަށާފައެވެ. އެކަން ހައްލުކުރުމަށް ގުރައިދޫ ސްކޫލްގައި އަށް ކްލާސްރޫމް އެޅުމަށް މިހާރުވަނީ ބިޑަށް ލާފައެވެ.

ގުރައިދޫ ކައުންސިލް މެންބަރު ނިހާލު މައުލޫމާތުދެއްވަނީ

ގުރައިދޫގައި ހުރި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ އެރަށުގެ އެތައް އާއިލާތަކެއްގެ އާމްދަނީއާ ގުޅިފައިވާ މުހިއްމު މަރުކަޒެކެވެ. އެއީ ގުރައިދޫ ރައްޔިތުންގެ ވަރަށްބޮޑު ޚިދުމަތެކެވެ. އެޚިދުމަތް އެކަށީގެންވާ ގޮތެއްގައި ދިނުމަށް ޖާގައިގެ ދަތިކަމާއި, އިމާރާތުގެ އެހެން ދަތިކަން ހައްލުކުރުމަކީވެސް މުހިއްމުކަމެކެވެ. މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

މިސަރުކާރުން ގުރައިދޫއަށް ވަރަށް ޚާއްޞަކޮށް ބަލާފަ އޮތްކަން ގުރައިދޫގެ ރައްޔިތުން ބަލައިގަނޭ.

ހުސެއިން ނިހާލު/ކ.ގުރައިދޫ ކައުންސިލް މެންބަރު

ކުރިއަށްހުރި މުހިއްމު ކަންތައްތަކުގެ ތެރޭގައި ޒޯން 3 ގެ ކުންޏާއި ވަޞީލަތްތައް މެނޭޖްކުރުމުގެ މަރުކަޒު އަޕްގްރޭޑްކުރުން ހިމެނެއެވެ. ކުނިމެނޭޖްކޮށް އެކަމަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތްވެސް ވަނީ ޓެންޑަރކޮށްފައެވެ. ރާއްޖޭގެ ޤައުމީ ދަތުރުފަތުރުގެ ނިޒާމް ޤާއިމްކުރުންވެސް ވަނީ ކޮންޓްރެކްޓް ކޮށްފައެވެ. ކުޅިވަރުގެ ދާއިރާއިން ފުޓްބޯޅަ ނޫން ކުޅިވަރުތަކަށްވެސް ސަމާލުކަން އަންނަނީ ދެމުންނެވެ. އެގޮތުން ހޭންޑްބޯޅަ ކޯޓެއް އެޅުންވެސް އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާއަށް އާދެވިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.