ރަމަޟާންމަހު ނިސްބަތުން އެންމެ ބޮޑު ފައިދާއެއް ހޯދާ އެއްބަޔަކީ ލޯކަލް މާރުކޭޓްގެ ގޮޅިތަކުގައި ވިޔަފާރިކުރާ ފަރާތްތަކެވެ. އެއީ އެހެން މަސްތަކަށްވުރެ ތިންގުނަ, ހަތަރު ގުނަ ބޮޑު ފައިދާއެއް އެމީހުންނަށް ލިބޭ މަހެކެވެ. ލައްކައިން ފައިދާ ނަގައެވެ. އެކަމަކު މިފަހަރުގެ ރޯދަމަހު މާރުކޭޓް ގޮޅިތަކުގައި ވިޔަފާރި ކުރާ މީހުން ބުނަނީ ހާލަތު މުޅިން ތަފާތު ކަމަށެވެ. ކުރިއާ އަޅާބަލާއިރު ވިޔަފާރި ނެތޭ ބުނުންވެސް ދޮގަކަށް ނުވާނެކަމަށެވެ.
ކުރިން ހުކުރު ދުވަހެއްގެ މިގަޑި (މެންދުރު) މިތާ މީހަކަށް ހިނގާލާނެ ޖާގައެއް ނޯންނާނެ. އެކަމަކު މިހާރު ބަލާ. ކުރިއާ ބަލާއިރު ވިޔަފާރިއެއް ނުވޭ
ލޯކަލް މާރުކޭޓް ގޮޅިއެއްގައި ވިޔަފާރި ކުރާ ފަރާތެއް
ހާލަތު ބަދަލުވުމުގައި އެމީހުން ދައްކަނީ މައިގަނޑު ދެ ސަބަބެކެވެ. އެއް ސަބަބަކީ މާލޭގެ އެކި ސަރަހައްދުތަކުގައި, ޚާއްޞަކޮށް މާލެތެރޭގައި މާރުކޭޓްތައް ގިނަވުމެވެ. އޭގެ ސަބަބުން ލޯކަލް މާރުކޭޓަށް އަންނަން ނުޖެހުމެވެ. ދެވަނަ ސަބަބަކީ ވިޔަފާރީގެ ކޮންޓްރޯލް ބިދޭސީން ނެގުމެވެ. އެކަމަކު އެހެން ދިމާވީވެސް ދިވެހިންގެ ސަބަބުންކަން އެމީހުން ޤަބޫލުކުރެއެވެ. ބޭރު މީހުން ގޮޅިތައް ކުއްޔަށް ނެގީ ދިވެހިން އަތުންނެވެ.
މިރޯދަމަސް ފެށުނުއިރު ހުރި އަގުތަކަށްވެސް ފުރަތަމަ ދިހައެއް ނިމޭއިރު ވަނީ ބަދަލުތައް އައިސްފައެވެ. ބޮޑުތަނުން އަގުތައް ތިރިވާން ފަށައިފިއެވެ. އެންމެ މިސާލެއް ދައްކަމުން ގޮޅީގައި ހުރި މީހަކު ބުނީ ރޯދަމަސް ފެށިއިރު ތިރީހުން މަތީގައި ކިލޯއެއް ހުރި ކަރާ މިއަދު ހުރީ 20 ރުފިޔާއަށް ކަމަށެވެ. ފޮޓޯ ތަކުގައި އެވަނީމާރޗް މަހުގެ އެންމެ ފަހު ދުވަހު ހަވީރު މާލޭ ލޯކަލް މާރުކޭޓްގައި ނަގާފައިވާ ތަސްވީރުތަކެވެ.
