މާރުކޭޓް ގޮޅީގެ ވިޔަފާރީގައި ހަސަން ދީދީގެ ވިއްސަކަށް އަހަރުގެ ތަޖުރިބާ!

2042

ކުރިން އެއީ މަސްވެރިއެކެވެ. އެމަސައްކަތުގައި ދިހަވަރަކަށް އަހަރު ހޭދަކުރިއެވެ. އޭގެފަހުން އުފަން ރަށް ގއ.ގެމަނަފުށީގައި ތަފާތު ބާވަތްތަކުގެ ވިޔަފާރިތައް ކުރިއެވެ. ސިމެންތި ވިޔަފާރި, ގާޖެހުން, މާލެއިން ސިމެންތިއާއި, ހިލައާއި, ހިލަވެލި ގެންގިސް ވިއްކުން, ކޮންޓްރެކްޓް ގްރޫޕް ހަދައިގެން މަސައްކަތްކުރުން ފަދަ ވިޔަފާރިތައް ކުރިއެވެ. ހަސަން ދީދީގެ އާއިލާއަކީވެސް ވިޔަފާރީގެ އާއިލާއެކެވެ. ވިޔަފާރީގެ ޝައުޤު އުފެދުނު މައިގަނޑު އެއް ސަބަބަކީވެސް އެއީއެވެ.

ހަސަން ދީދީ ގޮޅީގައި ކުރުނބާ ހަދަނީ

ވިޔަފާރީގެ ތެރޭގައި އުޅެން ޝައުޤުވެރިވި ދެވަނަ ސަބަބަކީ އަމިއްލަ ފައިމައްޗަށް ތެދުވެ, އެހެން މީހަކަށް ބަރޯސާ ނުވެ އުޅުމެވެ. ހަސަން ދީދީގެ ބަހުންނަމަ ބޭނުންވީމާ ބޭނުން ވަގުތަކު ގެއަށް ދެވޭފަދަ ވަޒީފާއެއް އަދާކުރުމެވެ. އަނބިދަރިން ބަލިވީމާ އިތުރު މީހެއްގެ އިޒުނަ ހޯދުމަކާ ނުލައި ފަސޭހައިން ގެއަށްދެވޭނެ ފަދަ މަސައްކަތެއް ކުރުމެވެ.

ދެން އޮތީ ދިރިއުޅުން މާލެ ބަދަލުވުމާއި, ލޯކަލް މާރުކޭޓް ގޮޅިއަށް ވަންޖެހުނު ގޮތެވެ. މާލެ ބަދަލުވުމުގެ މަޖުބޫރީ ހާލަތު މެދުވެރިވީ ދަރިންނަށް ކިޔަވައިދިނުމެވެ. ފުރަތަމަ ދެދަރިން ކިޔަވަން މާލެ ފޮނުވީއެވެ. އެކަމަކު ފަހުން އަންހެނުންވެސް މާލެ ބަދަލުކުރަން ޖެހި, ރަށުގައި އުޅެން އުނދަގޫވެ ހިތްފަސޭހަ މާހައުލާ ވަކިވެ ކާރޫބާރޫބޮޑު މާލެއަށް ހިޖުރަކުރީއެވެ. މާލެބަދަލުވެ ކުރާނެ މަސައްކަތެއް ވިސްނީވެސް އޭގެފަހުންނެވެ.

ލޯކަލް މާރުކޭޓް ގޮޅިއަށް ވަނީ އަންހެނުންގެ ކޮއްކޮއެއްގެ ލަފާގެ މަތީންނެވެ. އެއީ ދަމާކަނޑަން އުޅުމަސް ދިން ލަފައެކެވެ. ގިނަ ފައިސާ ލިބިފައި, އަމިއްލަ މިނިވަންކަން އޮންނާނެކަމަށް ޤަބޫލުކޮށްގެންނެވެ. މިހާރު އެމަސައްކަތުގައި ވިއްސަކަށް އަހަރުވަނީއެވެ. ތަފާތު ގިނަ ތަޖުރިބާތަކެއް ކޮށްފިއެވެ. ވިޔަފާރީގެ ފުރަތަމަ ދުވަސްތަކަކީ ލޮލުން ކަރުނައައި ދުވަސްތަކެވެ. އޭގެފަހުން ލައިކައިން ފައިދާ ގުނިއެވެ. މިއަދުގެ ހާލަތުވެސް ތަފާތެވެ.

ވިޔަފާރި ފަށައިގެން ގޭކުލި ނުދެއްކިގެން އަންހެނުންނާ ދެމީހުން ރުއި ދުވަސްތަކެއް ހަނދާން އެބަހުރި. ގަދަ ހިތްވަރާއެކު ކުރި މަސައްކަތުން ލައްކައިން ފައިދާވި މަސްތަކެއްވެސްދިޔަ. އޭގެފަހުން މިއަދު އަނެއްކާވެސް ގުނަމުންދަނީ ކިރިޔާ ދެކޮޅު ޖެހެމުން ނުޖެހެމުންދާ ދުވަސްތަކެއް.

ހަސަން ދީދީ/ ލޯކަލް މާރުކޭޓްގެ ވިޔަފާރިވެރިއެއް

ައިދާގެ ގޮތުގައި މަހެއްގެ މައްޗަށް އެއްލައްކަ ރުފިޔާ ލިބުނު ދުވަސްތަކަކީ ކޮވިޑްގެ ކުރިން ހަ ގޮޅި ހިންގި ދުވަސްތަކެވެ. އޭރު ހަސަން ދީދީގެ ދިހަ މުވައްޒަފުން ތިބެއެވެ. އޭގެތެރޭގައި ދިވެހިންނާއި ބޭރު މީހުންވެސް ހިމެނެއެވެ. މިއަދު ހިންގަނީ ދެގޮޅިއެވެ. އެއީ ކަރާ މާރުކޭޓްގައިއ އެއްގޮޅި އަދި ލޯކަލް މަރުކޭޓްގައި އެއް ގޮޅިއެވެ. ފަސް މުވައްޒަފުން ގެންގުޅެއެވެ. އޭގެ އިތުރުން ދޮށީ ދެދަރިން މަސައްކަތުގައި ބައިވެރިވެ އެހީތެރިވަމުން ދިއުމަކީ ހަސަން ދީދީއަށް މިއަދު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ވިޔަފާރި ފުޅާކުރުމަށް ހަސަން ދީދީ ވަނީ ރަނގަޅު ނެޓްވޯކެއް އުފައްދާފައެވެ. މުދާ ހޯދަނީ ރަށްރަށުގައި ތަކެތި ހައްދާ ފަރާތްތަކާ ގުޅައިގެންނެވެ. އެއީ ވިޔަފާރީގެ ތެރެއިން އުފެއްދި ގުޅުންތަކެވެ.

ހަސަން ދީދީ އިންޓަރވިއު ދެނީ

އެކަމަކު މިރޯދަމަހު ތަކެތި ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށް އޭނާ ބުނީ އެހެން ދިމާވަނީ ރޯދަމަހު އޮޑޮތައް ދަތުރުކުރުން މަދުވާތީކަމަށެވެ. އަގުތައް އުފުލޭ މައިގަނޑު ސަބަބަކީވެސް ރަށްރަށުގެ އުފެއްދުންތައް މާލެ ނުގެނެވުންކަމަށް އޭނާ ބުންޏެވެ. މިވިޔަފާރީގައި މިއަދު ކިރިޔާ ދެކޮޅު ޖެހެމުން ދިޔަޔަސް ހަސަންދީދީ ޤަބޫލުކުރަނީ މިއީ ރަނގަޅު ވިޔަފާރިއެއްކަމަށެވެ. އެކަމަކު ހިތްވަރެއް ހުރެގެން, ޝައުޤުވެރިކަމާއެކު ވަގުތު ދީގެން ކޮށްފި ނަމައެވެ.

މިއީ ވަރަށް ރަނގަޅު ވިޔަފާރިއެކޭ މީގެތެރޭގައި ވަރަށްބޮޑަށް އުޅެންޏާ. މިކަމުގެތެރެއަށް ވަދެގެން މިމަސައްކަތް ކުރަންޏާ. އެއްމަހު މަސައްކަތްކޮށްފަ ތިމަންނައަށް ދިހަހާސް ރުފިޔާ ގެއްލުންވެއްޖެއޭ ކިޔާފަ މުދާނަގާ މީހުންނަށް ލާރި ނުދައްކާ ގެއަށް ދިޔައީމަ މިކަމެއް ނުވާނެ. ފަތިސްނަމާދުން ފައިބައިގެން ހެދުނު ބާޒާރަށް އަންނަން ޖެހޭނެ. އަބަދުވެސް އުޅެންޖެހޭނީ މިކަމުގަ. އޭރުން އިރާދަކުރެއްވިއްޔާ ކުރިއަށްދެވޭނެ.

ހަސަން ދީދީ/ ލޯކަލް މާރުކޭޓްގެ ވިޔަފާރިވެރިއެއް

މިމަސައްކަތާ ދުރަށް ދިއުމުގެ ވިސްނުމެއް އަދި ހަސަން ދީދީގެ ނެތެވެ. އޭނާގެ ދުވާލުގެ ހުރިހާ ވަގުތެއް ހޭދަކުރަނީ ގޮޅީގައެވެ. އޭނާގެ މުވައްޒަފުންނާއެކު ވިޔަފާރި ހުންގުމުގައެވެ. ގޮޅީގައި އޭނާ ނެތްނަމަ މިސްކިތުގައެވެ. ނުވަތަ މުދާ ބަލާ އޮޑިދޮށުގައެވެ. ޔަޤީނުންވެސް އޭނާގެ ދިރިއުޅުން ކޮޅަށް ޖެހުމުގައި, ދަރިންނަށް ކިޔަވައިދނުމުގައި މިވިޔަފާރި އަދާކުރީ ބޮޑު ދައުރެކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.