އަޅުގަނޑު ބޭނުންވަނީ ރާއްޖޭގައި އެންމެ ގިނަ ކުދިންނަށް ފަތަން ދަސްކޮށްދިން އިންސްޓްރަކްޓަރުގެ ގޮތުގައި އަބަދުވެސް ދެމިހުންނަން.
ނައުފަލް މޫސާ / ސްވިމިންގ ކޯޗު
މިއީ ސްވިމިންގ ކޯޗު ނައުފަލް މޫސާގެ އަބަދުވެސް އުއްމީދެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއަދުވެސް އޭނާ ހުރީ އެމަގާމްގައެވެ. ރާއްޖޭގައި އެންމެ ގިނަ ކުދިންނަށް ފަތަން ދަސްކޮށްދިން އެއް ކޯޗަކަށް އޭނާ ވާނެކަމަށް ނައުފަލް ގަބޫލުކުރެއެވެ. އަދަދުތަކުން ތަފްސީލްކޮށްދެމުން އޭނާ ބުނީ ފަތަން ދަސްކޮށްދިނުމުގައި 25 އަހަރު ހޭދަކުރެވިއްޖެކަމަށާއި, އެމުއްދަތުގައި 25000 އަށްވުރެ ގިނަ ކުދިންނަށް ފަތަން ދަސްކޮށްދެވިފަ ވާނެކަމަށެވެ. އެއަދަދު 30,000 އާ ކައިރިކުރާނެކަމަށް ނައުފަލް އަންދާޒާ ކުރެއެވެ.

ނައުފަލްއަކީ ފުރަތަމަ ފެތުންތެރިއެކެވެ. ޤައުމީ ޓީމްގައި ރާއްޖެ ތަމްސީލްކުރިއެވެ. ރާއްޖެ ތަމްސީލްކުރަން ސައުދީއަރަބިޔާއަށް ދިޔައެވެ.
2000 ވަނަ އަހަރުން ފެށިގެން ފެތުންތެރިއެއްގެ ގޮތުގައި މޫދަށް ފުންމާލި ގޮތަށް ނައުފަލްގެ ދުވަހުގެ ގިނަ ވަގުތުތައް މިއަދުވެސް ހޭދަކުރަމުންދަނީ މޫދުގައެވެ. އިންޓަރ ސްކޫލް މުބާރާތްތަކުގައިވެސް އޭނާ ވާދަކުރިއެވެ. އޭގެފަހުން ޤައުމީ ޓީމްގައި ރާއްޖެ ތަމްސީލްކޮށް މިއަދު އެއީ އެންމެ މަޤްބޫލް އެއް ކޯޗެވެ.
އެންމެ ފުރަތަމަ ކޯޗިންގ މަސައްކަތް ކުރަމުން އައީ މާލޭގައެވެ. މާލޭގައި ސްވިމިންގ ކްލަބްތަކާއި, ސްކޫލް މަދަރުސާތަކުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. އެކަމަކު އެއީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ދެކި މިއަދު ނައުފަލްގެ މިސްރާބު ހުރީ އަތޮޅުތަކަށެވެ. ވަށައިގެން މޫދު އޮތަސް ރަށްރަށުގައިވެސް ފަތަން ދަސްކުރުމަށް ދަރިވަރުންނަށް ކޯޗެއްގެ އެހީ ބޭނުންވެއެވެ. މިއަދު ނައުފަލް ކޯޗެއްގެ ގޮތުގައި ކުރާ މަސައްކަތަކީ އަތޮޅުތަކުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމެވެ.
ކޮންމެސް މީހަކު އިސްނަގައިގެން އަތޮޅުތެރޭގައި ފުޅާކޮށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގަން ޖެހޭކަން ގަބޫލުކޮށްގެން މިކަން ފެށީ. އެއީ އަޅުގަނޑުމެންގެ ޒިންމާއެއްކަމަށް ދެކިގެން މިކަން މިކުރަނީ.
ނައުފަލް މޫސާ/ ސްވިމިންގ ކޯޗު
ނައުފަލްގެ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ޅ އަތޮޅު, ގދ.އަތޮޅު, ގއ, އަތޮޅު, އއ އަތޮޅު އަދި އދ.އަތޮޅުގައިވެސް ހިންގައިފިއެވެ. އަދިވެސް ކުރިއަށް ގިނަ ރަށްތަކަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ނައުފަލް ހުރީ ރަށަކަށްފަހު ރަށެއްގައި ޕްރޮގްރާމް ކުރިއަށްގެންދުއމުގެ އަޒުމްގައެވެ.

ނައުފަލްއަށް އޮތް ހިތްހަމަޖެހުމަކީ ރާއްޖޭގެ ފެތުމުގެ ހާލަތަށް އެދެވޭ ކުރިއެރުންތަކެއް އަންނަމުން ދިއުމެވެ. އެކަމަށް ސްވިމިންގ އެސޯސިއޭޝަނުން މަސައްކަތްތަކެއް ކުރަމުން ދިއުމެވެ. ފެތުންތެރިންނަށް ރާއްޖެއިން ބޭރުން ފުރުޞަތުތައް ހޯދައިދޭން ކުރާ މަސައްކަތްތައްވެސް ނައުފަލް ފާހަގަކުރެއެވެ.
އަމިއްލަ ނަފްސަށް އޮތް ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގައި އެންމެ ގިނަ ކުދިންނަށް ފަތަން ދަސްކޮށްދިން ކޯޗުގެ ގޮތުގައި ހުރުމެވެ. އެމަސައްކަތުގައި ލިބުނު އެންމެ ބޮޑު ހިތްވަރަކީ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. އެހިތްވަރާއެކު ނައުފަލްގެ ގިޔަރު ވަނީ މައްޗަށް ޖައްސާފައެވެ.