އާބާދީގައި 3000 އެއްހާ މީހުން ހިމެނޭ ތުޅާދޫ ފާހަގަކުރެވެނީ ލިޔެލާ ޖެހުމުގެ އެއްވަނަ އަދި އެމަސައްކަތުގެ ހަމައެކަނި ރަށުގެ ގޮތުގައެވެ. އެއީ އެރަށުގެ މައިގަނޑު އެއް މަސައްކަތެވެ. އަބަދުވެސް އެރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ދަތުކަމެވެ. ގޯތި ދޫކުރާނެ ބިން ނެތުމެވެ. ފުރިފައި އޮތް ރަށަކަށް ވުމެވެ. ނަތީޖާއަކީ ހިއްކައިގެން ބޮޑުކުރި ރަށަކަށް އެރަށް ވުމެވެ. ދެ ދައުރެއްގެ ތެރޭގައި 28 ހެކްޓަރު އެރަށުން ވަނީ ހިއްކާފައެވެ. އެބިމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މީގެކުރިން ހިންގި މަޝްރޫޢުގެ ދަށުން 50 ހައުސިންގ ޔުނިޓް އަޅާ, މީހުން ދަނީ ދިރިއުޅެމުންނެވެ. އެއީ އެމްޑީޕީގެ ފުރަތަމަ ދައުރުގެ ތެރޭގައި މަސައްކަތް ފަށާ, މިދިޔަ ދައުރުގެ ތެރޭގައި ނިންމި މަޝްރޫޢެކެވެ.

ތުޅާދޫގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުގެ ދަށުން 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ތިން ކޮޓަރީގެ އެޕާރޓްމަންޓްތަކުގައި މިހާރު ކުރަމުންދަނީ އެތެރޭގެ މަސައްކަތްތަކެވެ. މަސައްކަތުގެ ސްޕީޑާއި, މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު މިހާރު ވަނީ ބޯހިޔާވަހިކަލް ލިބުމުގެ މަގުމަތީގައެވެ. މިއީ މިދައުރުގެ ތެރޭގައި ބިންގާ އަޅާ, މިދައުރުގެ ތެރޭގައި ނިންމާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢެކެވެ.
ތުޅާދޫއަކީ ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައި އޮތް ރަށެކެވެ. އެކަމަށް ހައްލެއް ގެނައުމަށް ގިރާ ސަރަހައްދު ހިމާޔަތްކުރެވި, ވަށައިގެން ރިވެޓްމަންޓް ވަނީ ޖަހާފައެވެ. ތުޅާދޫގައި ކުރިއަށްގެންދާ ތަރައްޤީގެ އެހެން ބައެއް މަޝްރޫޢުތަކަށް ބަލާއިރު ސްކޫލް މަލްޓިޕާޕާސް ހޯލްގެ އަމަލީ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. ކުޅިވަރަށް ދީފައިވާ ސަމާލުކަމުގެ ހެއްކަކީ ބޮޑު ފުޓްބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް ނިމި, ޓާފް އެޅުމުގެ މަސައްކަތާ ހަމައަށް އާދެވުމެވެ. އަދި ވަށާފާރު ރޭނުމުގެ މަސައްކަތްވެސް ފަށަން ތައްޔާރުވުމެވެ. މިއަހަރުގެ ތެރޭގައި އެދަނޑުގައި ކުޅުމުގެ ފުރުޞަތު ލިބޭނެކަމަށް ޒުވާނުން އުއްމީދުކުރެއެވެ. ފުޓްބޯޅަ ދަނޑާ އިންވެގެން އައުޓްޑޯ ޖިމެއް ވަނީ ޤާއިމްކޮށްފައެވެ. ޒަމާނީ ފެންވަރުގެ ހޭންޑްބޯޅަ ކޯޓެއް އެޅުންވެސް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަން ކައުންސިލުން ފާހަގަކުރައްވައެވެ.

ލިޔެލާ ޖެހުމުގެ އިތުރުން ތުޅާދުއަކީ މަސްވެރި ރަށެކެވެ. މަހުގެ އުފެއްދުންތަކުން ނަފާ ހޯދާ ރައްޔިތެއް ދިރިއުޅޭ މަސްވެރި ރަށެކެވެ. މަސްވެރިކަން ކުރިއެރުވުމަށް ލިބޭ ކޮންމެ ފުރުޞަތަކީ މުޅި ރަށުގެ ތަރައްޤީއާއި, ކުރިއެރުމަށް އަދި ފުދުންތެރިކަމަށް ބޮޑު ބަދަލެއް ގެނުވާނެ ފުރުޞަތެއްކަން ކައުންސިލުން ފާހަގަކުރައްވައެވެ. އެފަދަ އުއްމީދީ މަޝްރޫއެއްގެ އުފާވެރިކަން ކައުންސިލަށް ވަނީ ލިބިފައެވެ. އެއީ ތުޅާދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އަޅަން އަމިއްލަ ފަރާތަކުން ހުށަހަޅާފައި އޮތުމެވެ. އެއީ މުޅި ތުޅާދޫ ބަދަލުކޮށްލާނެ މަޝްރޫޢެއްކަމަށް ކައުންސިލްގެ ނައިބުރައީސް މުޙައްމަދު އަލިމަނިކު ވިދާޅުވިއެވެ. ޕްރޮޕޯސަލްވެސް މިހާރު އޮތީ ކައުންސިލްގައެވެ. ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން އެކަން ކުރެވިދާނެކަމުގެ ފެހިސިގްނަލް ވަނީ ދެއްވާފައެވެ.
އެއީ ގާތްގަނޑަކަށް ދިހަވަރަކަށް މިލިއަން ޑޮލަރުގެ މަޝްރޫއެއް. އެމަޝްރޫޢު ފުރިހަމަވެގެންދާއިރު މަސްވެރިންނަށް ވަރަށްގިނަ ވަޞީލަތްތަކެއްވެސް ލިބިގެންދާނެ. މިސާލަކަށް ބޯޓްޔާޑްގެ ޚިދުމަތާއި, ކޭނިންގ ފެކްޓްރީއާއި, ތެލުގެ ޚިދުމަތާއި, މިހެންގޮސް މަސްވެރިކަމަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެތަނުން ލިބިގެންދާނެ.
މުޙައްމަދު އަލިމަނިކު/ ތުޅާދޫ ކައުންސިލްގެ ނައިބުރައީސް
އަމިއްލަ ފަރާތަކުން އަޅައިދޭ ބޮޑު މިސްކިތެއްގެ ބިންގާވެސް ހިއްކި ބިމުގައި ވަނީ އަޅާފައެވެ. އެއީވެސް ޒަމާނީ ފެންވަރުގެ ހުރިހާ ވަޞީލަތްތަކާއެކު ބިނާކުރާ މިސްކިތެކެވެ. ހިނަވާގެއާއި, ކްލާސްރޫމްތަކާއި, ލައިބްރަރީއެއް އެމިސްކިތުގައި ހިމެނެއެވެ. މިސްކިތް ފަރުމާކޮށްފައިވަނީ ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދީގދެންނެވެ. ދޮޅު އަހަރެއް ނުވަތަ ދެ އަހަރެއްގެ ތެރޭގައި އެމިސްކިތުގެ މަސައްކަތް ނިމޭނެކަމަށް އުއްމީދުކުރެއެވެ.

ތުޅާދޫ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ބޮޑަތި މަޝްރޫޢުތަކެއްގެ ފެށުން މިއަހަރު ކުރިއަށްވެސް އެބަހުއްޓެވެ. އޭގެތެރެއިންވެސް އެންމެ ބޮޑު މަޝްރޫޢަކީ ތުޅާދޫ އެއަޕޯރޓްގެ މަސައްކަތެވެ. އަދި ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ހިންގާ ތުޅާދޫ ހޮސްޕިޓަލްގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ކައުންސިލުން އުއްމީދުކުރައްވައެވެ. އެކަމަށް ބޭނުންވާ ބިން ވަނީ ހަވާލުކޮށްފައެވެ.

އަސާސީ ޚިދުމަތްތަކަށް ބަލާއިރު ފެނާއި ނަރުދަމާ މީގެކުރިން ޤާއިމްކޮށް ނިންމާފައިވާ މަދު ރަށްތަކުގެ ތެރޭގައި ތުޅާދޫ ހިމެނެއެވެ. އަދި ބަނދަރާއެކު ބޭރު ތޮށިވެސް ވަނީ ލާފައެވެ. ކަރަންޓްގެ ވިއުގަ އަޕްގްރޭޑްކޮށް, ކަރަންޓްގެ ޔަޤީންކަން ގެނެސްދިފައިވަނީ ޒަމާނީ ސަޅި އިންޖީނުގެއާއެކުއެވެ. ފެނެކައިން އެމަސައްކަތްވަނީ ފުރިހަމަކޮށް ނިންމާފައެވެ. އޭޓީއެމް މެޝިނެއް ބަނދަރު ސަރަހައްދުގައި ވަނީ ބަހައްޓާފައެވެ. އެލުއިފަސޭހަކަން ރަށުގެ ރައްޔިތުންނާއި, ރަށަށް ޒިޔާރަތްކުރާ ރައްޔިތުންނަށް އެބައޮތެވެ. ކުރިއަށް ހުރި ބިޔަ މަޝްރޫޢުތަކާއެކު ތުޅާދޫ ވެގެންދާނީ ތަރައްޤީގެ ބޮޑު ހަބަކަށެވެ.
