300 އަށްވުރެ ގިނަ އަހަރުވީ ދިގުރަށު ކިނބި ގަސް, ދަރިވަރުންގެ ވަރުގަދަ މެސެޖު

1129

ރަށްރަށުގެ މުއްސަނދި ތާރީޚު ދަރިވަރުންނާ ހިސާބަށް, މިއަދުގެ އަދި މާދަމާގެ ޖީލާ ހަމައަށް ގެނެސްދޭން ޖެހެއެވެ. ދިވެހިރާއްޖެއަކީ މުއްސަނދި ތާރީއެއް އޮތް ޤައުމެކެވެ. އެކަމުގެ ހެކިތައް ބައިވަރެވެ.  އެހެކިތައް ބިނާވަނީ ހަމައެކަނި އިމާރާތްކާއި, ބިނާ ތަކާއި, ވެލިފުނި ތަކާއި, އެނޫންވެސް އާޘާރުތަކަކަށް ނޫނެވެ. ރާއްޖޭގެ ރަށްތަކުގައި މީގެ އެތައްސަތޭކަ އަހަރު ކުރިންވެސް ފެށިގެންވެސް މީހުން ދިރިއުޅުންކަން ބުނެދޭނެ އެނޫންވެސް ހެކިތައް ފެންނާން އެބަހުއްޓެވެ.

ދިގުރަށު ކިނބިގަސް

ރާއްޖެއަކީ ޤަދީމީ ތާރީޚެއް އޮތް ރަށެއްކަން ބުނެދޭ އެތައްސަތޭކަ އަހަރުތަކަކަށް ދެމިގެންވާ ގަސްތައް އެބަހުއްޓެވެ. އދ.ދިގުރަށު ކިނބި ގަހަމީ އޭގެތެރެއިން ގަހެކެވެ. މިއީ 300 އަށްވުރެ ގިނަ އަހަރުވީ ގަހެއްކަމަށް ރަށުގައި ބަލަހްޓާ ރެކޯޑްތަކުންވެސް ދައްކައެވެ. ރަށު ކައުންސިލުން އެޔަޤީންކަން ދެއެވެ.

ނަތީޖާއެއްގެ ގޮތުން އެގަފަހީ ދިގުރަށުގައި ހިމާޔަތްކޮށްފައިވާ ގަހެކެވެ. ގަސް ރައްކާތެރިކޮށް, ހިމާޔަތްކުރަން އެންމެ ވަރުގަދަ މެސެޖެއް ދެނީ އެރަށު ސްކޫލްގެ ގްރޭޑް ދޭއް އަދި ތިނެއްގެ ދަރިވަރުންނެވެ.

ދިގުރަށު ކިނބިގަސް

އަހަރެންނަކީ ހިމާޔަތްކުރެވިފައިވާ ގަހެއް. އަހަރެންނަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރައްޗޭ. އަހަރެންނަށް ގެއްލުންވާނެ އެއްވެސްކަމެއް ކުރާތަން ފެނިއްޖެނަމަ ކަމާބެހޭ ފަރާތްތަކަށް އަންގަދެއްޗޭ.

ދިގުރަށު ސްކޫލް ގްރޭޑް ދޭއް އަދި ތިނެއްގެ ދަރިވަރުން

އެދަރިވަރުންގެ މެސެޖް ނނިންމާލާފައިވަނީ ގަހަށް ރަނގަޅަށް އަޅާލާ, ރަނގަޅަށް ބަލަހައްޓާ ދިނުމަށް އިލްތިމާސްކުރަމުންނެވެ. ދަރިވަރުންގެ މިއިލްތިމާސްއާއެކު ރަށުގެ ރައްޔިތުންވެސް އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް އެގަހާމެދު ސަމާލުވެ ފަރުވާތެރިވެއެވެ. އެއީ ރަށުގެ ތާރީޚާ ގުޅިފައިވާ މުހިއްމު ގަހެއްގެ ގޮތުގައި ހިމާޔަތް ދެއެވެ. ގަސް ހުރީވެސް ރަށުގެ ގޮނޑުދޮށުގައި ހިތްފަސޭހަ ހިސާބެއްގައެވެ. އެސަރަހައްދުގައި އިށިއިނދެ ތިބެވޭނެ އިންތިޒާމް ހަމަޖައްސާފައިވުމުން އެއީ މެންދުރުގެ ގަދަ ހޫނުގައިވެސް ހިތްފަސޭހަ ސަރަހައްދެކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.