ޔޮޓްތައް ލަންދޫން ނައްޓާލައިފި, ފަތުރުވެރިންނަށް އުފާވެރިކަން, ރައްޔިތުންނަށް އުއްމީދު!

1236

“މޯލްޑިވްސް ސަވާދީއްތަ ޔޮޓް ރެލީ 2023” އެންމެ ފުރަތަމަ ޔަޤީންވި އެއް މަންޒިލަކީ ނ.ލަންދޫއެވެ. އެއީ ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަންގައި އެންމެ ފުރިހަމަ މެހުމާންދާރީއެއް އަދާކުރި, އަދި ފަތުރުވެރިންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު ރަށަކަށް އެރަށް ވުމުންނެވެ. ހަމައެހެންމެ ޔޮޓްތައް ބަނދަރުކުރަން އެންމެ އެކަށީގެންވާ ބަނދަރެއް މިހާރު އޮތް އެއް ރަށަކީ ލަންދޫއަށްވުމެވެ.

މޯލްޑިވްސް ޔޮޓްރެލީ 2023 އަށް ލަންދޫން މަރުހަބާކިޔުން: ފޮޓޯ-ޔޫއްޓޭ

ފުރަތަމަ އެޑިޝަން ނިމުނު ހިސާބުން ލަންދޫ ކައުންސިލުންވެސް އަދި ރަށުގެ ރައްޔިތުންވެސް ވިސްނުން ބަހައްޓަމުން ދިޔައީ ބަދަލުތަކަކާއެކު, ރައްޔިތުންނަށްވެސް މަންފާ ކުރާނެ ގޮތަކަށް ދެވަނަ އެޑިޝަންގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށެވެ. 2022 ވަނަ އަހަރު ބޭއްވި ފުރަތަމަ އެޑިޝަންގައި 7 ޔޮޓް ބައިވެރިވެ. ލަންދޫގައިވެސް ބަނދަރުކުރިއެވެ. ޔޮޓްތަކުގައި އައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމާއި, ކެއިން ބުއިމުގެ ކަންކަންވެސް އިންތިޒާމްކުރީ ރައްޔިތުން ނިކުމެ ހިލޭ ސާބަހަށެވެ. ރައްޔިތުންގެ ޖީބުން ޚަރަދުތައް ކޮށްގެންނެވެ. އެއީ އުއްމީދެއް އޮވެގެންނެވެ.

މިނިސްޓަރ ޔުމްނާ މައުމޫނަށް ކުއްޅަވަށް މޮހީޓޯއިން މަރުހަބާ ކިޔަނީ: ފޮޓޯ-ޔޫއްޓޭ

ދެވަނަ އެޑިޝަންގައި 14 ޔޮޓް ބައިވެރިވެއެވެ. ފުރަތަމަ މަންޒިލަކަށްވީ ލަންދޫއެވެ. މާރޗް ފުރަތަމަ ދުވަހު ލަންދޫގައި ބާއްވާ, ވަގުތުން ދެއްކި ޚާއްޞަ ރަސްމިއްޔާތެއްގައި ޔޮޓްރެލީ ރަސްމީކޮށް ފެށިއިރު އެންމެ ބޮޑު ބަދަލަކީ ރައްޔިތުންނަށް ނަފާލިބޭނެ ގޮތަށް, ހުރިހާކަމެއް އިންތިޒާމްވެގެން ދިއުމެވެ. މަރުހަބާކިއުމަށް ލަންދޫގެ ޚާއްޞަ “ކުއްޅަވަށް މޮހީޓޯ” ތައްޔާރުކުރި ފަރާތަށްވެސް އަގުލިބުނެވެ. އެއްޗިހި ދޮވެ އިސްތިރުކުރުމާއި, ކެއިންބުއިމުގެ ޚިދުތަމަތުންވެސް ރައްޔިތުންގެ ޖީބަށް އާމްދަނީއެއް އިތުރުވިއެވެ. އެއާއެކު ކުރިއަށް އޮތްތަނުގައި ލަންދޫއަކީ ރަސްމީކޮށް ޔޮޓް ބަނދަރުކުރާ ބަނދަރެއްގެ ގޮތުގައި ހަމަޖެހި, ލޯކަލް ޓޫރިޒަމް ފެށިގެންދާނެކަމުގެ ބޮޑު އުއްމީދެއް ލިބިފައިވާކަން ކައުންސިލުން ފާހަގަކުރައްވައެވެ.

މިދެދުވަހުން އަޅުގަނޑުމެން ބޭނުންވި ޓަގެޓަށް ދެވުނު. މިދިޔަ އަހަރުވެސް ސަވާދީއްތަގަ ބޭނުންވީ އާމްދަނީ ލިބޭނެ ގޮތެއް ހޯދުން. މިފަހަރު ވެލްކަމް ޑްރިންކާ ހިސާބުން ރައްޔިތުންނަށް ނަފާ ލިބެނެ ގޮތަށް ކުރިއަށް ގެންދިޔައީ. ދަތުރު ނިމުނު އިރު އެމްއައިޓީޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކުރީ ޔޮޓް ބަނދަރުކުރާ މަންޒިލެއްގެ ގޮތުގައި ލަންދޫ ތަރައްޤީކުރުން. މެލޭޝިޔާގެ ޔޮޓް ކުންފުންޏަކުންވެސް ޝަޤުޤުވެރިވޭ ލަންދޫގައި ޔޮޓް ބަދަރުކޮށްފަ ބާއްވަން.

މަންސޫރު މުޙައްމަދު/ ލަންދޫ ކައުންސިލްގެ ނައިބުރައީސް

ފުރަތަމަ އެޑިޝަންގައިވެސް އަދި ދެވަނަ އެޑިޝަންގައިވެސް ލަންދޫން ފަތުރުވެރިންނަށް އެންމެ ޝައުޤުވެރިކަމަކަށް ވެގެންދިޔައީ މެހުމާންދީއެވެ. މެހުމާންދާރީގެ ފުރިހަމަކަމަށް ފަތުރުވެރިންގެ ހިފެހެއްޓުމެއް ނެތް ޝުކުރު ލިބުނުކަން ކައުންސިލުންވެސް އަދި އެމްއައިޓީޑީސީންވެސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ލަންދޫން ލިބުނު ތަފާތު ރަހަތައް ވެގެންދިޔައީ ފަތުރުވެރިންގެ ހަނދާނުގައި އަބަދުވެސް ހުންނާނެ ރަހަތަކަކަށެވެ. ރެސްޓޯރަންޓެއް ނެތް ލަންދޫގައި ރެސްޓޯރަންޓް ނެތުން އެއީ ރަނގަޅެއްގެ ގޮތުގައި ފަތުރުވެރިން ޤަބޫލުކުރެއެވެ.

ބަނދަރު ސަރަހައްދުގައި ފަތުރުވެރިންގެ ކެއިން އިންތިޒާމްކޮށްފަ: ފޮޓޯ-ޔޫއްޓޭ

ފުރަތަމަ ދެދުވަހު ދެ ޔޮޓަކުން އެހި ކީއްވެހޭ ރެސްޓޯރަނެއްޓެއް ނެތީ, އަޅުގަނޑުމެން ސަމާސާއަކަށް ހަދާފަ ބުނިން މިރަށުގެ ގޭގޭގައި ކައްކާ އެއްޗިހި މާމީރުވީމައޭ. އެމީހުން ފުރަމުން އައިބުނީ އެދުވަހު ބުނީ ރަނގަޅު ވާހަކައެކޭ. ގޭގޭގައި ކައްކާ އެއްޗިހި މާމީރޭ, ކީއްކުރަންހޭ ރެސްޓޯރަންޓަށްދަނީ

މަންސޫރު މުޙައްމަދު/ ލަންދޫ ކައުންސިލްގެ ނައިބުރައީސް

އެމްއައިޓީޑީސީގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވީ ދެވަނަ ފަހަރަށް ލަންދޫ ހިމަނަން ޖެހުނު ސަބަބަކީވެސް ފުރިހަމައަށް ތައްޔާރުވާނެނެކަމުގެ ޔަޤީންކަން އޮތުންކަމަށެވެ. ފަތުރުވެރިންނަށް ލަންދޫން ލިބިގެންދާނެ މެހުމާންދާރީއަށް ސުވާލެއް ނެތުމަކީ އެންމެ ބޮޑު ސަބަބުކަމަށް ވިދާޅުވިއެވެ. އެއާ ވިދިގެން ދެން ދެއްވީ އުއްމީދެވެ.

އެންމެ ބޮޑު މަޤްޞަދަކީ މިހެން ހުރި ރަށްތަކުން ދިވެހިންގެ ދިރިއުޅުމާއި, ވައްޓަފާޅި ދައްކުވައިދިނުން. އެކަމަށް އެންމެ ރަނގަޅު އެއް ރަށް ލަންދޫއަކީ. ދާއިރާ މެންބަރާ ގުޅިގެން ލޯކަލް ޓޫރިޒަމް ގެނައުމަށް މަސައްކަތްތައްތައް ވީހާވެސް އަވަހަށް ފަށައިގަތުމަށް ކުރެވެން ހުރި ކަންކަން ހޯދާ ބަލާނަން. ކައުންސިލުންވެސް ނިންމަން ޖެހޭ ކަންކަން ފާހަގަކޮށް އަވަހަށް ނިންމަން ބާރުއަޅާނަން.

މުހައްމަދު ރާއިދު/ އެމްައައިޓީޑީސީގެ މެނޭޖިންގ ޑައިރެކްޓަރ

ރާއިދު ވިދާޅުވީ ލަންދޫއާމެދު ފަތުރުވެރިންގެ އޮތީ މުޅިންވެސް ތައުރީފާއި, ހިތްހަމަޖެހުންކަމަށެވެ. ފުރަތަމަ އެޑިޝަނާ ހިލާފަށް މިފަހަރު ދަތުރު ރާވާފައިވަނީ އެކްޓިވިޓީސް މަދުކޮށް ހުސްވަގުތު ފަތުރުވެރިނަށް ގިނައިން ލިބޭގޮތަށެވެ. އެއީ އެމީހުން ބޭނުންވާކަމެއްކޮށް, ބޭނުންވާ ތަނަކަށް ދިއުމަށެވެ.

 ކޮންމެ ބޯޓަކަށް ގައިޑެއް ހުރި. މަޑްބާތަށް ވަރަށްގިނަ މީހުން ދިޔަ. އިންތިޒާމްތައް ވަރަށް ފުރިހަމައަށް ދިޔައީ. ސްކޫލް ކުދިންގެ އާޓް އެގްޒިބިޝަނަށް ވަނަހޮވާ އިނާމްދީ ހެދީވެސް ފަތުރުވެރިން.

މުހައްމަދު ރާއިދު/ އެމްައައިޓީޑީސީގެ މެނޭޖިންގ ޑައިރެކްޓަރ

ލަންދޫގައި ޔޮޓްތައް ބަނދަރުކޮށްފައި އޮތް ދެދުވަހު ލަންދޫ ސްކޫލްގެ ދަރިވަރުންނާއި, އެއަތޮޅު ކުޑަފަރީ ސްކޫލްގެ ދަރިވަރުންނަށް ޔޮޓްތަކަށް އަރާލަން ފުރުޞަތު ދިނެވެ.. އެމީހުންގެ ދިރިއުޅުމާއި, ކެއިން ބުއިން ހުންނަ ގޮތް ދަރިވަރުން ތަޖުރިބާކުރިއެވެ. ރާއިދު ތަކުރާރުކޮށްވެސް ވިދާޅުވީ ލަންދޫއާމެދު ފަތުރުވެރިންގެ ފީޑްބެކް ހުރީ ވަރަށް ރަނގަޅަށްކަމަށެވެ.

މޯލްޑިވްސް ޔޮޓްރެލީ 2023 އަށް ލަންދޫން މަރުހަބާކިޔުން: ފޮޓޯ-ޔޫއްޓޭ

 ލަންދޫން އެރަށަށް ބަނދަރުކުރި ކޮންމެ ޔޮޓަކަށްޚާއްޞަ ސޮވެނިއަރއެއް ހަދިޔާއެއްގެ ގޮތުގައި ދިނެވެ. ފުރިހަމަ ބާބަކިޔުއަކާއި, ބޮޑުބެރު ޝޯވއެއް ދިންކަންވެސް ފާހަގަކުރެއްވިއެވެ. ޔޮޓްތަކުގެ ދެވަނަ މަންޒިލަކީ ޅ.ހިންވަރެވެ. އަދި ފެލިވަރަކީވެސް މިހާރު ދަތުރުގެ ރަސްމީ މަންޒިލެކެވެ. އޭގެފަހުން ދަތުރުކުރާނީ ބ.އަތޮޅު ގޮއިދޫއަށެވެ. ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ސާދަ ޔޮޓަކީ ހަތް ޤައުމަށް ނިސްބަތްވާ ޔޮޓްތަކެވެ. އެޔޮޓްތަކުގައި 13 ގައުމަކަށް ނިސްބަތްވާ ފަތުރުވެރިން ހިމެނެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.