މިރަށުގެ ހިތްގައިމުކަމަކީ ހަމައެކަނި ތުނޑިއެއްނޫން!

1200

އެއީ 53 ހެކްޓަރު ބޮޑު ރަށެކެވެ. 4.5 ކިލޯމީޓަރު ދިގު ރަށެކެވެ. ރަށުގެ ދިގުކަން ގުޅިފައިވަނީ ކިލޯމީޓަރަކަށްވުރެ ދިގު ރީތި ތުނޑިއާވެސް އެކުއެވެ. މިއީ އެންމެ ރީތި ތުނޑިއެއް އޮތް އެއް ރަށެވެ. ނަމުންވެސް އިނގެން އޮތްފަދައިން މިއީ އދ.ދިގުރަށެވެ.

ދިގުރަށް: ޑްރޯން ފޮޓޯ އަފްޒަލް

ރަށުގެ ކައުންސިލްގައި އޮތް ރަޖިސްޓްރީގައި އޮތީ 700 އެއްހާ މީހުންގެ ނަމެވެ. އެކަމަކު މިރަށުގައި 1200 އެއްހާ މީހުން ދިރިއުޅެއެވެ. އޭގެތެރެއަށް ފަތުރުވެރިންގެ އަދަދު އިތުރުކުރުމުން ރަށުގައި އަބަދުމެ އުޅޭ އާބާދީ 1500 އަށް އަރައެވެ. މިއީ ފަތުރުވެރި ރަށެކެށެވެ. މާފުށްޓަށްފަހު ފަތުރުވެރިކަމުގައި އެންމެ ކުރިއަރާފައިވާ މީހުން ދިރިއުޅޭރަށަކީ މިރަށެވެ.

މިރަށުގައި 22 ގެސްޓްހައުސް ރަޖިސްޓްރީކޮށް އޮޕަރޭޓްކުރެއެވެ. އެއީ 225 ކޮޓަރި އެވެ. އަދި 425 އެއްހާ އެނދެވެ. މިއީ ފަތުރުވެރިންގެ ޑިމާންޑް ބޮޑު ދުވަސްވަރެކެވެ. މިވަގުތުވެސް މިރަށުގެ ގެސްޓްހައުސްތައް ހުރީ ފުލްކޮށެވެ.

ދިގުރަށު މަގެއްގައި ގަސް ހައްދާފައި

އެންމެ ބޮޑު ސުވާލަކީ ދަތުރުކުރުމަށް އޮތީ ކޮން ފަސޭހައެއްތޯއެވެ. މާލެއާ މިރަށާ ދެމެދު ދުވާލަކު ސްޕީޑް ލޯންޗްގެ ފަސް ދަތުރުކުރެއެވެ. ދަތުރެއްގެ ދިގުމިނަކީ ގާތްގަނޑަކަށް ދެގަޑިއެއްހާއިރެވެ. މިދަތުރުގައި އދ.ދަގެނއްޗަށް މަޑުކޮށްލާނެއެވެ. އަގަކީ ކޮޅަކަށް 400 ރުފިޔާއެވެ. އެހެންކަމުން މުޅި ދަތުރުގެ ދަތުރުފަތުރަށް މީހަކަށް 800 ރުފިޔާ ހޭދަވާނެއެވެ. މަތިން ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފްލައިމީގައި މާމިގިލި މަގުން އައުމުގެ ފުރުޞަތު އެބައޮތެވެ.

ވޭލް ޝާކް ސަރަހައްދު: ފޮޓޯ-އަފްޒަލް

މިރަށަށް އެންމެގިނައިން މީހުން ޒިޔާރަތްކުރާ ސަބަބަކީ މިރަށަށް ގުދުރަތީގޮތުން ލިބިފައި އޮތް ރީތި ބީޗެވެ. އަތިރިމައްޗާއި ތުނޑި, ދިގުކޮށްހެދިފައި އޮތް ފިނޮޅުތަކާއެކު ތުނޑި އޮތުމަކީ ރަށުގެ އެންމެ ޚާއްޞަ ހިތްގައިމު ސިފަކަން ކައުންސިލް ރައީސްވެސް ފާހަގަކުރެއްވިއެވެ. ކައުންސިލް ރައީސް ވިދާޅުވީ ދިގުރަށަކީ ގުދުރަތީގޮތުން ޚާއްޞަ ރީތިކަމެއް ލިބިފައިވާ ރަށެއްކަމަށެވެ. އެސަބަބަށްޓަކައި ވަރަށްގިނަ ދިވެހިންވެސް,  ފަތުރުވެރިންވެސް މިރަށަށް ޒިޔާރަތްކުރާކަމަށް ވިދާޅުވިއެވެ. އެކަމަކު ރަށުގެ ޚާއްޞަކަމަކީ ހަމައެކަނި ތުނޑިއެއްވެސް ނޫނެވެ.

އޭގެއިތުރުން މިރަށުގެ ލެގޫން, މޫދަށް އެރޭ ލެގޫންވެސް ވަރަށް ރީތިވާނެ. ދެން ވޭލްޝާކްއޭރިޔާ ރަށަކަށްވީމަ އެޚާއްޞަ ހިތްގައިމުކަންވެސް މިރަށަށް ލިބިގެންވާކަން އަޅުގަނޑު ފާހަގަކުރަން.

އިބްރާހީމް އުސްމާން/ ދިގުރަށު ކައުންސިލް ރައީސް

މިރަށުގައި މިކުރި ތަޖުރިބާގެ އަލީގައި ބުނެލަން އޮތީ ޖައްސލަން މިއީ ހަމަ ސަޅި ރަށެކެވެ. ރީތި ތުނޑިއާ, ޝާކް އުޅޭ ސަރަހައްދުގެ ހިތްގައިމުކަން ބަލާލަންވެސް ޒިޔާރަތްކޮށްލަން ހިތްގައިމު ރަށެކެވެ. ޗުއްޓީ ޕްލޭންގައި ހިމަނާލަން ހަމަ އެންމެ ސަޅި އެއް ރަށެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.