ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން ސައިކަލެއްގައި ތުނޑިއާ ހަމައަށް ދިއުމަށް ފަނަރަވަރަކަށް މިނިޓްގެ ދަތުރެއް ކުރަން ޖެހެއެވެ. ބީޗުގައި ހިނގަމުން ތުނޑިއަށްދާންވެސް ފަނަރަވަރަކަށް މިނިޓް ހޭދަވާނެއެވެ. އެއީ ކިލޯމީޓަރަކަށްވުރެ ދިގު ތުނޑިއެކެވެ. އެއީ އދ.ދިގުރަށުގެ ފަޚުރެވެ. ރަށުގެ ހިތްގައިމުކަމާއި ޗާލުކަމުގެ އަސްލެވެ. ދިގު ރަށުގެ އެންމެ ޚާއްޞަ ސިފައެވެ. އެރަށް ޒިރާތްކުރަން އޮތް އެންމެ ބޮޑު ސަބަބެވެ.

އެއީ ސާފް ތުނޑިއެކެވެ. ތުނޑިއާއި އިންވެގެން އޮތީ ރީތި މޫދެކެވެ. ކޮންމެ ދިމާއަކުން ބަލާލިނަމަވެސް ފެންނަނީ ޤުދުރަތީ ހިތްގައިމުކަމެވެ. ހަނދުވަރު މޫސުމެއްގައި ރޭގަނޑު އެތުނޑިއަށް ޒިޔާރަތްކޮށްލައިފިނަމަ އެނބުރި އައުން ވަނީ އުނދަގޫކަމަކަށެވެ. މިހުރިހާ ސަބަބުތަކާހުރެ އެއީ ފަތުރުވެރިންނާއި, ދިވެހިންގެވެސް މަޤްބޫލް މަންޒިލެކެވެ.

އަބަދުވެސް މަދުވެގެން ދެ ސަފާރީ ތުނޑިއާ ދިމާ ބޭރުގައި އޮވެއެވެ. އާންމުކޮށް ތިރީހަކަށް ފަތުރުވެރިން ކޮންމެ ދުވަހަކު ތުނޑިއައި ފައިބާ އެރީތިކަމާއި ހިތްގައިމުކަމުގެ ތެރޭގައި ވަގުތުތައް ހޭދަކުރެއެވެ. 100 އަށްވުރެ ގިނަ ފަތުރުވެރިން ތުނޑިއަށް ފައިބާ ދުވަސްތައް މަދެއްނޫނެވެ. އެއީ ދިގުރަށަށް އާމްދަނީ ވަންނަ ދޮރެކެވެ. ދިވެހިންނަށް ހުޅުވާލާފައިވަނީ އަގަކާ ނުލައެވެ. އެކަމަކު ފަތުރުވެރިން އެތުނޑިއަށް ފައިބާނަމަ ބޮލަކަށް 5 ޑޮލަރު ކައުންސިލުން ނަގައެވެ. އޮންލައިން ބުކިންގ ނިޒާމެއްގެ ތެރެއިން ފައިސާ ދައްކައިގެން ތުނޑިއަށް ފޭބުމުގެ ކަންކަން ކައުންސިލުން ވަނީ ފުރިހަމައަށް އިންތިޒާމްކޮށްފައެވެ. ކައުންސިލުން ވަނީ ޢާއްމުކޮށް ދިގުރަށް ހިމެނޭ ސަރަހައްދަށް އަންނަ ސަފާރީތައް ހިމެނޭ ވައިބަރ ގްރޫޕެއް ހަދާފައެވެ. ބުކިންގ ހެދުމުގެ ކަންކަން ހަމަޖައްސަނީ އެގްރޫޕް މެދުވެރިކޮށެވެ.
ފައިސާގެ ކަންކަން ނިންމުމުން, އަޅުގަނޑުމެން ކައުންސިލްގެ ފަރާތުން ކޮންފަމރޭޝަން ދިނީމަ ފަތުރުވެރިން ތުނޑިއަށް ފައިބާނީ. ތުނޑިއަށް ފައިބާ އަދަދަށް އަޅުގަނޑުމެން ގޮނޑިއާ މޭޒުޖަހާ އިންތިޒާމްތައް ހަމަޖައްސާނީ. އެކަން ކުރަން ކައުންސިލް ވާނީ އައުޓްސޯސްކޮށް ބަޔަކާ ހަވާލުކޮށްފަ. އެމީހުން އެތަން ސާފްކޮށް ބަލަހައްޓާނީވެސް. އެނިޒާމްގެ ތެރެއިން ވަރަށް ރަނގަޅަށް މިކަން ކުރިއަށްދަނީ.
އިބްރާހީމް އުސްމާން/ ދިގުރަށު ކައުންސިލް ރައީސް
ރަނގަޅު ހަރުދަނާ ނިޒާމެއްގެ ތެރެއިން މިކަން ކުރިއަށް ގެންދިއުމަށް ސަފާރީތަކުގެ ވެރިންނާއި, މުވައްޒަފުން އަދި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަން ކައުންސިލުން ފާހަގަކުރައްވައެވެ. ތުނޑި ސާފްކޮށް ބޭއްވުމުގައިވެސް ސަފާރީތަކުންވެސް އަދި ފަތުރުވެރިންވެސް އެއްބާރުލުން ދެއެވެ.

ތުނޑި ބެލެހެއްޓުން ރަށުގެ ބަޔަކާ ހަވާލުކޮށްފައިވުމުން ރަށުގެ ބަޔަކަށް ޢާމްދަނީ ލިބޭނެ އިތުރު މަގެއްވެސް ވަނީ ފަހިވެފައެވެ. އެކަން ކުރަނީ ކުނިމެނޭޖްކުރުމަށް ކައުންސިލުން ހަމަޖައްސާފައިވާ ނިޒާމްގެ ތެރެއިންނެވެ. ދިގު ރަށު ތުނޑި ސާފް ހިތްގައިމު ސަޅި ތަނެއްގެ ގޮތުގައި އޮތީ ރޭވި ހިނގަމުންދާ އިންތިޒާމްތަކުގެ ސަބަބުންނެވެ. އެނިޒާމަށް އެންމެންގެ އެއްބާރުލުން ލިބިގެންނެވެ. އަވަހަށް ދަތުރު ލިސްޓްގައި ދިގުރަށް ހިމަނާލާށެވެ. ދިގު ރަށު ތުނޑިއަށް ދުވަހެއް ޚާއްޞަކުރާށެވެ.