މާފުށި: ރަށުގެ އާބާދީއާއި ދިރިއުޅޭ އާބާދީ ނުބައްދަލު!

654

ދަތުރުކުރަން އެންމެ ފަސޭހަ ރަށަކީ އެއީއެވެ. ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި އެރަށާއި މާލެއާ ދެމެދު ސްޕީޑް ލޯންޗްގެ 30 ދަތުރު ކުރެއެވެ. ދަތުރެއްގެ ދިގުމިނަކީ 30 މިނިޓެވެ. ކޮޅަކަށް 150 ރުފިޔާއެވެ. ދަތުރަކަށް ޖުމްލަ 300 ރުފިޔާއެވެ. މިއީ ކ.މާފުށީގެ ވާހަކައެވެ. ގެސްޓްހައުސް އައިލެންޑްގެ ވާހަކައެވެ. މިކަމުންވެސް ބުނެދެނީ މިރަށުގައި ފަތުރުވެރިކަން ފުޅާވެފައި އޮތް މިންވަރެވެ. ޑިމާންޑް އޮތް މިންވަރެވެ.

މާފުށި ބަނދަރަށް ފައިބައިގެން ކުރިއަށްދާން އޮންނަ މަގު

ރަށުގެ ރަޖިސްޓްރީގައި އޮތީ 2200 އެއްހާ މީހުންގެ ނަމެވެ. އެކަމަކު އެރަށުގައި އަބަދުވެސް 6000 އެއްހާ މީހުން ދިރިއުޅެއެވެ. ފަތުރުވެރިންނާއި, ރަށަށް ޒިޔާރަތްކުރާ އެހެން މީހުންގެ ޖުމްލައާއެކު ރެއާ ދުވާލެއް ނިމިދާއިރު 8000 އެއްހާ މީހުން މިރަށުގައި އުޅޭނެއެވެ.

ލޯކަލް ޓޫރިޒަމްގައި މާފުށި އަތުވާކަށް ނެތެވެ. މިވަގުތުވެސް 50 ގެސްޓްހައުސް އޮޕަރޭޓް ކުރެއެވެ. އޭގެތެރޭގައި އެންމެ މަތީ ފަންތީގެ, އޭ ކްލާސް ޚިދުމަތްދޭ ތަންތަން ގިނައެވެ. އަދިވެސް އިތުރު ގެސްޓްހައުސްތައް އެޅުމުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި އެދަނީ ހިނގަމުންނެވެ. 800 ކޮޓަރި އެބަހުއްޓެވެ. އެއީ 1600 އެނދެވެ. މިއީ ރާއްޖެއިން ބޭރުގެ ފަތުރުވެރިންގެ އިތުރުން ދިވެހިންގެވެސް މަޤްބޫލް މަންޒިލެކެވެ.

މާފުށި ގެސްޓްހައުސްއެއް

މުޅި ރަށުގެ ވަށައިގެން އެކި ފަންތީގެ ސަޅި ކެފޭ ރެސްޓޯރަންޓްތަކެވެ. މޫދު ކުޅިވަރު ކުޅެން ބޭނުންވާ ފަރާތްކަށް އެފުރުޞަތު ހުޅުވާލެވިފައި އޮތީ މޫދުގައި ބޭނުން ކުޅިވަރެއް ކުޅެވޭނެ މިންވަރަށެވެ. ޚިދުމަތުގައި ޅަ ފުރައިގެ ޒުވާނުންވެސް ބައިވަރެވެ. ވަޒީފާތައް ބައިވަރެވެ. އާމްދަނީ ޑޮލަރުންނެވެ.

ކެފޭ ގާޑިޔާއެއް ކައިރީ ދެ ފަތުރުވެރިން މަޑުކޮށްލައިގެން

ރަށުތެރެއަށް ދާއިރު އާދައިގެ ރަށެއްގެ އިހުސާސް ކުރެވޭނެއެވެ. ރަށުގެ ވަށައިގެން ހިނގާއިރު ރިސޯރޓެއްގެ އިހުސާސްވެސް ކުރެވިދާނެއެވެ. ޕިކްނިކް އައިލެންޑެއްގެ އިހުސާ ޔަޤީނުންވެސް ކުރެވޭނެއެވެ. މިއީ ކ.މާފުށްޓެވެ. ލޯކަލް ޓޫރިޒަމްގައި ހުއްޓުމެއް ނެތެވެ. ފެންނަނީ އަދިވެސް ކުރިއަރާ ދާތަނެވެ. ފުދުންތެރިކަން އިތުރުވާ މަންޒަރެވެ. އިތުރަށް ތަޖުރިބާކޮށްލުމަށް ހަފްތާ ބަންދެއްގައި ޖައްސާލަމާ ހިނގާށެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.