ދިރިއުޅުން މާލެއަށް ބަދަލުކުރީ އުމުރުން އެންމެ 12 އަހަރުގައި އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ. އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ ވެލާނާގޭގައެވެ. އޭގެފަހުން ބޯޓްދަތުރުކުރަން ދިޔައެއެވެ. އެދަތުރަށްފަހު އުމުރުން 22 އަހަރުގައި ދެން ވަޅިއެއް ހިފައިގެން ވަނީ މާލޭ މަސްމާރުކޭޓަށެވެ. މިއަދުވެސް އެހުރީ އެތަނުގައެވެ. ބަދަލުވަމުން އައީ މީހާގެ އުމުރެވެ. އުމުރާ ގުޅިގެން ދެން އަންނާނެ ބަދަލުތަކެވެ. ގެންގުޅޭ ވަޅިއަށް އައި ބަދަލުތަކެވެ. އުމުރުން 65 އަހަރު ވާންދާއިރު އަދިވެސް އެކުރަނީ އެއް މަސައްކަތެކެވެ. 22 އަހަރުގައި ފެށި މަސައްކަތެވެ. މިއީ ރ.ރަސްގެތީމް އަލީ ހުސައިންގެ ވާހަކައެވެ.

އޭނާގެ ދުވަސް ފަށަނީ ހެނދުނު 6:30 ގައެވެ. މަސައްކަތް ނިމެނީ ހަވީރު 5:45 ގައެވެ. ތަންދޮވެ ސާފްކުރުމަށްފަހު ގެއަށް ދެވޭނީ އިރުއޮއްސޭ ފަހުންނެވެ. މިއީ ބަދަލެއް ނައިސް އޮތް ދުވަހުގެ ޝެޑިއުލްއެވެ. މިނިޓެއްގެ ތެރޭގައި މަހެއް ޔަޤީނުންވެސް އޭނާ ކަނޑައެވެ. މިނިޓަކު ދެމަސްވެސް ކެނޑޭކަމަށް ޔަޤީންކަމާއެކު އޭނާ ބުންޏެވެ. ނަތީޖާއަކީ އެކަށީގެންވާ އާމްދަނީއެއް ލިބުމެވެ. އެވާހަކަ އޭނާ ބުނީ ފަޚުރުވެރިކަމާއެކުއެވެ. މިއަދުވެސް އޭނާގެ އެވްރެޖް އާމްދަނީ އަކީ ދުވަލަކު 1100-1200 ރުފިޔާއެވެ. އެއަށްވުރެ ގިނައިން ލިބޭ ދުވަސްތައްވެސް މަދެއް ނޫނެވެ. އާމްދަނީ ބިނާވަނީ މަސައްކަތުގެ ސްޕީޑާއެވެ. އަލީ ހުސައިން ކުރާ މަސައްކަތަށް ބަދަލު ނައިނަމަވެސް މަސައްކަތު މާހައުލާއި, އަގުތަކަށް ބޮޑަތި ބަދަލުތަކެއް އައިސްފިއެވެ.
އެންމެ ބޮޑު ބަދަލަކީ މަހުގެ އަގަށް އައި ބަދަލު, މަސްކަނޑަން ފަށައިގެން އައިއިރު މާރުކޭޓުން ތިންރުފިޔާއަށް, ދެރުފިޔާއަށް މަހެއް ގަންނަން ލިބޭ.
އަލީ ހުސައިން
މިހާރުގެ އަގުތައްހުރި ގޮތުގެ ވާހަކަ މިރިޕޯރޓްގައި ދެއްކުމުގެ މާނައެއް ނެތެވެ. މާރުކޭޓްގެ އިމާރާތަކަށް ބޮޑު ބަދަލެއް ނާދެއެވެ. އެކަމަކު އެތަނުގައި ކުރާ ވިޔަފާރިއަށް ބޮޑު ބަދަލެއް އައިސްފިއެވެ. އެބަދަލަކީ ކުރިން މަސްވެރިން ވިއްކަމުން އައި މަސް މިއަދު ގަނެވިއްކާ މީހުން މާރުކޭޓްގައި ވިއްކަމުން ދިއުމެވެ. އަލީ ހުސައިން ފާހަގަކުރި އެންމެ ބޮޑު އެއް ބަދަލަކީ އެއީއެވެ. މާރުކޭޓްގައި މަސްކެނޑުމުގައި 40 އަހަރު ފިރުގެންދާއިރުވެސް ޖަވާބުދޭން ނޭންގޭ އެއް ސުވާލެއް އެބައޮތެވެ. އެއީ ދުވާލެއްގެ މައްޗަށް ކެނޑޭ މަހުގެ އަދަދެވެ. ” އެއީ ގުނައިގެނެއް ނޫނިއްޔަ ކަނޑަނީކިއްޔެއް” އޭނާ ބުންޏެވެ. މަސްކަނޑާ ވަޅި ދޫކޮށްލުމުގެ ވިސްނުމެއް އަދިވެސް އަލީ ހުސައިންގެ ނެތެވެ. މާރުކޭޓުން ނިކުންނާކަށްވެސް ހިތަކަށް ނާރައެވެ.

މިއީ މިކަމަށް ޝައުޤުވެރިވެގެން, އަހުލުވެރިގެން ކުރާ މަސައްކަތެއް. މިމަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތް. ހުއްޓާލައިފިއްޔާ ގައިގެ ހަކަތަ ގެއްލޭނެދޯ.
އަލީ ހުސައިން
އޭނާގެ އޮތީ ޒުވާނުންނަށް ހިތްވަރުގެ ބަހެކެވެ. ނަސޭހަތެކެވެ. އެއީ މިއީ ހަޑި މަސައްކަތެއް ނޫންކަމެވެ. ރަނގަޅު އުޖޫރައެއް މަސައްކަތުން ލިބޭތީ މަސައްކަތަށް ޒުވާނުން ނިކުންންދޭ ހިތްވަރެވެ. ކުރިއަށް ދިއުމުގެ ފުރުޞަތު އޮންނަނީ ހަމައެކަނި އޮފީހުގެ މޭޒުކައިރީ އިނދެގެން ނޫންކަން އަމިއްލަ ތަޖުރިބާއިން ބުނެދިންއިރު މޫނުމަތިން ފެންނަން ހުރީ ފަޚުރުވެރި ހިނިތުންވުމެވެ.
ޒުވާން ކުދިންނަށް ހަމަ ރަނގަޅު ވަޒީފާއެއް މިއީ. މިވަޒީފާއިން އެކުދިންނަށް ކުރިއެރުން ލިބޭނެ. ލާރި ހޯދައިގެން އަމިއްލައަށް ކިޔަންވަން ބޭނުންވާ ކުދިންނަށް އެފުރުޞަތުވެސް ލިބޭނެ.
އަލީ ހުސައިން
އަލީ ހުސައިން އުމުރުން 12 އަހަރުގައި ދިރިއުޅުން މާލެއަށް ބަދަލުކުރިޔަސް އުފަން ރަށަށް ޚާއްޞަ ލޯތްބެއް އޮވެއެވެ. ރަށަށް ދެއެވެ. އެކަމަކު ރަށުގައި ގިނަ ދުވަހު މަޑެއް ނުކުރެއެވެ. އޭނާ ބުނީ ގިނަފަހަރު އެދުވަހު ގޮސްލާފަ އެދުވަހު އަންނަނީ ކަމަށެވެ. މިއީ ރަސްގެތީމް އަލީ ހުސައިންގެ ވާހަކައިން މިންވަރެކެވެ.