މިއީ މާލެއާއި އެންމެ ކައިރިން އޮރް މީހުން ދިރިއުޅޭ ރަށެވެ. އެކަމަކު ކުރިއަށް ދިއުމުގައި މިރަށުގެ ސްޕީޑް ފެންނަނީ ލަސްކޮށެވެ. މިއަދު ގޮސް ބަލާލާއިރު އެކި މަރުހަލާތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ވަނީ ފެށިފައެވެ. ރައްޔިތުންނަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ބިންހުއްކުމާއި, ނަރުދަމާގެ މަސައްކަތް ކުރިން ނިމިފައި އޮތުމެވެ. ފެނުގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް މެދުނުކެނޑި މިހާރު ދަނީ ކުރަމުންނެވެ. ރަށުގައި އޮތް ކުޑަ ބަނދަރު މިހާރު ވަނީ ބޮޑުކޮށްފައެވެ. ބަލާލަންވެސް ރީތި ސަޅި ބަނދަރެއް މިހާރު ހިންމަފުށީގައި އެބައޮތެވެ.

ސްކޫލްގެ މަލްޓިޕާޕާސް ހޯލާއި, ހަތަރު ކްލާސްރޫމްގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. މާލެއާ ކައިރީގައި އޮތް ނަމަވެސް ޞިއްޙީ ދާއިރާއަށް ކުރިއެރުންތަކެއް ގެނައުމަކީ ރަށު ކައުންސިލްގެވެސް އެންމެބޮޑު އުއްމީދެވެ. ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ ބަޔާއެކު ލެބޯޓްރީއެއް ހެދުމުގެ މަސައްކަތް ވަނީ އިއުލާންކޮށްފައެވެ. ރަށްގިރުމުގެ މައްސަލައަކީ ބޮޑު ގޮންޖެހުމެކެވެ. އެމައްސަލަ ހައްލުކުރުމަށް މިއަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ. އަމިއްލަ ފަރާތްތަކުން ރަށުގައި އިމާރާތްކޮށްދޭ މިސްކިތެއްގެ މަސައްކަތްވެސް ވަނީ ނިމުމަކާ ގާތުގައެވެ.
ފުޓްސަލް ދަނޑެއް މިދިޔަ ދައުރުގެ ތެރޭގައި ޤާއިމްކޮށް, ޒުވާނުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނެވެ. މިދައުރުގެ ތެރޭގައި އެދަނޑު މަރާމާތުކޮށް އަލުން ރަނގަޅު ފެންވަރަކަށް ގެނައުމުގެ ހިތްހަމަޖެހުން ޒުވާނުންނަށް އެބައޮތެވެ. ރަށު ކައުންސިލުން ހަދާފައިވާ އައުޓްޑޯ ރަނގަޅު ވޮލީކޯތެއް އެބައޮތެވެ. ބޮޑު ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް އޮތީ ކުރިއަށެވެ.

ހިންމަފުއްޓަކީ އިންޑަސްޓްރިއަލް ރަށެކެވެ. އެއީ ހިންމަފުއްޓަށް އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ރާއްޖޭގައި ބޮޑުކަންނެލީގެ ވިޔަފާރީގައި އުޅޭ ތިން މަސްފެކްޓަރީއެއް މިހާރުވެސް މިރަށުގައި ހަރަކާތްތެރިވަމުންދެވެ. ޒަމާނީ ފެންވަރުގެ ބޯޓްޔާޑެއް އެބައޮތެވެ. އަދި އޭގެއިތުރުން ބްލޮކްސް ހެދުމާއި, އަދިވެސް އިތުރު އިންޑަސްޓްރިއަލް ގިނަ މަސައްކަތްތަކެއް ހިނގަމުންދެއެވެ.
މީގެސަބަބުން ރަށުގެ އިޤްތިސާދަށް ވަރަށްބޮޑަތި ފައިދާތަކެއް ކުރަމުންދާކަން ފާހަގަކޮށްލަން. ވަޒީފާ ނުލިބޭ މީހުންގެ ނިސްބަތް އެހެން ރަށްރަށާ އަޅާ ބަލާއިރު ވަރަށްބޮޑުތަން މިރަށުގައި މަދުވާނެ.
ހަސަން ފަޔާޒު- ހިންމަފުށި ކައުންސިލްގެ ރައީސް
މީގެއިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލެއް ހިންމަފުށީގައި އެބަހުއްޓެވެ. ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުވެސް ހުރީ ހިންމަފުށީގައެވެ. އެންމެ ފަހުން އެރަށުގައި ޤާއިމްކުރެވިގެން ދިޔައީ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރެވެ. މިއިން ކޮންމެ ތަނަކީ ރަށަށް ލިބޭ ކުރިއެރުމެކެވެ. ވަޒީފާތައް އިތުރުވާ ސަބަބެކެވެ. ރަށަށް ޢާމްދަނީ އިތުރުވެ އިޤްތިސާދަށް ހެޔޮ ބަދަލުތައް ގެނެސްދޭ ކަމެކެވެ.