
މާލޭގެ ހަލަބޮލި މާހައުލުން ހިނދުކޮޅަކަށްވެސް ބޭރުވެލުމަކީ ނިކަންބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެކެވެ. ހަފްތާ ބަންދުގައި އެމްއެމްއޭއިން ފެށިގެން ބޮޑު ތަކުރުފާނު ބެންކް އޮފް ސިލޯނާ ދެމެދު ހިނގާލުމުން އެކަން އިހުސާސްކުރެވޭނެއެވެ. ބުރާސްފަތި ދުވަހު ފުރަފުރައިގެން ދާން ފަށައެވެ. ގިނަބަޔަކު ދަތުރު ފަށަނީ މާލެއާއި ކައިރި ރަށްތަކާއި, ކައިރި އަތޮޅުތަކަށެވެ.
މާލެއާ ކައިރިން ކުޑަ ޚަރަދަކުން އެފަދަ އެންމެ ސަޅި މާހައުލަކީ ހިންމަފުއްޓެވެ. މާލެއިން ފުރައިގެން އެރަށަށް ދިއުމަށް ހޭދަވަނީ އެންމެ ފަނަރަ މިނިޓެވެ. މާލެއިން ހުޅުމާލެ ފޭސް ދޭކަށް ދިއުމަށްވެސް ގާތްގަނޑަކަށް ހޭދަވާނެ ވަގުތެވެ. ސްޕީޑް ލޯންޗްގައި ދުވާލަކު ހަ ދަތުރު މާލެއާއި ހިންމަފުއްޓާ ދެމެދު މިހާރުވެސް އޮވެއެވެ. އެއީ ކޮޅަކަށް 100 ރުފިޔާއެވެ. އެއަށްވުރެ ކުޑަ ޚަރަދަކުން ދާން ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީ ދޯނި ފެރީ އެބައޮތެވެ. ފަންސާހަކަށް މިނިޓަށް އެއީ ކޮޅަކަށް ތޭވީހަކަށް ރުފިޔާއެވެ. މީގެއިތުރުންވެސް ދޯނި ފެރީތައް މާލެއާއި ހިންމަފުއްޓާ ދެމެދު ދަތުރުކުރެއެވެ.

ހިންމަފުއްޓަށް ފައިބާއިރު ބަނދަރު މަތީގައި ހުރި ރުށްގަސްތަކުން ހިތަށް ފިނިކަން ލިބެއެވެ. ކާބޯތަކެތި ވިއްކާ ކެފޭތައް އެހުރީ ބަނދަރުމަތީގައެވެ. އަގު ހެވެވެ. ރަށުތެރެއަށް އަރައިގެންދާއިރުވެސް މަގުތަކުގެ ދެފަރާތުގައި ހެދިފައިވާ ގަސްތަކުން ފިނިކަން ލިބެއެވެ. ޕިކްނިކް ގޮސްއުޅުމަށް ޚާއްޞަ ސަރަހައްދެއް އެބައޮތެވެ. އިށިއިނދެ ތިބެލުމަށް, މަޑުކޮށްލުމަށް ހަޓްތައް ހުރީ ހަދާފައެވެ.
ރަށުގެ ރަޖިސްޓްރީގައި އޮތް ނަމްބަރުން ބަލާނަމަ އާބާދީ ބޮޑެއް ނޫނެވެ. ގާތްގަނޑަކަށް 1260 އެއްހާ މީހުނެވެ. އެކަމަކު ރަށުގައި ދިރިއުޅޭ އާބާދީ ދެހާހަށްވުރެ މައްޗެވެ. އެންމެ ބޮޑު ސަބަބަކީ އިންޑަސްޓްރިއަލް ގިނަ މަސައްކަތްތަކެއް ކުރާ ރަށަކަށް ވުމެވެ. ވަޒީފާގެ ގިނަ ފުރުޞަތުތަކެއް އޮތް ރަށަކަށްވުމެވެ. ރަށުގައި ވަޒީފާ ބޭނުންވެ, ވަޒީފާއެއް ނެތް މީހެއް ނެތެވެ. ކުރާނެ ކޮންމެވެސް މަސައްކަތެއް އެބައޮތެވެ. ރަށުން ބޭރުގެ ބޮޑު އާބާދީއެއްވެސް އޮތީ އެސަބަބާހުރެއެވެ.

ރަށު ރައްޔިތުންގެ އުއްމީދުތައް މިހާރު އެންމެ ބޮޑަށް ގުޅިފައިވަނީ ލޯކަލް ޓޫރިޒަމްއާއެވެ. މިވަގުތު 17 ގެސްޓްހައުސް އެބަހުއްޓެވެ. އެކަމަކު އެއީ ޒަމާނީ ތަންތަނެއްނޫނެވެ. މާލޭގެ އިތުރުން އެއަޕޯރޓްވެސް އެހާ ކައިރީގައި އޮތް ރަށެއް ލޯކަލް ޓޫރިޒަމްގައި ހަޤީޤަތުގައި މިހާރުވެސް އޮތީ ވަރަށް ފަހަތުގައެވެ. އެކަމަކު މިހާރު ބޮޑަތި އިނެވެސްޓްމަންޓްތައް އަންނަތަން އެބަފެނެއެވެ. ލޯކަލް ޓީރިޒަމް ބާރަށް ކުރިއަރައިގެން ހިނގައިދާނެކަމުގެ ކޮޅުމަތި އެބަފެނެވެއެވެ. ކައުންސިލްގެ އުއްމީދަކީވެސް ފަތުރުވެރިކަން ކުރިއަރާ, އެރަށަކީ މިހާރަށްވުރެވެސް ގިނަ މީހުން ޝައުޤުވެރިވާ ޒިޔާރަތްކުރާ ރަށަކަށް ވުމެވެ.
ދިވެހިންނަށްވެސް ޚާއްޞަކޮށްގެން ފަތުރުވެރިކަން ވަރަށްބޮޑަށް ފުޅާވެފައި އޮތް ހިތްފަސޭހަ ރަށަކަށް މިރަށް ހެދިގެން ދިއުން އަޅުގަނޑުމެންގެ އުއްމީދަކީ. އެކަމަށް ޕްލޭނެއް އެބައޮތް. ވޯޓާ ސްޕޯރޓްސްއާއި ވޯޓާ ޕާކްފަދަ ތަންތަން ހަދައިގެން މިރަށަށް އަންނަ ފަރާތްތަކަށް އެކަށީގެންވާ މާހައުލެއް މިރަށުގައި ޤާއިމްކުރުން.
ހަސަން ފާއިޒު- ހިންމަފުށި ކައުންސިލްގެ ރައީސް
މިހާރުވެސް ހިންމަފުއްޓަކީ ގިނަ އަދަދަކަށް މީހުން ޒިޔާރަތްކުރާ ރަށެކެވެ. ހަފްތާ ބަންދުގައި ދިވެހިން ޒިޔާރަތްކުރާ ނިސްބަތްވެސް ގިނައެވެ. އޭގެތެރޭގައި މާލޭގެ ސްކޫލްތަކުން ތަފާތު ޕްރޮގްރާމްތަކާއި, ކޭމްޕްތަކަށް ދާދިއުންވެސް ހިމެނެއެވެ. ސާފިންގ ޕޮއިންޓްތަކެއް ހުރުމުން މޫދަށް ޝައުޤުވެރިކަން ބޮޑު ފަތުރުވެރިންގެވެސް މަޤްބޫލް މަންޒިލަކަށް ހިންމަފުށި ވެއެވެ. އިތުރަށް ފަތުރުވެރިކަން ފުޅާކުރަން ކުރެވޭނެ ކިތަންމެ ކަމެއްވެސް އަދިވެސް އެބަހުއްޓެވެ.