
ފަނަރަ މިނިޓްގެ ދަތުރަކަށްފަހު ހިންމަފުއްޓަށް އަޅުގަނޑު އެރީ ހެނދުނުގެ ވަގުތެއްގައެވެ. ކޮފީއަކުން ފުރަތަމަ ބައްދަލުވީ ކެފޭގައި ތިބި މެދު އުމުރެއްގެ ހަތަރު މީހުންނެވެ. އޭގެތެރެއިން ހަލުވި ކަމާއެކު ވާހަކަދައްކަމުން ދިޔައީ ދެމީހުންނެވެ. އެމޭޒުގައި އަޅުގަނޑު އިށިއިނީ ޓީވީން ފެންނަ ވައްތަރު ޖަހައޭ ބުނެ އިޝާރާތްކޮށްލުމުންނެވެ. ދެކެވެނީ ކޮންވާހަކައެއްތޯ ސުވާލުކޮށްލުމުން އެތަނުން އެކަކު ބުނީ މިތާ އޮންނާނީ މަސްކެއުން ކަމަށެވެ. އެކަން ބޮޑަށް އޮންނާނީ އެހެރަ ތަނުގައި ކަމަށްބުނެ އިޝާރާތްކުރީ ބަނދަރު ސަރަހައްދުގައި ހުރި ދެ ފިނި މައިޒާނަށެވެ.
އެތާ އެއީ ހައިކޯޓާއި, ސްޕްރީމް ކޯޓް. އެތަނުން ނުނިމޭނެ ހަމައެއްކަމެއްވެސް ނޯންނާނެ.
ހިންމަފުށި ރައްޔިތެއް
އޮއްޓަރުހުރި ރަށުގެ ކޮންމެސް ވާހަކައެއް ދައްކަންވީނޫންތޯ ސުވާލުކޮށްލުމުން ބުނީ މިއީ ކުރިއަރަންވާ ވަރަށް ކުރިނާރާ ރަށެއްކަމަށެވެ. ރަށު މީހުންވެސް އެވަރަށް ކަމެއް ކުރަން ނޫޅޭ ކަމަށެވެ. ” އަހަރެމެން ދެމީހުންނަކީވެސް މިރަށު ދެމީހުނެއް ނޫން, މިރަށު މީހުންނާ އިނދެގެން މިއުޅެނީ. އަހަރެމެން މަސައްކަތުގައި މިއުޅެނީ” އެތަނުން އެކަކު ވާހަކަ ފެށިއެވެ. އެހެން ގޮސް އެކިކަހަލަ ވާހަކާގައި ބައިގަޑިއެއްހާއިރު އިނީމެވެ. ބިލް ދެއްކީވެސް އޭގެތެރެއިން އެކަކެވެ. އެދެކެވުނު ވާހަކަ ބާއްވާށެވެ.
އެކޮފީއަށްފަހު ތިން ގަޑިއެއްހާއިރު ރަށުތެރޭގައި އުޅުނީމެވެ. ފުރަން އޮތީ 13:30 ގައެވެ. ބައިގަޑިއެއްހާއިރު ކުރިން ބަނދަރަށް ނިކުމެ ވަނީ ހައިކޯޓަށެވެ. އެތަނުގައި އެވަގުތު ތިބީ ހަތަރު މީހުންނެވެ. ކޯޓްގައި ބަހުސްތައް ބޮޑަށް މިއޮންނަނީ މެންދުރު ކެއުމަށްފަހުއެވެ. އެހެންކަމުން ބޮޑަތި މަޝްވަރާތައް އަޑުއަހާލެވޭވަރެއް ނުވިއެވެ. ހައިކޯޓަށް ވަދެ ރަށުގެ ކަންކަމާ ގުޅޭގޮތުން އަޅުގަނޑުކޮށްލީ ސުވާލެކެވެ. އެފެށުނީއެވެ.
ދިވެހިރާއްޖޭގައި އެންމެ ގިނަ ފައިސާ ވަންނަ ރަށަކަށްވާނެ މިރަށް. ސިނާއީ މަސައްކަތްތަކަށް ދޫކޮށްފަ ހުރި ބިންތަކަށް މަހެއްގެ މައްޗަށް ފަސްލައްކައެއްހާ ރުފިޔާ ކައުންސިލަށް ވަންނާނެ. އެކަމަކު އަސްލު ކައުންސިލަކީ އެއްވެސް ކަމެއް ކުރުމުގެ ޤާބިލްކަން އޮތް ކައުންސިލެއް ނޫން.
ހިންމަފުށި ރައްޔިތެއް
ވާހަކަދައްކަން ފެށި ފުރަތަމަ މީހާއަށް ގޯސްވީ ކައުންސިލެވެ. ތަފްސީލަށް ދަމުން ބުނީ އެމީހަކު އުޅޭނެ ގޮތަކަށް އުޅެން މިއީ ވަރަށް ފަސޭހަ ރަށެއްކަމަށެވެ. އެމީހަކު އުޅޭނެގޮތަކަށް އުޅެން މިއަށްވުރެ ފަސޭހަ ރަށެއް އޮންނާނެކަމަކަށް އޭނާ ޤަބޫލެއް ނުކުރެއެވެ. އޭނާ ބުނީ ކައުންސިލުން އެއްވެސް ކަމަކާ ނުބެހޭނެކަމަށެވެ. އުމުރުން ދުވަސްވީ މީހަކު އެވާހަކަތަކަށް ބާރުދިނެވެ. ބުނީ އެދައްކަނީ ރަނގަޅު ވާހަކަ ކަމަށެވެ.
ދެން ވާހަކަ ފެށީ ޖެހިގެން އިން މީހާއެވެ. ވާހަކަފެށީވެސް ތާއީދުކުރަމުންނެވެ. ކައުންސިލްގެ އިތުރުން ޢާއްމުރައްޔިތުންވެސް އޭނާއަށް ކަމަކު ނުދެއެވެ. ބުނީ ރަށަށް ރުފިޔާ ވަނަސް ރަށް ތަރައްޤީކުރަން ކައުންސިލުންވެސް ޢާއްމު ރައްޔިތުންވެސް މާބޮޑު އަހައްމިއްޔަތުކަމެއް ނުދޭކަމަށެވެ. އޭނާ މިސާލުދެއްކީ ރަށުގައި ހުރި ގެސްޓްހައުންތަކުންނެވެ.
ރަށުގައި 17 ގެސްޓްހައުސް ހުރިއިރުވެސް ރޭވުންތެރިކަމެއްނެތި ވަރަށް އާދައިގެ ގޮތަކަށް ހަދާފައެހުރީ, މިތަނުގައި އިންވެސްޓްކުރާނެ މީހުންވެސް މަދު. އެކަމަކު މިހާރު އެބައުޅޭ ދެބަޔަކު އިންވެސްޓްކުރަން. ހީވަނީ ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެހެން.
ހިންމަފުށި ރައްޔިތެއް
އޭނާގެ ދެން އޮތް ބޮޑު ކަންބޮޑުވުމަކީ ތައުލީމީ ގޮތުން ހޭލުންތެރިކަން ކުޑަވުމެވެ. އޭނާ ޤަބޫލުކުރާގޮތުގައި ތައުލީމީ ގޮތުން ރަށުގެ ފެންވަރު ދަށްކަމަށެވެ. އޭގެ އެއް ސަބަބަކީ ވަޒީފާގެ ފުރުޞަތުތައް ތަންމިނަށް ރަށުގައި އޮތުންކަމަށް އޭނާ ދެކެއެވެ. އެކަމަކު އެކަންވެސް ކޮންމެވެސް ވަރަކަށް ބަދަލުވާތަން ފެނުމަކީ ހިތްހަމަޖެހުމެއްކަމަށް އޭނާ ބުންޏެވެ.
އެހިސާބުން އަނެއްކާވެސް ވާހަކަ ފެށީ ފުރަތަމަ ވާހަކަދައްކަން ފެށި މީހާއެވެ. އޭނާއަކީ ގެސްޓްހައުސްއެއް ހިންގާ މީހެއްކަން އިނގުނީ އަދިކިރިޔާއެވެ. އަމިއްލައަށް އެކަން ފާހަގަކޮށް ދެން ފެށީ އެކަމަށް އޮތް ގޮންޖެހުންތަކުގެ ވާހަކައެވެ.
ހަޤީޤަތުގައި މިރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބީޗް ނެތް މައްސަލަ. ސާފިން ޕޮއިންޓްތަކެއް ހުރުމުން ރަށުގައި ފަތުރުވެރިކަން ރަނގަޅު އަށްމަސްދުވަސް އަންނާނެ. އަނެއް ހަތަރުމަސް ދާނީ ވަރަށް ސުމެއްގައި.
ހިންމަފުށި ރައްޔިތެއް
އޭނާ ވާހަކަ ކުރިއަށްގެންދަމުން ބުނީ ރަށަށް މީހުން އަޔަސް ރަނގަޅު ރީތި ބީޗެއް ނެތުމުން މީހުން މަޑުކުރަން ބޭނުންނުވާކަމަށެވެ. އަދި ކުރިއަށްވުރެސް މިހާރު ރަށުގެ ބީޗްގެ ހާލަތު ގޯސްކަމަށް އޭނާ ބުންޏެވެ.
ވާހަކަ ނިންމާލަމުންވެސް ބުނީ އެންމެ ބޮޑު މައްސަލައަކީ ބީޗެއް ނެތުން ކަމަށެވެ. ދެން އަޅުގަނޑާ ސުވާލުކުރީ ވަގުތު އޮތްތޯއެވެ. އޭރު ލޯންޗް ފުރާ ގަޑިޖެހެން އޮތީ ހަ މިނިޓެވެ. ދެމިނިޓްތެރޭ ގެނެސްދޭނެކަމަށް ބުނެ ސައިކަލް ފަހަތަށް އަރަން އިޝާރާތްކުރުމުން ސައިކަލް ފަހަތަށް އެރީމެވެ. ގެންގޮސްދެއްކީ ބީޗެވެ. އެތަނުން ފެނުން މަންޒަރު މަތީގައިވާ ވީޑިއޯއިން ފެންނާނެއެވެ. ކޮންމެއަކަސް ވަގުތު ނެތުމުން އެނބުރި ބަނދަރަށް ދިޔައީ ލޯންޗަށް އަރާށެވެ.
ނިންމާލަމުން ފާހަގަކޮށްލަން އޮތީ މިއީ ހައިކޯޓްގެ ނިންމުމެއް ކަމަށެވެ. މިނިންމުން ދެން ބަދަލުކުރެވޭނީ ޖެހިގެން ހުރި ސްޕްރީމް ކޯޓަށެވެ. ކައުންސިލަށްވެސް މިކަންކަމުން ދިފާއުވެވޭނީ ހައިކޯޓް ނުވަތަ ސްޕްރީމް ކޯޓްގައެވެ. ރަށު ކައުންސިލް އިދާރާގައި މިކަންކަމުން ދިފާއުއެއް ނުވެވޭނެއެވެ. އެހެންނަމަވެސް ރަށުގައި ކައުންސިލުން ކުރަމުންދާ އަދި ކޮށްފައިހުރި ވަރަށް ރަނގަޅު ކަންކަން އަޅުގަނޑު ދުށީމެވެ. އެވާހަކަތައް އެހެން ފަހަރަކުން ހއްސާކޮށްލާނަމެވެ. އެހެނަސް ހައިކޯޓްގެ ނިންމުން އަޅުގަނޑަށްވެސް ބާތިލެއް ނުކުރެވޭނެއެވެ.