2023 ވަނަ އަހަރު ސްކޫލްގެ ކިޔެވުން ފެށިއިރު ނ.ލަންދޫ ސްކޫލްގެ ދަރިވަރުންނަށްވެސް އަދި ޓީޗަރުންނަށްވެސް ލިބުނު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ސްކޫލްގެ ގޯތިތެރޭގައި އޮތް ހިތްގައިމު މާހައުލެވެ. ތަންކޮޅެއް ކުރިން ސްކޫލަށް ދެވުނަސް މަޑުކޮށްލާނެ ހިތްގައިމު ސަރަހައްދެކެވެ. ބެލެނިވެރިންނަށްވެސް ހުޅުވާލާފައިވާ ހިޔަލެކެވެ. ދަރިވަރުންގެ ވަގުތުތައް އަގުހުރި ގޮތުގައި ހޭދަކޮށްލަން މަޑުކޮށްލާނެ މައުލޫމާތުގެ ހަޒާނާއެކެވެ. ޓީޗަރުންގެ ބައްދަލުވުންތަކަށް މާ ސަޅި ތަނެކެވެ. ފޮތް މާރކްކޮށްލަން ތިބެންވެސް ހާދަ ހިތްގައިމެވެ. މިއީ ލަންދޫ ސްކޫލް އައުޓްޑޯ ލައިބްރަރީގެ ވާހަކައެވެ.

ހިޔާދޭ ބޮޑު ގަހެއްގެ ދަށުގައި ޖޯލިތަކެވެ. ސިމެންތި އަށްޓެވެ. ލަކުޑިން ހަދާފައިވާ ގޮނޑިތަކެވެ. އެލުވާފައިވާ އުނދޯލިތަކެވެ. މިއީ ހިތްފަސޭހަ މައިޒާނެއް ނޫނެވެ. ސްކޫލްގެ ލައިބްރަރީއެވެ. އެކަމަށް ހަމަ ވަރަށް ހިތްފަސޭހަ ހިތްގައިމު މާހައުލެކެވެ. ކޮންމެ ދަރިވަރަކަށް ކޮންމެ ޓީޗަރަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
ލަންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އަބުދުއްރަހީމް ވިދާޅުވީ ރަށުގެ މުއައްސަސާތަކާއި, ސްކޫލްގެ މުވައްޒަފުންނާއި, ބެލެނިވެރިންގެވެސް އެހީގައި ތައްޔާރުކުރެވުނު ލައިބްރަރީއަކީ ސްކޫލް މާހައުލަށް ބޮޑު ބަދަލެއް ގެނުވި މުހިއްމު ތަނެއްކަމަށެވެ. އެތަނުގެ ސަބަބުން މިހާރުވެސް ކުރިއެރުންތަކެއް ހެޔޮ ބަދަލުތަކެއް ފެންނަން ފަށައިފިކަމަށެވެ. އެންމެ ސަޅި ކަމަކީ އެއީ ސްކޫލްގެ ހުރިހާ ދަރިވަރުންނަށް އެއްވަގުތެއްގައިވެސް ބޭނުންކޮށްލެވޭނެ ތަނަކަށް ވުމެވެ.
ފޮތްތައް ލައިބްރަރީއަށް ނެރެމުން މިދަނީ ވަކި ތީމްއަކަށް. އެއް ދުވަހު އިނގިރޭސި ފޮތް ހުރިއްޔާ އަނެއްދުވަހު ހުންނާނީ ދިވެހި ފޮތް. ސްކޫލްގެ ގިނަ ގަޑިތަކެއްވެސް މިހާރު މިތާ ބޭރުގައި އެބަނަގާ. އެއީ ދަރިވަރުންނަށްވެސް އަދި މުދައްރިސުންނަށްވެސް ވަރަށް ހިތްގައިމު މާހައުލަކަށް މިމާހައުލް ވެގެން މިދަނީ. އަޅުގަނޑުމެންގެ އަމާޒަކީ ދަރިވަރުންގެ ފޮތްކިޔުންތެރިކަން އިތުރުކުރުން. ދަރިވަރުން ފޮތާއެކީ ހޭދަކުރާ ވަގުތު އިތުރުކުރުން.
ޔޫސުފް އަބުދުއްރަހީމް- ލަންދޫ ސްކޫލް ޕްރިންސިޕަލް
ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ އެކަން ހާސިލްވަމުންދާތަން މިހާރުވެސް ފެންނަކަމަށެވެ. ފުރަތަމަ ތިން ހަފްތާއަށް ބަލާއިރުވެސް ދަރިވަރުން ފޮތް ކިޔުމުގައި ހޭދަކުރާ ވަގުތު އިތުރުވެފައިވާކަން ފާހަގަކުރެވިއްޖެކަމަށް ވިދާޅުވިއެވެ.
ސްކޫލްގެ ދަރިވަރުންވެސް ފާހަގަކުރިގޮތުގައި އައުޓްޑޯ ލައިބްރަރީ ހުޅުވުމުން ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. އަދި މާހައުލަށް އައި ބަދަލުގެ ސަބަބުން ޝައުޤު ވަރަށްބޮޑަށް އިތުރުވެފައިވާކަން ދަރިވަރުން ފާހަގަކުރިއެވެ. އެކަމުގެ ޝުކުރު ދަރިވަރުން ވަނީ ސްކޫލް މެނޭޖްމަންޓަށް އަދާކޮށްފައެވެ.

ސްކޫލްގެ މުދައްރިސުންވެސް ފާހަގަކުރާ ގޮތުގައި މާހައުލުގެ ސަބަބުން މުދައްރިސުންނަށްވެސް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ކްލާސްރޫމާއި, އޮފީސް މާހައުލުން ނިކުމެ ގުދުރަތީ ވައިގެ ތެރޭގައި ހިޔަލުގެ ތެރޭގައި މަސައްކަތްކުރަން ފުރުޞަތު ލިބުމަކީ ހިތާއި ސިކުނޑިއަށްވެސް ހެޔޮ ބަދަލު އަންނަކަމެއްކަން މުދައްރިސުން ފާހަގަކުރިއެވެ.
އައްޓްޑޯ ލައިބްރަރީ ހެދިފަހުން ވަރަށް ފަސޭހަ ކިޔަވައިދޭންވެސް. ކުދިން އަސްލު ވަރަށް ލައިކްވޭ މިމާހައުލަށް. ދެން އަޅުގަނޑުމެންނަށްވެސް ކްލާސް ގަޑި ނިންމާލާފަ އެނބުރި ސްޓާފް ރޫމަށް ދިއުމުގެ ބަދަލުގައި މިތަނުގައި ތިބެގެން ފޮތްތައް މާކްކޮށްލާ ހަދާލަން ތިބެންވެސް ވަރަށް ފަސޭހަ.
ލަންދޫ ސްކޫލްގެ މުދައްރިސެއް
މިފަދަ ބަދަލުތައް ސްކޫލް މާހައުލަށް އަންނަމުންދާތަން އެކި ސަރަހައްދުތަކުން ދަނީ ފެންނަމުންނެވެ. މިފަދަ ހެޔޮ އަވަސް ބަދަލުތަކެއް ގެނައުމަކީ ސްކޫލް ފެންވަރުގައި, ރަށު ފެންވަރުގައި ބެލެނިވެރިންގެ ފެންވަރުގައި އަދި ރަށްރަށުގެ ކްލަބް ޖަމްއިއްޔާތަކުގެ ފެންވަރުގައި ކުރެވެން ހުރި އޭގެ ނަތީޖާ ބޮޑު ކަންކަމެވެ. ވަށާޖެހޭ ތައުލީމީ ނިޒާމަކަށް ނުހަނު މުހިއްމު ކަމެކެވެ.
