ބީއެމްއެލްގެ ހަދިޔާއެއް, ޒުވާނެއްގެ އިސްނެގުމެއް!

662
ގުންބަރު ބާބަކިޔު ސަރަހައްދު ތަރައްޤީކުރުމުގައި ބައިވެރިވި ބައެއް ޒުވާނުން

އަހުމަދު ރަޝީދު ނުވަތަ ލައިބުއަކީ ރަށުގެ ހަމަ ކޮންމެ ޒުވާނެއްގެ އިހުތިރާމާއި, އިތުބާރު އޮތް ޒުވާނެކެވެ. ނ.ލަންދޫގެ އެޒުވާނާ އިތުބާރާއި އިހުތިރާމް ހޯދީ އޭނާގެ އިސްނެގުމާއި ލީޑަރޝިޕުންނެވެ. އެރަށު ގުންބަރު ބާބަކިޔު ޞަރަހައްދަކީ އޭގެ އެންމެ މިސާލެކެވެ.

2022 ވަނަ އަހަރު ބީއެމްއެލްއިން ކޮމިއުނިޓީ ޕްރޮޖެކްޓަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލުމުން އެރަށުން އެކަމަށްވެސް އިސްނެގީ އޭނާއެވެ. އެހެން ރަހުމަތްތެރިންގެ އެހީއާއެކު ޕްރޮޕޯސަލް ހުށަހެޅީ ރަށުގައި ބާބަކިޔު އޭރިޔާއެއް ތަރައްޤީ ކުރާށެވެ. އެއީ އެފަދަ ތަނެއް ރަށުގައި ނުވެސް ނެތުމުންނެވެ. ނަސީބު ވަރަށް ރަނގަޅެވެ. ޕްރޮޕޯސަލް ކާމިޔާބުވެ ދިވެހިންގެ ބެންކްގެ ފަންޑް ލިބުނެވެ. ކައުންސިލްގެ މަޝްވަރާގެ މަތީން ބާބަކިޔު ސަރަހައްދު ތަރައްޤީކުރީ ރަށުގެ ބަނދަރު ސަރަހައްދުގައެވެ. މަސައްކަތުގައި ރަށުގެ މުއައްސަސާތަކާއި, ޒުވާނުންގެ ބައިވެރިވުން ލިބުނެވެ. ނަތީޖާއަކީ ކުރު މުއްދަތެއްގެ ތެރޭގައި އެތަން ތަރައްޤީކޮށް ނިންމާ ކައުންސިލާ ހަވާލުކުރުމެވެ. ރައްޔިތުންނަށް ހަދިޔާކުރުމެވެ. އޭނާއަށްވެސް އަދި މަސައްކަތުގައި ބައިވެރިވި ކޮންމެ ޒުވާނަކަށްވެސް ލިބޭ އެންމެބޮޑު އުފަލަކީ އެތަނުގެ ބޭނުން ރަށުގެ ރައްޔިތުން ހިފަމުން ދިއުމެވެ. ބޭނުންތެރި ތަނަކަށް އެތަން ވުމެވެ.

ޢާއްމުކޮށް ހަމަ ހަވީރުގަޑީގައި ކުޑަކުދިން ގޮވައިގެން އައިސް ހިތްގައިމު މަންޒަރުތައް ބަލާލަން, ބާބަކިޔު ހަދަން އާއިލާތައްވެސް އާދޭ. މިތަނަކީ ދެން ބީއެމްއެލްގެ ފަރާތުން ލަންދޫގެ ރައްޔިތުންނަށް ކޮށްދިން ވަރަށްބޮޑު ހަދިޔާއެއް.

އަހުމަދު ރަޝީދު- ޕްރޮޕޯސަލް ހުށަހެޅި ޒުވާނާ

ކުންފުނިތަކާއި, ވިޔަފާރިތަކުން މިފަދަ ޖަމާއަތަށް ފައިދާހުރި މަސައްކަތްތަކުގައި އެހީތެރިކަން ދޭނަމަ ކްލަބް ޖަމްއިއްޔާތަކުގެ އިތުރުން ވަކިވަކި ފަރުދުންވެސް އަމަލީ ގޮތުން މަސައްކަތްކުރަން ތައްޔާރަށް ތިބިކަން މި ޕްރޮޖެކްޓުން ހާމަވެއެވެ. ލީޑަރޝިޕް ހުރި, ރަށަށް, ޖަމާއަތަށް ޚިދުމަތްކުރުމުގެ ޝައުޤު ބޮޑު ޒުވާނުން ތިބިކަން ޔަޤީންވެއެވެ. ބޭނުންވަނީ މިފަދަ އެހީގެ އަތްތައް ދިއްކޮށްލާނެ ގިނަ ވިޔަފާރިތަކެވެ. ކުންފުނިތަކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.